ހަބަރު

ރައީސް ނަން ފޮނުވި ފަނޑިޔާރު ރައޫފްއާ ގުޅޭ ޝަކުވާތަކެއް

ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ހައިކޯޓުގެ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައިވާއިރު އޭނާއާ ގުޅޭ ޝަކުވާތަކެއް އެ ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން މިއަދު ކޮމިޝަނަށް ޝަކުވާތަކެއް ހުށަހަޅާފައިވާއިރު އެ ޝަކުވާތައް ބެލުމާމެދު ކޮމިޝަނުން ގޮތެއް ނިންމި ކަމެއް އެނގިފައެއް ނުވެ އެވެ. އާންމު ގޮތެއްގައި ޖޭއެސްސީއިން ޝަކުވާއާ ގުޅޭ މައުލޫމާތު މީޑިއާއާ ހާމަ ކުރަނީ އެ މައްސަލައެއް ބަލަން ނިންމާ ހާލަތުގަ އެވެ.

އެނގިފައިވާ ގޮތުގައި އަމިއްލަ މީހަކު ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ފަނޑިޔާރު ރައޫފް ގާކޮށިން ފްލެޓް ހޯއްދެވި މައްސަލައެކެވެ. އެ ޝަކުވާގައި ބުނެފައިވަނީ އެ ފްލެޓް ހޯއްދެވީ ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް މައްސަލައެއް ނިންމުމަށްފަހު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުމަށްފަހު ކަމަށެވެ.

މި ތުހުމަތުތައް ފަނޑިޔާރު ރައޫފަށް އަމާޒުވެފައިވާއިރު، އޭނާގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށް ބުނެ ރައީސް ސޯލިހަށް ވެސް އަމިއްލަ ފަރާތަކުން ސިޓީއެއް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ފަނޑިޔާރު ރައޫފް ބައިވެރިވެލައްވާފައިވާއިރު، އޭގައި ނުބައި ނިޔަތެއް އޮވެދާނެ ކަމާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސްގެ ސަމާލު ކަމަށް އެކަން ގެނެސްފައިވެ އެވެ.

ފަނޑިޔާރު ރައޫފްގެ ނަން ރައީސް ސޯލިހު ފޮނުއްވީ މިހާރު ސުޕްރީމް ކޯޓުން ހުސްވެފައިވާ ތިން ފަނޑިޔާރުންގެ މަގާމުގެ ތެރެއިން އެއް މަގާމަށް އައްޔަން ކުރުމަށް ލަފާ ހޯދުމަށެވެ. ޖޭއެސްސީއިން އޭނާއާ އިންޓަވިއުކޮށް ރައީސް ސޯލިހަށް ލަފާ އަރުވާނެ އެވެ.

ސުޕްރީމް ކޯޓުން ހުސްވެފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދާއި ކުރީގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ މަގާމެވެ. މި ތިން ފަނޑިޔާރުންގެ މައްސަލަތައް ވެސް ޖޭއެސްސީއިން ބެލި އެވެ.

އެގޮތުން ފަނޑިޔާރު ދީދީ އާއި ފަނޑިޔާރު އާދަމް ވަކިކޮށްފައިވަނީ ޖޭއެސްސީއިން އެގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ. ފަނޑިޔާރު އަރީފް އަމިއްލައަށް ރިޓަޔާ ކުރެއްވީ އެވެ. މި ތިން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ވެސް ފަނޑިޔާރު ރައޫފް ހަރަކާތްތެރިވެފައިވެ އެވެ.

މި މައްސަލަތައް ފެންމަތިވުމާއެކު ފަނޑިޔާރު ރައޫފް ވަނީ ޖޭއެސްސީގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އާންމު ގޮތެއްގައި ޖޭއެސްސީއިން އަމަލު ކުރާ ގޮތުންނަމަ، ފަނޑިޔާރަކަށް އައްޔަންކުރާ ފަރާތަކާމެދު ޝަކުވާއެއް ހުށަހަޅައިފައިވާނަމަ އެ މައްސަލައެއް ބަލާ ނިންމުމަށްފަހު ނޫނީ އޭނާއަށް މަގާމު ދިނުމާމެދު ގޮތެއް ނުނިންމަ އެވެ. މިކަމުގައި ޖޭއެސްސީއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.