ފާހާނާ އެހުރީއޭ ބުނެ ދެއްކުމުން ދޮރު މައްޗަށް އަރާ ބަލައިލުމުން މިވާނީ ގުދަނަކަށޭ ހީވި އެވެ. މި ތަނަކު ރަނގަޅު އަލިކަމެއް ވެސް ނެތެވެ. ދުވާލުގެ ވަގުތަކަށް ވުމުން ބޭރުން ވަންނަ އަލިކަމެއް އޮތުން ފިޔަވައި އިތުރު އައްޔެއް މިތާކު ނެތެވެ. ކަރަންޓު ހަރަދު ކުޑަކުރަން ބޮކި ނުދިއްލަނީ ކަމަށް ވެސް ވެދާނެ އެވެ. އެތެރެ އަށް ވަދެ ރަނގަޅަށް ބަލައިލުމުން މޭޒެއްގެ މަތީ ބޯ އަޅާލައިގެން އެއޮތީ މީހެކެވެ. އޭނާ އެ އޮތީ ކޮންމެ ވެސް ވަރަކަށް ނިދިފަ އެވެ. ހީވާގޮތުން އެއީ މި ތަން ބަލަހައްޓާ މީހާ އެވެ. އިތުރަށް ފިޔަވަޅެއް އެޅުމުން ސިހިގެން ގޮސް އޭނާއަށް ހޭލެވިއްޖެ އެވެ.
"ކިހާ ވަރަކަށްތަ، ފާހާނާއަށް ވަދެވެނީ؟" އަހަރެންގެ ސުވާލާއެކު، އޭނާ ޖަވާބު ދިނީ ކުރުކޮށެވެ. ހީވާ ގޮތުން އެއީ ދިވެއްސެއް ނޫނެވެ. "ތިން ރުފިޔާ!" މިހާރު ވަދެ މިހުރީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންނާއި މާލެއަށް ބޭރުން އަރާ ފައިބާ މެހުމާނުން ވަންނަން މާލޭގައި ހުރި ހަތަރު ފާހާނާ ބަރީގެ ތެރެއިން ހެންވޭރު އެސްޓީއޯ އައިފާން ބިލްޑިންގު ކައިރީގައި ހުންނަ ފާހާނާއަށެވެ.
ތިން ރުފިޔާ މޭޒުމަތީ ބާއްވާފައި އެތެރެއަށް ހިނގައި ގަތްތަނުން ނެޓިފައި ހުރި ޓައިލްސް ކޮޅެއްގައި އަޅައިގެންފައި ބަނޑުވަތައް ނުވެއްޓުނީ ހަމަ ކިރިޔާ އެވެ. ފުރަތަމަ ވެސް މޫނުގޮސް ޖެހުނީ ހަލާކުވެފައި ހުރި ފެން މޯޓަރެއްގަ އެވެ. މޯޓަރުން ފެން ފައިބަމުން ދިޔައިރު މޯޓަރުގެ ހިނގާ އަޑު ވެސް އިވެ އެވެ. ފުރަތަމަ ވަނތް ފާހާނާގެ ދޮރު ހުޅުވައިލިއިރު އެ ތަނުގެ މުސްލިމް ޝަވަރު ހުރީ ހަލާކުވެފަ އެވެ. އެއިން ހޯސްލާފަ ފެން ފައިބަނީ އެވެ.
ދެން ހުރި ތަންތަން ބަލައިލިއިރު ސަލާމަތުން ހުރި ހަމަ އެންމެ ދޮރެއް ވެސް ނެތެވެ. ފާނާ ތެރެ ކޮންމެ ވެސް ވަރަކަށް ސާފުކުރާނަމޭ ހިތާ އުޅެފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުއްޓަސް މިއިން ދުވަހަކު އެތަން މަރާމާތުކޮށްފައި ނެތްކަން އެނގެ އެވެ. ލޮލަށް ފެންނަ ފެނުމަށް ވުރެ އެންމެ ބޮޑު އުނދަގުލަކަށްވީ ފާހާނާ އެތެރިން ދުވައިގަންނަ ވަހެވެ. ދުވާ ނުބައި ވަހެވެ. ފާހާނާ ތެރެއިން ދުވާ ވަހުން ނޯށުގައި ހިފަހައްޓައިގެން ނޫނީ ކެތެއް ނުކުރެވެ އެވެ. އެކަމަކު މިހާލުގައި ވެސް ސަލާމަތުން ފާހާނާ އެއް ހުރިތޯ ބަލަން ފަހަރު ދޮރެއް ހުޅުވަމުން ދިޔައީ އެވެ. -- މި ތާނގައި ސަލާމަތުން ހުރި ހަމަ އެންމެ ތަނެއް ވެސް ނެތެވެ.
