މޯލްޑިވްސް ޕޮލިސް ސާވިސް

ދޯނީގެ މާރާމާރީއަށް ތުހުމަތުވި މީހާގެ ބަންދަށް 10 ދުވަސް

ދޯންޏެއްގެ ތެރޭ ވަޅިން ހަމަލާދީ މީހަކު ވަރަށް ބޮޑަށް ޒަހަމް ކޮށްލި މައްސަލާގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މާރާމާރީ އާއި ގުޅިގެން ހައްޔަރު ކޮށްފައިހުރި މީހާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ އއ. ރަސްދޫ ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ގާޒީ ދެއްވާފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި މި މާރާމާރީއަކީ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިން އައި މާރާމާރީއެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މާރާމާރީގައި ވަރަށް ބޮޑަށް ޒަހަމް ކޮށްލުމުން އައިސީޔޫގައި ފަރުވާ ދެމުންދަނީ ރ. މަޑުއްވަރީ، އިސްމާއިލް ހައްމާދު 26، އެވެ.

ތޫނު އެއްޗަކުން ހައްމާދަށް ހަމަލާދީފައި ވަނީ އޭނާ މަރާލުމަށް ކަމަށް އަޑު ފެތުރިފައި ވެއެވެ. ނަމަވެސް ފުރާނަ ސަލާމަތް ކުރުމަށް އޭނާ ކަނޑަށް ފުންމާލައި ފަތާފައި ގޮސް އއ. މާޅޮހަށް އެރީ އެވެ.

މާޅޮހު ކައުންސިލުން ބުނި ގޮތުގައި ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީގައި ޒަހަމްކޮށްލި މީހާ އެ ރަށައް އެރީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު އެވެ. އަދި ފަރުވާއަށް އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ ރަށުގެ ދެ މީހަކަަށް އޭނާ ފެނިގެނެވެ. އެއީ މެންދަމު 3:00 ޖެހި އިރުރެވެ.

މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ސިފައން އެހީތެރި ކަމާއެކު އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ވެއެއެވެ.

ހައްމާދަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފއިވަނީ ހައްމާދު ހޯދަން މާޅޮހަށް އަރައި އުޅެނިކޮށެވެ.