ވެމްކޯ

ކުނި ކޮތަޅެއް ގެންދިއުމަށް ދެކޮޅު ހެދުމުން ހަމަލާދީފި

މޯލްޑިވްސް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފަކަށް މިރޭ ހަމަލާދީފި އެވެ.

މާފަންނު ކުނޫޒް ސަރަހައްދުގައި ހިނގި މި ހާދިސާގައި ވެމްކޯގެ މުވައްޒިފަކަށް، މީހަކު ހަމަލާދީފައިވަނީ އޭނާ ހަވާލުކުރި ކުނި ކޮތަޅު ގެންދިއުމަށް ދެކޮޅު ހެދުމުންނެވެ.

އެ ވަގުތު އެ ސަރަހައްދުގައި ހުރި އަވަސްގެ ނޫސްވެރިއަކު ބުނީ ވެމްކޯގެ އެ މުވައްޒިފު ކުނި ކޮތަޅާ ހަވާލުނުވީ ރަޖިސްޓްރީނުކޮށް ކުނި އުކާ ނުދެވޭނެ ކަމަށް ބުނެއެވެ. އަދި އެމީހާ އެހެން ބުނުމުން ކުނި ކޮތަޅު ހިފައިގެން ހުރި މީހާ އޭނާއަށް ހަމަލާދީ ބޮލަށް ކުނި ކޮތަޅު އެއްލާލުމަށްފަހު ދިޔައީ ކަމަށެވެ.

ފުލުހުން މިހާރު ވަނީ އެސަރަހައްދަށްގޮސް އެކަން ހިނގާދިޔަ ގޮތް ބަލަމުންނެވެ.

މިިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ވެމްކޯގެ މުވައްޒިފަކަށް ވަނީ ހަމަލާދީފައެވެ. ވެމްކޯގެ ޔުނީފޯމްގައި ހުރި މީހަކާއި މަގުމަތީގައި ހުރި އާންމު މީހަކާ ދެމެދު ޒުވާބުކޮށް، އެސްލޯން ހޮޅިއަކުން ވެމްކޯގެ މުވައްޒަަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމުން ފުލުހުން ވަނީ އެމީހާ ހޯދަން އިއުލާނުކޮށްފައެވެ. ފަހުން އެމީހާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން އޭނާ ހައްޔަރުކުރި ކަމަށް ފުލުހުން ބުނެއެވެ.