ޓޫރިސްޓް އެރައިވަލް

1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑަކާއެކު 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފި އެވެ. ރާއްޖެ އައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށްވީ ރަޝިޔާގެ އަންހެން ޓޫރިސްޓެއް ކަމަށްވާ މަރީނާ ކަޒަކޯވާ އެވެ.

ރާއްޖެއަށް 1.5 މިލިއަން ވަނަ ފަތުރުވެރިޔާ އައުން ފާހަގަ ކުރަން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ވަނީ ހެނދުނު ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް ސިނާއަތުގެ އިސްވެރިންނާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 1.5 މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓަށް ވާސިލްވުމަކީ ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ޓާގެޓް ހާސިލް ވެގެން ދިޔައީ ޓޫރިޒަމް ސިނާއަތާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރި މަސައްކަތްތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އާ ސަރުކާރުން ގެނެސްދިން ސްޓެބިލިޓީއާއެކު ލިބިގެން ދިޔަ އެޗީވްމަންޓެއް. މިދިޔަ އަހަރު އައީ 1.4 މިލިއަން. މި އަހަރު ނިމިގެން ދާއިރު 1.6 މިލިއަން މީހުންނަށް އިތުރު ވެގެންދާނެ،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމިގެންދާއިރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދެ މިލިއަން މީހުންނަށް އިތުރު ކުރުން ކަމަށެވެ.

"ދެން އޮތް މައިލް ސްޓޯންއަކީ ދެ މިލިއަން ކަމަށް ކަނޑަޅަން ބޭނުންވަނީ. މީގެ މާނައަކީ އަންނަ އަހަރު ދެ މިލިއަން މީހުން ހަމަނުވުމަކީ ޓޫރިޒަމް އިންޑަސްޓްރީއާއި އެމްއެމްޕީއާރުސީ ކުރާ މަސައްކަތް ނާކާމިޔާބުވުމެއް ނޫން. ސަރުކާރުން ބޭނުންވަނީ ދެން ދެ މިލިއަން ޓާގެޓަށް ރީޗްވާން. އިރާދު ކުރެއްވިއްޔާ ދެ އަހަރު ތެރޭގައި އެޗީވް ވާނެ،" އަލީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މޯލްޑިވްސް އެސޯސިއޭޝަން ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވީ 1.5 މިލިއަން މީހުން ރާއްޖެ އަށް ގެނައުމަކީ ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި ފާހަގަ ކުރެވޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މި ކާމިޔާބީ ހާސިލް ކުރެވުނީ ވަރަށް ބޮޑު މަސައްކަތުން. މީގައި ފާހަގަ ކޮށްލަން މި ސަރުކާރުން މާކެޓިން ބަޖެޓު ބޮޑުކޮށް ކުރަން ފެށި މަސައްކަތް. މީގެ ނަތީޖާ މި ފެންނަން ފެށީ،" ނަޒީރު ވިދާޅުވި އެވެ.

މި ހަފުލާގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު ވިދާޅުވީ މަސައްކަތް މިކުރަނީ ޓާގެޓަށް ދިއުމަށް ކަމަށެވެ.

"މަސައްކަތް މިކުރަނީ ވީހާވެސް ދިވެހި ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ވީހާ ވެސް ގިނަ މީހުން ގެންނަން. މިހާރު މިކުރާ މަސައްކަތުގެ ބޮޑުބައި ފެންނާނީ މާދަމާ. އަންނަ އަހަރު މިހާރަށްވުރެ ގިނަ މަސައްކަތް ކުރާނަން. މިހާރަށްވުރެ ކޮލިޓީ މަސައްކަތްތަކެއް ކުރާނަން،" ތޮއްޔިބު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ޓޫރިޒަމް މާކެޓިން ބަޖެޓު ބޮޑުކޮށް ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ. މިގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި އޮންނަ ޓޫރިޒަމް ފެއާތަކުގައި ބައިވެރިވުމުގެ އިތުރުން ބީބީސީ ފަދަ މަޝްހޫރު ބައެއް މީޑިޔާތަކުގައި ރާއްޖޭގެ އިޝްތިހާރު ވެސް ޖަހާފައިވެ އެވެ. މީގެ އިތުރުން ސްޕެނިޝް ލީގުގެ ޓީމެއް ކަމަށްވާ ސެލްޓަ ވީގޯގެ ޖާޒީގައި ރާއްޖޭގެ އިޝްތިހާރުވެސް ޖަހާފައިވެ އެވެ.