ހަބަރު

ހައްމާދު ގަޔަށް ވަޅި ހެރީ ދީނީ ގޮތުން ހިޔާލު ތަފާތުވެގެން: ފުލުހުން

ދޯންޏެއްގެ ތެރޭގައި ޒުވާނަކު ހުއްޓާ ވަޅި ހަރައި ޒަހަމްކޮށް، ކަނޑަށް އެއްލާލާފައި ވަނީ އޭނާ ވަޅި ހެރި މީހާއާ ދެމެދު ދީނީ ގޮތުން ހިޔާލު ތަފާތުވެގެން ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މަހު 22 ވަނަ ދުވަހު ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މި ހާދިސާގައި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވަނީ ރ. މަޑުއްވަރީ އިސްމާއީލް ހައްމާދު އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ ހާދިސާ ހިނގި ބ. މާޅޮހު ފަޅު ބޭރުގައި އަޅާފައި އޮތް "ޕަރީ" ނަމަކަށް ކިޔާ ދޯނީގައި ހައްމާދާއި އިސްމާއިލް އާސިފް ނަމަކަށް ކިޔާ މީހަކާއި އިތުރު މީހެއް ހުރި ކަމަށެވެ. އޭގެ ތެރެއިން އާސިފްއަކީ އެ ދޯންޏާ ހަވާލުވެ ހުރި މީހާ އެވެ.

ޝިފާއު ވިދާޅުވީ އާސިފް އާއި ހައްމާދު ދެމެދުގައި ދީނީ ހިޔާލު ތަފާތުވުންތަކެއް އުފެދި އެ ދެ މީހުން ޒުވާމުން ކުރަމުން ގެންދިޔަ ކަމަށާއި އެއަށް ފަހު އެ ދޯނީގައި އޮތް މަސް ކަނޑާ ވަޅިއަކުން ހައްމާދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. އެ ދެ މީހުން މާރަމާރި ހިންގިއިރު އެ ދޯނީގައި ދެން ހުރި މީހާ އޮތީ ނިދާފައި ކަމަށާއި އޭނާއަށް ހޭލެވުނީ އެ މާރަމާރީ ހިންގަމުން ދަނިކޮށް ކަން އެ ތިން މީހުންނާ ސުވާލު ކުރުމުން ތަހުގީގަށް ޔަގީން ކުރެވިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

"އާސިފް މަސްކަނޑާ ވަޅިއަކުން ހައްމާދުއަށް ހަމަލާ ދެމުން ދަނިކޮށް ދޯނީގައި ހުރި އަނެއް މީހާއަށް ހޭލެވުނު ކަމާއި އެކަން ހުއްޓުވަން މަސައްކަތް ކުރުމުގެ މިކަމުގެ ތެރެއަށް ވަންނަން މަސައްކަތް ނުކުރުމަށް ބުނެ ހައްމާދަށް ހަމަލާ ދެމުން ގެންދިޔަ ކަމާއި އެއަށް ފަހު ހައްމާދު މޫދަށް އެއްލާލައި އަދި އާސިފް ގެންގުޅުނު ވަޅިވެސް މޫދަށް އެއްލާލި،" ތަހުގީގަށް ހޯދުނު މައުލޫމާތުގެ އަލީފައި ޝިފާއު ވިދާޅުވި އެވެ.

ހައްމާދު މޫދަށް އެއްލާލުމުން އޭނާ އެއްގަމާ ދިމާލަށް ފަތާފައި ދިޔަ ތަން އެ މީހުންނަށް ފެނުނު ކަމަށާއި އެހެންކަމުން އޭނާއަށް ވީގޮތެއް ބަލަން ރަށު ތެރެއަށް އަރައި ހައްމާދު ގެއްލިގެން އުޅޭ ކަމަށް ބުނެ ރަށު މީހުންނާ އާސިފް ސުވާލު ކުރަން ފެށި ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ ހައްމާދަށް ލިބިފައި ހުރި ޒަހަމްތަކުގެ ތެރޭގައި ބޮލުގެ މެދަކާ ހިސާބު ފަހަތުގައި ގާތްގަނޑަކަށް 10 ސެންޓިމީޓަރުގެ ޒަހަމެއް ހުރި ކަމަށާއި ބުރަކަށީގައި ވެސް ތިން ސެންޓިމީޓަރުގެ ޒަހަމެއް ހުރި ކަމަށެވެ. އަދި އަނގައިގެ ތިރީ ތުންފަތުން ފެށިގެން ދަތްދޮޅިއާ ހަމަައަށް ޒަހަމް ވެފައިވާ ކަމަށާއި ވާތް އަތުގެ ދެ އިނގިއްޔާއި އަތްތިލަ ޒަހަމްވެފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. އޭނާގެ އަތަށް ލިބިފައި ވަނީ ހަމަލާއަށް ދިފާއުވުމަށް ކުރި މަސައްކަތުގެ ތެރޭގައި ލިބިފައި ހުރި އަނިޔާތައް ކަމަށް ބެލެވޭ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

އެ މައްސަލަ ވަރަށް އަވަހަށް ޕީޖީއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

އެ އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައި ވަނީ އިއްޔެ ކަމަށާއި އެހެން ނަމަވެސް ރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. ހައްމާދު ހައްޔަރުކޮށްފައި ވަނީ 13 އަހަރުގެ ކުއްޖަކު ވިހާފައިވާ މައްސަލާގައި އެ ކުއްޖާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގަ އެވެ.

ހައްމާދަކީ މީގެ ކުރިން ވައްކަމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ މީހެއް ކަމަށް ޝިފާއު ވިދާޅުވި އެވެ. އެގޮތުން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވާ ވެސް ވަނީ ތަންފީޒުކޮށްފަ އެވެ.