މާރިޔާ އަހުމަދު ދީދީ

ފުލުހުންގެ ސުލޫކު ހުންނަންވާނީ އެންމެ މަތީ ދަރަޖާގައި: މާރިއާ

ފުލުހުންނަކީ އެހެން އެންމެނަށްވުރެ މަތީ ދަރަޖައެއްގައި ސުލޫކީ މިންގަނޑު ގެންގުޅެންޖެހޭ ބައެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ފުލުހުންގެ ޖޫނިއާ އޮފިސާސް ކޮމާންޑް ކޯސް ފުރިހަމަކުރި ފުލުހުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރޭ ސަލްޓަން ޕާކްގައި ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ ގާނޫނުގެ ބާރު ނަގަހައްޓާ ދެމެހެއްޓުމުގައި، ފުލުހުންނަކީ އެހެން އެންމެނަށްވުރެ މަތީ ދަރަޖައިގައި ސުލޫކީ މިންގަނޑު ގެންގުޅެންޖެހޭ ބައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންގެ ހާދިމުން ކަމަށެވެ. ކޮންމެ ހާލަތެއްގައިވެސް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކުށުގެ ވެށީގައި ހަރަކާތްތެރިވާއިރު، ފަރުދީ ހައްގުތަކާއި ޖަމާއަތުގެ ހައްގުތައް ބެލެންސް ކުރަން ފުލުހުން ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.

"ކުށްކުރާ މީހާގެ ހައްގުތައް ވެސްވާ ފަދައިން، ޖަމާއަތުގެ އާންމު މަސްލަހަތަށާއި ހައްގުތަކަށް ވެސް ބަލަން ޖެހޭނެ." މިނިސްޓަރު ވިދާޅުވި އެވެ.