ފާހާނާ ތަށިމަތީގައި ސިނގިރޭޓަރު ބުރި ޖައްސާފައި ނެތް ހަމަ އެންމެ ތައްޓެއް ވެސް ނެތެވެ. އެކަމަކު ހަމަ ގައިމު ވެސް މި ތަން ބޭނުން ކުރަނީ މާލެ އަށް އަރާ ފައިބާ މީހުން ވެސް ބޭނުން ކުރާށެވެ. އެ މީހުން ހިތުން ރިސޯޓު ފަދައިން މާލެވެސް އަންނަނީ ނިކަން ފުރިހަމަ ހިދުމަތް ހުންނާނެ ކަމަށް ބަލައިގެނެވެ. އެކަމަކު ބޯޓުން ފައިބައިގެން ފާހާނާއެއް ކޮށްލަން ވަންނަ ތަނުގެ ހާލަތު އޮތް ގޮތަކީ މިއީ އެވެ.
މާލޭގެ ފާހާނާ ބަރި މިހާލުގައި އޮންނަތާ ލައްކަ ދުވަސްވެއްޖެ އެވެ. އެކަމަކު މިތަންތަން ރަނގަޅު ކުރުމުގެ ގާބިލް ކަމެއް މާލޭ ސިޓީ ކައުންސިލަކު ނެތެވެ. މި ތަނަތަން ބަލަހައްޓައި ވިޔަފާރި އުސޫލުން ހިންގުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އެ ކުންފުނިތަކުން ފައިސާ ނެގުން ނޫން ކަމެއް ނުކުރެ އެވެ. ސިޓީ ކައުންސިލް އޮތީ މިކަމުގައި ގޮތް ހުސްވެފަ އެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފު ވިދާޅުވި ގޮތުގައި ޕޭ ޓޮއިލެޓްތައް ހުރި ހާލަތު އެނގި، އެ ކުންފުނިތަކާއެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލް ކުރި އެވެ. ނަމަވެސް ކޯޓަށް ދިއުމުން އެ ފަރާތް ތަކުން ކާމިޔާބުކޮށްފައިވެ އެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެ ތަންތަން [ޕޭޓޮއިލެޓް] ތައް ހުރީ ރަނގަޅަށް ކަމަށް. އެހެންވެ، އެއްބަސްވުން ބާތިލް ކުރިން. އެކަމަކު ކޯޓަށް ގޮސް އެ [ޕޭޓޮއިލެޓް ހިންގާ ކުންފުނިތަކުން] ކާމިޔާބު ކުރީ. މިހާރު އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތް،" ސަމާހު ވިދާޅުވި އެވެ.
އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެ ތަންތަން [ޕޭޓޮއިލެޓް] ތައް ހުރީ ރަނގަޅަށް ކަމަށް. އެހެންވެ، އެއްބަސްވުން ބާތިލް ކުރިން. އެކަމަކު ކޯޓަށް ގޮސް އެ [ޕޭޓޮއިލެޓް ހިންގާ ކުންފުނިތަކުން] ކާމިޔާބު ކުރީ. މިހާރު އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތްސަމާހު ޝަރީފު | ޑެޕިއުޓީ މޭޔަރު
ރާއްޖޭގެ އާއްމު ފާހާނާ ބަރި މި ހާލަތުގައި ހުއްޓަސް ދުނިޔޭގެ ގިނަ ގައުމުތަކުގައި މި ތަންތަނަކީ ރީތިކޮށް ބަލަހައްޓާ މެނޭޖުކުރެވޭ ސާފު ތާހިރު ތަންތަނެވެ.
އެފަދަ ގައުމުތަކުގެ ފާހާނާގެ ދޮރު މައްޗަށް އަރައި ބަލާލާއިރު އެ ތަނަށް ވެސް ވަދެވެނީ ހަމަ ފައިސާ ދައްކައިގެންނެވެ. މިވެސް އާއްމު ފާހާނާ ބަރިއެކެވެ. އެ ތަނަކީ ވެސް ހަމަ ޕޭ ޓޮއިލެޓެކެވެ. އެކަމަކު ތަފާތަކީ ބެލެހެއްޓުމުގެ ތަރުތީބު ކަމެވެ. ފުރިހަމަ ކަމެވެ.
ބައެއް ގައުމުތަކުގައި އެފަދަ ފާހާނާ އަށް ވަންދަން ދޮރު ހުޅުވެނީ ކޮއިނެއް ނޫނީ ރުފިޔާ އެއް ލައިގެންނެވެ. އެތަން ސާފު ކުރަން 24 ގަޑިއިރު ޑިއުޓީ ބަހައިގެން މީހުން ތިބެ އެވެ. ކޮންމެ މީހަކު ނުކުތީމަ އެ މީހުން ވަދެ ސާފު ކުރެ އެވެ.
އެ މީހުން ފައިސާ ނަގަނީ އެ ތަން ރަނގަޅަށް ބަލަހައްޓާށެވެ. ވިޔަފާރި އުސޫލުން ކަންތައް ކުރަން ރާވާފައި ހުންނަނީ އެހެންވެ އެވެ. އެކަންތައް ދާއިމީކޮށް ކުރެވޭ ތޯ އެވެ. އެކަމަކު ރާއްޖެ މުޅިން ތަފާތެވެ. ޕޭ ޓޮއިލެޓު ވެސް ހިންގަނީ ވިޔަފާރި އުސޫލުންނެވެ. އެކަމަކު ފައިސާ ނެގުން ނޫން ކަމެއް ނުކުރެ އެވެ.