ހދ. ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ 40 ރޯ ހައުސް މަރާމާތު ކުރަން ފެނަކަ ކޯޕަރޭޝަނާ ހަވާލު ކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މަސައްކަތް ފެނަކަ ކުންފުންޏާ ހަވާލު ކޮށްފައި ވަނީ 23 މިލިއަން ރުފިޔާ އަށެވެ. އެއީ 190 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާށެވެ.
އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހާލިސް ޝަރީފެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކުޅުދުއްފުށީގެ ތިން ސަރަހައްދެއްގައި ޖުމްލަ 166 ރޯހައުސް އިމާރާތް ކުރި އެވެ. އެއީ ހިއްކި ސަރަހައްދުގައި އެޅި 100 ރޯހައުސް އާއި އެ ރަށު ޖަލާލުންދީން ސްކޫލު ކައިރީގައި އިމާރާތްކުރި 18 ރޯހައުސް އަދި އެހެން ސަރަހައްދެއްގައި އެޅި 40 ރޯހައުސް އެވެ.