ރިޕޯޓް

ހަސަންގެ އަމާޒު: މެންބަރުން އިތުރުކޮށް، ބަނދަރު ނިންމުން

Aug 22, 2015

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ސަފާރީތަކުގެ ދައުރު ބޮޑެވެ. ސަފާރީތަކުގެ ސަބަބުން ރާއްޖޭގައި އެތައް ވަޒީފާއެއް އުފެދިއްޖެ އެވެ. ނަމަވެސް މި ދާއިރާއަކީ އަބަދުވެސް އެންމެ ނިކަމެތިއެއް ދާއިރާ އެވެ. މި ދާއިރާގައި މަސައްކަތް ކުރާ މީހުން ވަންނާނެ ބަނދަރެއް ނެތެވެ. ހަސަން ލޭމްގެ ރައީސްއަކަށް އައީސް ވެސް ހަމަ މި އުންމީދުގަ އެވެ. އޭނާގެ އުންމީދަކީ ސަފާރީ ބަނދަރު ނިންމައި، ޖަމިއްޔާގެ މެންބަރުން ނަށް އިތުރު ބެނެފިޓް ތަކެއް ގެނެސް ދިނުމެވެ.

" ލޭމުގެ ރައީސްކަމާ ހަވާލުވުމަށް ފަހު މަސައްކަތް ކުރަމުން ދަނީ މެންބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތް. ލޭމްގެ މެންބަރުން ނަށް ދެވޭ އިންސެންޓިވްތައް އިތުރުކޮށް ބެނެފިޓްތައް އިތުރު ކުރެވިއްޖެނަމަ ލޭމް ވަރަށް ވަރުގަދަ ގަދަވާނެ. މަގުސަދަކީ ކުރިން މި ދާއިރާގައި އުޅުއްވި ބޭފުޅުން ވެސް ލޭމްއަށް ޖޮއިން ކުރުން. އޭރުން ލޭމް މި އަދަށް ވުރެ ރަނގަޅަށް ހިންގޭނެ،" ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ (ލޭމް) ގެ ރައީސް ހަސަން ހަލީމް ވިދާޅުވި އެވެ.

ލޭމްގެ ރައީސް ކަމަށް ހަސަން ވަޑައިގަތުމަށްފަހު ސަރުކާރާ ގުޅިގެން ކުރަން ފެށި މަސައްކަތުގެ ދަށުން، ސަރުކާރުން މިހާރު ވަނީ ކ. ދިޔަނެރުގައި ސަފާރީ ބަނދަރެއް ހެދުމަށް އެމްޕީއެލް އާ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން ލޭމުން ސަރުކާރާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަތުމުގެ ގޮތުން ފުލުހުންނާއި ބައެއް އިތުރު ދާއިރާތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.

