ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީއިން މިރޭ ބޭއްވި ބައްދަލުވުމުގައި އެ ގޮތަށް ނިންމީ އޭނާއާ ގުޅޭ ގޮތުން މައްސަލަ ތަހުގީގު ކުރުމަށްފަހު ތަހުގީގު ކޮމިޓީއިން އެ ގޮތަށް ލަފާ ދިނުމުންނެވެ. މިއަދު ފަނޑިޔާރު ވަނީ ޖޭއެސްސީއަށް ތަހުގީގު އަޑުއެހުމަށް ހާޒިރު ވެސް ވެފަ އެވެ.
ފަނޑިޔާރު ޣަނީ ވަކި ކުރަން ހުށަހަޅަން ނިންމީ އޭނާ 60 ދުވަހަށް ސަސްޕެންޑް ވެސް ކުރުމަށްފަހު އެވެ.
ޖޭއެސްސީއިން ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނަވާ މައްސަލަތަކެވެ.
އެ މައްސަލާގެ ތަހުގީގަށް ފަނޑިޔާރު ޣަނީ ގެންދަވަނީ އެއްބާރުލުން ދެއްވަމުންނެވެ. ޖޭއެސްސީއިން މިއަދު ބުނި ގޮތުގައި މައްސަލާގެ ފަހު އަޑުއެހުމަށް ފަނޑިޔާރު ޣަނީ މިއަދު ހެނދުނު 10:00 ގައި ޖޭއެސްސީއަށް ވަނީ ހާޒިރުވެފަ އެވެ.
ފަނޑިޔާރު ޣަނީ ޖޭއެސްސީއަށް ހާޒިރުވެ އެއްބާރުލުން ދެއްވާފައިވާއިރު އެ މައްސަލަތަކަކީ ޖޭއެސްސީއަށް ނުބެލޭނެ މައްސަލަތަކެއް ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު ޖޭއެސްސީއަށް ހާޒިރުވާން ދެކޮޅު ހެއްދެވި އެވެ. އެކަމާ ވެސް ގުޅިގެން އެ ދެ ބޭފުޅުން މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދަށް ޖިނާއީ ހުކުމެއް އައުމުން ސުޕްރީމް ކޯޓުން ހުސްވި ދެ ޖާގައިގެން ކުރެ އެއް ޖާގައަށް ފަނޑިޔާރު ޣަނީ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭރު އޭނާ ހުންނެވީ ހައިކޯޓު ފަނޑިޔާރުގެ މަގާމުގަ އެވެ. އޭނާއާއެކު ސުޕްރީމް ކޯޓަށް ދެން އައްޔަން ކުރެއްވީ އޭރު ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. އޭނާ ވެސް ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ.
އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަކީ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެއްގައި ހިމެނޭ ދެ މީހުންގެ ތެރެއިން އަންހެން މީހާގެ މައްސަލަ ކުރިއަށް ނުގެންގޮސް ލިޔުންތައް އަތުގައި ބަހައްޓަވައިގެން އެ އަންހެން މީހާއަށް ހައިކޯޓުން ވަޒީފާ ދިން މައްސަލައެކެވެ.
ފަނޑިޔާރު ޣަނީ ހައިކޯޓުގައި އުޅުއްވި ދުވަސްވަރުގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާއިރު އޭނާއާ ގުޅޭ އެހެން މައްސަލައެއް ވެސް އަމިއްލަ ފަރާތަކުން މީގެކުރިން އޮތީ އޭސީސީއަށް ވައްދާފަ އެވެ. އެއީ ފަނޑިޔާރު ޣަނީ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކާ ގުޅޭ މައްސަލައެކެވެ.
އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ޕެޓީ ކޭޝް ނަގައިގެން ކޮންމެ ދުވަހަކު ފަނޑިޔާރުންގެ މެންދުރުގެ ކެއުން ހަމަޖެއްސުމަށް ކޯޓުގެ މުވައްޒަފަކު، ކޯޓުގެ ވެހިކަލެއްގައި ހުޅުމާލޭގައި ހުންނަ ބޮންބޭދަރުބާރަށް ފޮނުވާ މައްސަލަ އެވެ. މައްސަލާގައި ތުހުމަތު ވަނީ ވަކިކޮށްފައިވާ ދެ ފަނޑިޔާރުންނާއި ފަނޑިޔާރު ޣަނީގެ އިތުރުން މިހާރު ސުޕްރީމް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވީ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
އެ ފަރިއްކޮޅަކީ ރަނގަޅަށް ހިނގާ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭތީ ސުޕްރީމް ކޯޓަށް މިފަހުން އައްޔަން ކުރެއްވި ތިން ފަނޑިޔާރުން އެކަމުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.