ލައިފްސްޓައިލް

ރަދީފާމެން އުފެއްދީ ޗޮކްލެޓެއް!

"ވާއު... ހާދަ މީރޭ" ޗޮކްލެޓު ކާން ހުރި މީހާގެ އަނގައިން ބޭރުވީ މި ލަފުޒެވެ. ދަރުބާރުގޭގައި ބުރާސްފަތި ދުވަހު ނިންމާލި ފަންނު އެކްސްޕޯއަށް ގޮސް މި ޗޮކްލެޓުގެ ރަހަ ބެލި އެތައް ބަޔަކު އެހެން ބުންޏެވެ. މި ދައްކަނީ ދިވެހި ހޯމް މޭޑް- ޗޮކްލެޓެއްގެ ވާހަކަ އެވެ. ދިވެހިންތަކެއްގެ ހިތްވަރު ގަދަ މަސައްކަތުން އުފެއްދި ދިވެހި ޗޮކްލެޓުގެ ބްރޭންޑު "އައިލެންޑު ޗޮކްލެޓު" ގެ އުފެއްދުންތަކެއްގެ ވާހަކަ އެވެ. ދިވެހިންނަކަށް ނުވާނެއޭ ބުނާ މީހުންނަށް އައިލެންޑު ޗޮކްލެޓުން ދެނީ ޗޮކްލެޓްގެ މީރު ރަހައިގެ މެސެޖެވެ.

"މިހާރު މި މަސައްކަތް ފެންނަން ހުއްޓަސް މިއީ ވަރަށް ދުވަހުގެ މަސައްކަތް. މި މަސައްކަތް ކުރާތާ ދޮޅު އަހަރު ވެއްޖެ. އެކަމަކު އިރާދަ ކުރެއްވިއްޔާ މިހާރު މި ފެށުނީ،" އައިލެންޑު ޗޮކްލެޓު އެއް ޑިރެކްޓަރު ކަމަށްވާ އައިޝަތު ރަދީފާ ބުންޏެވެ.

ޗޮކްލެޓުގެ ދިވެހި މި ރަހަ މާކެޓަށް ނެރެވިފައި ވަނީ ބުރަ މަސައްކަތުންނެވެ. ދިވެހި އުފެއްދުމެއް ތައްޔާރު ކުރަން އޮތް ހުރިހާ ބުރައް ކަޑަތު ކުރުމަށްފަހު އެވެ. އަދި މިކަން ފެށީ ހުއްޓާލާ ގޮތަކަށް ވެސް ނޫނެވެ. ޗޮކްލެޓު އުފެއްދުމުގެ ކުރިން ފުރަތަމަ ރަނގަޅަށް ދަސްކުރީ އެވެ. އެހެންވެ ރަދީފާ ވަނީ ސިންގަޕޫރުގައި ކޯހެއް ފުރިހަމަކޮށް ޗޮކްލެޓް ހަދަން ދަސްކޮށްފަ އެވެ. އޭގެ ނަތީޖާއަކީ ފަންނު އެކްސްޕޯއާ ހަމައަށް އައިލެންޑު ޗޮކްލެޓް އައިސް ވަނައެއް ވެސް ހޯދުމެވެ.

"މި މަސައްކަތް ފެށުނީ އަޅުގަނޑުގެ ބޭބެގެ ހިޔާލަކަށް. ބޭބެގެ ހުވަފެނެއް މިއީ. ބޭބެ ޓޫރިޒަމް ސެކްޓާގައި 18 އަހަރު މަސައްކަތް ކުރި. އެހެންވެ ބޭބެގެ ހިޔާލެއް މިއީ،" ޗޮކްލެޓު އުފެއްދުމުގެ ހިޔާލު އައި ގޮތް، ރަދީފާ ބުންޏެވެ.

އައިލެންޑު ޗޮކްލެޓުން އުފައްދަނީ މާލޭގައި އެކަމަށް ހާއްސަ ސެޓަފެއް ގާއިމް ކޮށްގެނެވެ. މި "ފެކްޓްރީ" ގައި ޗޮކްލެޓް ހަދާ ބަޔަކާއި ޗޮކްލެޓް ބަންދު ކުރާ ބައެއް ވެސް ހުރެ އެވެ. އަދި މި އުފެއްދުން ތައްޔާރު ކުރަނީ ވެސް ސިއްހީ ގޮތުން އެންމެ މަތީ ސްޓޭންޑަޑްގައި ފެންވަރު ވަޒަން ކޮށްގެނެވެ. އެކަމަށް ފާރަވެރިވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެވެ.

މީގެ އިތުރުން މި ޗޮކްލެޓުގައި ހުންނަ ނިއުޓްރިޝަން މިގަނޑުތައް ބަލަހައްޓަނީ ބޭރުގެ ޕްރޮފެޝަނަލް ލެބޯޓްރީއަކަށް ސާމްޕަލް ފޮނުވައިގެނެވެ. މި ހުރިހާ މަސައްކަތެއް ކުރަނީ ރަދީފާއާ އޭނާގެ ބޭބެއާ ދައްތަ ގުޅިގެންނެވެ.

"އަޅުގަނޑުމެން އަދި މި [އައިލެންޑް ޗޮކްލެޓް] ރަނގަޅަށް މާކެޓު ކުރާކަށް ނުފަށަން. އެކަމަކު ވެސް ވަރަށް ރަނގަޅު ޑިމާންޑެއް މިހާރު ވެސް ލިބިއްޖެ. ފަންނު އެކްސްޕޯ އިން އަދި މީހުންނަށް މި ފެނުނީ ވެސް" ރަދީފާ ބުންޏެވެ.

އައިލެންޑު ޗޮކްލެޓުން ގިނަ ރަހަ ތަކެއް ތައްޔާރުކުރެ އެވެ. މިހާރުގެ ޓާގެޓަކީ ރާއްޖޭގެ ޓޫރިޒަމް ސެކްޓާ އެވެ. އައިލެންޑު ޗޮކްލެޓު މިސްރާބު ހުރީ ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކާ ދިމާލަށެވެ. އެ ކަމަށް ރާއްޖޭގެ ހަނދާނީ ޕޯސްޓް ކާޑެއް ވެސް ވަނީ އުފައްދާފަ އެވެ. މި ޕޯސްޓް ކާޑު ބަންދުކޮށްފައިވަނީ ޗޮކްލެޓަކާއެކުގަ އެވެ. ރާއްޖެއިން ފުރާ ޓޫރިސްޓުންނަށް ދިވެހިންގެ ހަދިޔާއެއް ގެންދެވޭ ގޮތަށެވެ.