" ބަނދަރެއް ހޯދަން ލޭމްގެ ހުރިހާ ދައުރެއްގައި ވެސް މަސައްކަތް ކުރި. މިހާރު ތިބޭ ހުޅުމާލޭގައި ކޮސްޓްސް ވަރަށް ބޮޑު. އުޅަނދަށް ލިބޭ ގެއްލުން ވަރަށް ބޮޑު،" ސަތޭކަ ފަސްދޮޅަހަށް ވުރެ ގިނަ މެންބަރުން ހިމެނޭ ޖަމިއްޔާގެ މެންބަރު ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ސަރުކާރުން ދިޔަނެރުގައި ހަދައިދޭ ސަފާރީ ބަނދަރު ނިންމާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"މިއަދު އޮތް ސަރުކާރަކީ އިކޮނޮމިކް ކަންތައް ތަކަށް ގިނަ ކަންތައްތަކެއް ކޮށްދެމުންދާ ސަރުކާރެއް. އެހެންވެ ސަރުކާރުން މިކަން ވެސް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރަން. އެކަމުގެ ފުރިހަމަ ޔަގީންކަން ބޮޑު. ޔަގީން ކުރަން ސަރުކާރުގެ ޕޮލިސީތައް ހިނގަމުން ދާ ގޮތުން. ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާތީ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިސްޓުން ރާޅާއެޅުމަށް މަޝްހޫރު ތަނބުރުދޫގައި ރިސޯޓެއް ހަދަން އޮތް އޮތުން ބާތިލްކޮށް، ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ބޭއްވުމަކީ މި ދާއިރާ އަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވޭ މިކަމަކީ ވަރަށް ރަނގަޅު ނިންމުމެއް. މިއީ ހަމައެކަނި ލޭމަކަށް ނޫން. ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުޅި ދާއިރާއަށް ލިބުނު ކުރިއެރުމެއް. މިހާރު ގިނަ އަދަދެއްގެ ގެސްޓް ހައުސްތައް ވެސް ހުރޭ. އެހެންވެ އެ ތަނަށް ރާޅާ އަޅާލަން ދެވޭގޮތްވުމަކީ ބޮޑު ކުރިއެރުމެއް. އެކަމަށްޓަކައި ރައީސް ޔާމީނާއި ނައިބް ރައީސް އަދީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޭމް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށާއި، އެ މަސައްކަތްތަކުގެ ދަށުން މެންބަރުންނަށް އިންޝުއަރެންސް ޕެކޭޖެއް ތައާރަފު ކުރާނެ ކަމަށާއި، މީގެ އިތުރުން ޑިސްކައުންޓް ކާޑެއް ވެސް ތައާރަފު ކޮށްފައިވާނެ ކަމަށެވެ.

"ލޭމްގެ މެންބަރުން ނަށް ހާއްސަ ޑިސްކައުންޓް މެރިން އިކްއިޕްމަންޓް ވިއްކާ ތަންތަނުން މެންބަރުންނަށް ހާއްސަ އަގު ތަކެއް ލިބޭނެ. މީގެ އިތުރުން ދިޔަނެރު ފަޅުން ދިޔަނެތު ފަޅު ހެދިގެންދާ އިރު ލޭމްގެ މެންބަރުން ނަށް ހާއްސަ ރޭޓްތަކެއް ދެވިގެން ދާނެ. ބަލަނީ ލޭމްގެ މެންބަރުން ނަށް ހާއްސަ ރޭޓްތަކެއް ހޯދައިދޭން. އެގޮތުން ވެސް ލޭމް އަށް ކުރިއެރުން ތަކެއް ލިބި ގެންދާނެ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ސަފާރީ ވިޔަފާރިއަށް ޒުވާނުން ނެރުމުގެ ގޮތުން، ބޭންކްތަކާ ގުޅިގެން ހާއްސަ "ގޮތްތަކެއް ހަމަޖައްސައިދޭން" މަސައްކަތް ކުރާނެ ކަމަށެވެ.

"މި ދާއިރާ އަށް ވީހާ ވެސް ގިނަ ޒުވާން ކުދިން ނެރުމަކީ ބޭނުންވާ ކަމެއް. އެކަމަށް މަސައްކަތް ކުރަމުން މިދަނީ. އާ ކުދިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިނޭންސް. އެހެންވެ މަސައްކަތް ކުރާނީ ބޭންކްތަކާ މަޝްވަރާކޮށް، މި ދާއިރާއަށް ރަނގަޅު ގޮތެއް ހެދުން. އެކަން ކުރުމަށް ރާއްޖޭގައި ހުރި ބޭންކްތަކާ ވާހަކަ ދައްކަމުން މިދަނީ. މިކަމުގެ ވަޒީފާގެ ފުރުސަތުތަކާ ސަރުކާރަށް ލިބެން ޖެހޭ ޓެކްސްތައް ލިބޭނެ. އޭރުން މި ދާއިރާ އަށް ސަރުކާރުން ލިބެން ޖެހޭ ގިނަ ފައިދާތަކެއް ވެސް ހުންނާނެ،" ހަލީމް ވިދާޅުވި އެވެ.