ހަބަރު

ފަނޑިޔާރު ރައޫފް ޖޭއެސްސީއިން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމް އިސްތިއުފާ ދެއްވައިފި އެވެ.

ފަނޑިޔާރު ރައޫފް އިސްތިއުފާ ދެއްވާފައިމިވަނީ އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އޭނާގެ ނަން ޖޭއެސްސީއަށް ފޮނުވާފައިވަނިކޮށެވެ.

ރައޫފްގެ ނަން ރައީސް ސޯލިހު ފޮނުއްވީ މިހާރު ސުޕްރީމް ކޯޓުން ހުސްވެފައިވާ ތިން ފަނޑިޔާރުންގެ މަގާމުގެ ތެރެއިން އެއް މަގާމަށް އައްޔަން ކުރުމަށް ލަފާ ހޯދުމަށެވެ. ޖޭއެސްސީއިން އޭނާއާ އިންޓަވިއުކޮށް ރައީސް ސޯލިހަށް ލަފާ އަރުވާނެ އެވެ.

ސުޕްރީމް ކޯޓުން ހުސްވެފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދާއި ކުރީގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ މަގާމެވެ. މި ތިން ފަނޑިޔާރުންގެ މައްސަލަތައް ވެސް ޖޭއެސްސީއިން ބެލި އެވެ.

އެގޮތުން ފަނޑިޔާރު ދީދީ އާއި ފަނޑިޔާރު އާދަމް ވަކިކޮށްފައިވަނީ ޖޭއެސްސީއިން އެގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ. ފަނޑިޔާރު އަރީފް އަމިއްލައަށް ރިޓަޔާ ކުރެއްވީ އެވެ. މި ތިން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ވެސް ފަނޑިޔާރު ރައޫފް ހަރަކާތްތެރިވެފައިވެ އެވެ.