ހަބަރު

މާފަރު އެއާޕޯޓް ހުޅުވައި، ޝެޑިއުލް ފްލައިޓްތައް ފަށައިފި

Dec 1, 2019
3

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) ނުވަތަ "މިއާ" ރަސްމީކޮށް މިއަދު ހުޅުވައި، ޝެޑިއުލް ފްލައިޓްތައް އެ އެއާޕޯޓަށް ފަށައިފި އެވެ. މި އެއާޕޯޓް ހުޅުވައިދެއްވައި ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފައްޓަވައި ދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މާފަރު އެއާޕޯޓް ހުޅުވުމާއެކު މުޅި ނ. އަތޮޅަށް އުފާވެރިކަން ވަނީ ލިބިފަ އެވެ. އެއާޕޯޓް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ގިނަ ރައްޔިތުންނާއި މި ސަރަހައްދަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންވެސް ބައިވެވެޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ ކުރީގެ ސަރުކާރަކުން ވެސް ރަނގަޅަށް ކޮށްފައިވާ ކަމެއް ބަދަލު ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެއާޕޯޓުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ފެށުމާއެކު ރަށުގެ ބިމުގެ އަގު ވަރަށް ބޮޑުތަން މަތިވެގެންދާނެ ކަމަށެވެ.

"މިއަދަކީ ޔަގީނުން ވެސް އުފާވެރި ދުވަހެއް. އިގްތިސާދު ކުރިއަރައިގެން ދިއުމަށް ފެށުނު އާ މަގެއް،" އަސްލަމް ވިދާޅުވި އެވެ.

އާބާދީގައި 1،257 މީހުން ދިރިއުޅޭ މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އޭގެ ކުރިންވެސް މި އެއާޕޯޓު ތަރައްގީ ކުރަން އެކި ފެންވަރުގައި މަސައްކަތް ކޮށްފައިވެ އެވެ. އެއާޕޯޓް އަޅަން އެކި ފެންވަރުގައި 2007 ވަނަ އަހަރުން ފެށިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ. މާފަރުގައި ވައިގެ ބަނދަރެއް ހެދުމުގެ ވިސްނުންތަކާއި ޕްލޭންތައް ގެންގުޅޭތާ 15 ވަރަކަށް އަހަރު ވެއްޖެ އެވެ.

މާފަރުގައި އެއާޕޯޓެއް އަޅާނެކަން ފުރަތަމަ އިއުލާނު ކުރެއްވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާފަރުގައި އެއާޕޯޓު އަޅަން ދެ ކުންފުންޏަކާ ހަވާލު ވެސް ކުރި އެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.

އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގަ އެވެ.