ހަބަރު

މާއުނގޫދޫގައި އައިއެސް ލޯގޯ ކުރެހި މައްސަލަ ބަލަނީ

Nov 24, 2019

ށ. އަތޮޅުގެ މާއުނގޫދޫގެ ބައެއް ފާރުތަކުގައި ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލޯގޯ ކުރަހާފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެ މައްސަލަ ފުލުހުން ބަލައިފި އެވެ.

ފުލުހުން މިއަދު ބުނީ އައިއެސްގެ ދިދަ ޖެހި ދޯންޏެއް ށ. މާއުނގޫދޫއަށް އަރާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް، އެފަދަ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް، އެ ރަށުގެ އެކި ފާރުތަކުގައި އައިއެސްގެ ލޯގޯ އާ އެއްގޮތެއް ހުރި ކަމަށް ބެލެވޭ ގޮތަށް ޝަހާދަތް ލިޔެ، ސްޕްރޭ ކޮށްފައިވާ މައުލޫމާތު ލިބިގެން، އެކަން ހިނގާ ދިޔަ ގޮތެއް ބަލަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުންޏެވެ.

އެ ރަށު ކައުންސިލް މެންބަރު އަބްދުﷲ ހަމީދު އަވަސް އަށް ވިދާޅުވި ގޮތުގައި އެކަން ހިނގާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލަ ކައުންސިލުން ބެލި ބެލުމުގައި، އެކަން ކޮށްފައިވަނީ އެ ރަށުގެ ބައެއް ނޫން ކަމާއި، އެ ރަށަށް އައި ދޯންޏެއްގައި ތިބި ބަޔަކު ކުރި ކަމެއް ކަމަށެވެ.

"އެކަން އަޅުގަނޑުމެންނަށް އެނގުމުން އަޅުގަނޑުމެން ރަށު ފިހާރަތަކަށް ގޮސް ބެލީ ސްޕްރޭ ފުޅި ކަހަލަ އެއްޗެހި ގަތީ ކޮން ބައެއްތޯ. އެގޮތުން، އެނގުނީ އެރޭ ރަށަށް ލެފި އެހެން ރަށެއްގެ ދޯންޏަކުން އައި ބަޔަކު ސްޕްރޭ ފުޅި އަކާއި، ކަރުދާހާއި ކަޓަރު ތިލަ ފިހާރައަކުން ގަތްކަން،" ހަމީދު މައުލޫމާތު ދެއްވި އެވެ.

ހަމީދު ވިދާޅުވީ އެރޭ ހުއިފިލަނޑާ ނަގަން އުޅޭ ދެ ދޯންޏެއް އެ ރަށަށް އައި ކަމަށާއި، ލޯގޯ ކުރެހި މީހުން އައީ ރ. ދުވާފަރަށް ނިސްބަތްވާ ދޯންޏެއްގައިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

"އެ ދޯނިން އައި ހަތަރު ޒުވާނުންނާ އެރޭ އަޅުގަނޑުމެންނާވެސް ބައްދަލުވި. އެ ހަތަރު މީހުންވެސް ތިބީ ތުބުޅި ދިގުކޮށް އައި ދިގު ޓީޝާޓްލައިގެން،" ހަމީދު ވިދާޅުވި އެވެ.

ލޯގޯ ކުރެހި ރޭ ރަށު އެއްވެސް މީހަކަށް ފެނިފައިނުވާ ކަމަށާއި، އެކަން އެނގުނީ އަނެއް ދުވަހުގެ ހެނދުނު ކަމަށްވެސް އޭނާ މައުލޫމާތު ދެއްވި އެވެ. އޭރު އެ ދޯނިން އައި މީހުން ރަށުން ފުރައިގެން ގޮސްފައިވާކަމަށް ހަމީދު ވިދާޅުވި އެވެ.

ހަމީދު އިތުރަށް ވިދާޅުވީ ޖުމްލަ 13 ގެއެއްގެ ފާރުގައި އައިއެސްގެ ލޯގޯ ސްޕްރޭކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ބަލަން މިއަދުގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް އެ ރަށަށް އައުމަށް ހަމަޖެހިފައިވާކަން ހަމީދު ހާމަކުރެއްވި އެވެ.

އައިއެސްގެ ލޯގޯ ކުރެހި މައްސަލައެއް ފެންމަތިވެފައިމިވަނީ، ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާކަމާއި، އެ ޖަމާއަތްތަކުން ކުރާ ކަންކަން ވަރަށް ތަފްސީލްކޮށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނިކޮށެވެ.

އަފްރާޝީމްގެ މަރުގެ ރިޕޯޓްގައިވާ ގޮތުން އެ މަރަކީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތުން ރާވައި ހިންގި އަމަލެކެވެ. އެ ކަމުގައި އިސްކޮށް ބައިވެރިވި ކަމަށް ރިޕޯޓްގައިވާ މީހުނަކީ އެ މައްސަލާގައި ދައުވާ ސާބިތުވެފައިވާ ހ. ލޮބީ ހުސައިން ހުމާމާއި ދައުވާ ސާބިތު ނުވި އަލީ ޝާން (ސަޓޯ) އާއި ހ. ހިލްޓަން އަޒްލީފް ރައުފްގެ އިތުރުން އޭރު އުމުރުން 18 އަހަރު ނުފުރޭ ކުއްޖެކެވެ.

އޭގެ އިތުރުން، ބޮލްގަރު ޔާމީން ރަޝީދުގެ މަރުގެ އިތުރުން ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބީވެސް ހަރުކަށި ފިކުރުގެ ޖަމާއަތެއްކަމަށްވެސް އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.