ހަބަރު

13 އަހަރުގެ ކުއްޖާއާ ގުޅޭ ކުއްލި މައްސަލައެއް

Nov 25, 2019

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލައާ ގުޅިގެން، އެފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާއި އެ ކުއްޖާއަށް ރައްކާތެރިކަން ދިނުމުގައި އިހުމާލުވި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވަގުތުން ވަގުތައް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެެއް ހުށަހަޅައިފި އެވެ.

އެ ކުއްޖާގެ އިތުރުން އެ ކުއްލި މައްސަލާގައި، ށ. އަތޮޅު މާއުނގޫދޫއަށް ބަޔަކު އަރާ، އެ ރަށުގެ ފާރުތަކުގައި ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލޯގޯ ކުރަހައި އެ ރަށް "ފަތަހަ" ކޮށްފައިވާ މައްސަލަވެސް ވަނީ ހިމަނައިފަ އެވެ.

ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުން އިއްތިފާގުންނެވެ.

އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހުސެއިން ޝަހީމް ވިދާޅުވީ ރާއްޖޭގައި އޮތީ ހަމައެކަނި އިސްލާމް ދީން ކަމަށް ގާނޫނު އަސާސީގައިވެސް ބަޔާންކޮށްފައިވާއިރު، އިސްލާމް ދީނަށް ވައްދަންކަމަށްބުނެ ދައުވަތު ދެނީ ކޮންކަމެއް ހާސިލްކުރަންތޯ އޭނާ ވަނީ ސުވާލުކުރައްވައިފަ އެވެ.

"ރާއްޖޭގައި އުޅެނީ ހުސް މުސްލިމުން. އެހެން ދީނަކަށް އުޅޭ މީހުނެއް ނޫޅޭ. އެހެން ދީނަކަށް އަޅުކަންކުރާ ތަންތަނެއް ނުހުރޭ. ގާނޫނު އަސާސީގައި ވެސް އޮންނަނީ ހަމައެކަނި އިސްލާމް ދީނުގެ ވާހަކަ. ދެން އިސްލާމް ދީނަށް ވައްދަންކަމަށް ބުނެ ކޮން ދައުވަތެއްދޯ މިދެނީ؟،" އޭނާ ވިދާޅުވި އެވެ.

އެ ކުއްލި މައްސަލަ ހުށަހެޅުނު އިރު، އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ ކައިވެނީގެ ގޮތުން އެއްވެސް މީހަކާ ގުޅިގެން އުޅޭ ކަން އެނގިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްހީ ހައްގުތަކުން މަހުރޫމް ކޮށްފައިވާ ކަމުގެ މައުލޫމާތު މިދިޔަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެ މައްސަލަ ޖެންޑާ އާއި ފުލުހުން ގުޅިގެން ބަލަމުން ދިޔަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ބަޔާނުގައި ބުނެފައިވަނީ 13 އަހަރުގެ ކުއްޖާ ހިމެނޭ އާއިލާއަކީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކުދިންނަށް ލިބެންޖެހޭ ހައްގުތައް ފޯރުކޮށްދީ އެކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނައަޅާދިއުމާއި އެކަމުގެ ސަބަބުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބި ކުޑަކުދިން ކުށުގެ ޝިކާރައަކަށް ވެގެންދިއުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނޭ މައްސަލައެއް ނޫން ކަމަށެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގެންދަނީ ތަހްގީގު ކުރަމުންނެވެ.

ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީ އަކާއި ގުޅިގެން ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ ބަޔަކު ކުޑަ ކުދިންތަކަކާއި ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ ކަމަށްބުނެ މިފަހުން ވަނީ އަޑު ފެތުރިފަ އެވެ. އަދި މި މާރާމާރީގައި ޒަހަމްވެ ހާލު ސީރިއަސްވި ރ. މަޑުއްވަރީ ޒުވާނާ އިނދެގެން އުޅެނީ 13 އަހަރުގެ ކުއްޖަކާ ކަމަށް ބުނެ އަޑު ތަކެއް ފެތުރިފައިވާއިރު މި ކުއްޖާ މާބަނޑުވެ ވިހާފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.