މޯލްޑިވްސް ޕޮލިސް ސާވިސް

ޝިފާޒް ހައްޔަރެއް ނުކުރަން، ހާޒިރެއްވެސް ނުކުރޭ: ފުލުހުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ހައްޔަރު ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގު ކޮށްފި އެވެ.

ބަނގުރަލުގެ މައްސަލައެއްގައި ޝިފާޒް ހައްޔަރު ކޮށްފައިވާ ކަމަށް ބުނެ ރޭ ވަނީ ޚަބަރު ފަތުރި އެވެ. އެ ވާހަކަތައް ދޮގު ކޮށް ފުލުހުން ބުނީ އެއްވެސް މައްސަލައެއްގައި ޝިފާޒް ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލައާއި ގުޅިގެން ރޭގެ ވަގުތެއްގައި ޝިފާޒް ފުލުހަށް ހާޒިރު ކޮށްފައިވެސް ނުވާނެ ކަމަށެވެ.

"އެއްވެސް މައްސަލައެއްގައި މިނިސްޓަރު ޝިފާޒް، ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިނުވާ ކަމާއި އަދި ހައްޔަރު ކޮށްފައި ވެސް ނުވާ ކަމަށް ދަންނަވަން." ފުލުހުންގެ ޓްވީޓެއްގައި ވެއެވެ.

ޝިފާޒް ވެސް ވަނީ އޭނާ ހައްޔަރުކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފަ އެވެ.

ޝިފާޒް ހައްޔަރު ކޮށްފައިވާ ކަމަށް ޚަބަރުފެތުރުނު އިރު އެމްޑީޕީގެ ނާއިބު ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާ އޭނާ ގެންދަވަނީ ކެންޕޭން ކުރައްވަމުންނެވެ.