ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓަށް ބާރު ބޮޑު، ވަގުތު އޮއްވާ ދާން އެދިއްޖެ

ކުރިއަށް އޮތީ އަހަރުގެ ބޮޑު ޗުއްޓީ ދުވަސްވަރަށް ވުމުން، ގިނަ ބަޔަކު އަތޮޅުތަކަށާއި ރާއްޖޭން ބޭރަށް ފުރާތީ އެއާޕޯޓުން ފުރާ ފަސިންޖަރުން، ވަގުތު އޮއްވާ އެއާޕޯޓަށް ދިއުމަށް ވީއައިއޭ ހިންގާ އެމްއޭސީއެލް އިން އެދެފި އެވެ.

އެ ކުންފުނިން މިއަދު ބުނީި، އިންޓަނޭޝަނަލް ދަތުރުތަކުގައި ފުރާ ފަސިންޖަރުން ފުރުމުގެ ތިން ގަޑިއިރު ކުރިން އަދި ޑޮމެސްޓިކް ދަތުރުތަކުގައި ދާ ފަސިންޖަރުން ފުރުމުގެ ދެ ގަޑިއުރު ކުރިން އެއާޕޯޓަށް ދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ކިޔުތައް ދިގު ވުމާއި ފްލައިޓު ޑިލޭވުމަށް ޖާގަ ނުދިނުމުގެ ގޮތުން ވަގުތު އޮއްވާ އެއާޕޯޓަށް އައުމަށް އެދެން" އެމްއޭސީއެލް އިން ކުރި ޓްވީޓުގައި ވެ އެވެ.

އަހަަރީ ބޮޑު ޗުއްޓީ އާއި ފަތުރުވެރިކަމުގެ ޕީކް ސީޒަން ގޮތުގައި ވެފައި އޮންނަ ނޮވެމްބަރު ފަހުކޮޅުން ޖެނުއަރީ އަކީ އެއާޕޯޓަށް އަބަދުވެސް ބާރުބޮޑު ދުވަސްވަރެކެވެ.

މިއީ ޕީކް ސީޒަން ކަމުން އެއާޕޯޓު ޓްރެފިކަށް ބާރު ބޮޑުވެފައިވާކަން ވެސް އެއާޕޯޓުން މީގެ ދެދުވަސް ކުރިން ވަނީ ބުނެފަ އެވެ.