ވިޔަފާރި

މާފަރު އެއާޕޯޓަށް ސީޕްލޭން ފަށައި، ޓްރޭނިން ސްކޫލެއް އަޅަނީ

Dec 1, 2019

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ)އަށް ސީޕްލޭން ދަތުރުތައް ފަށައި، ޕައިލެޓުން ތަމްރީން ކުރާ ސްކޫލެއް އަޅަން ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްއިން ބުނެފި އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (މިއާ) އިން ރަސްމީކޮށް ޝެޑިއުލް ފްލައިޓްތައް ފަށަން މިރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ އެމްޑީ މުހައްމަދު ރިޒުވީ ވިދާޅުވީ މާފަރު އެއާޕޯޓަކީ މުސްތަގުބަލަށް ބަލާއިރު ޕޮޓެންޝަލް ހުުރި ތަނެއް ކަމަށެވެ. އެހެންކަމުން މި އެއާޕޯޓުގައި ގިނަ ހިދުމަތް ތަކެއް ފަށަން ވިސްނުން ގެންގުޅުންވާ ކަމަށެވެ.

"ވަރަށް ގިނަ ކަންތައްތަކެއް މި އެއާޕޯޓުގައި ކުރަން އެބައޮތް. މިއާއެކު ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ އުންމީދަކީ ސީޕްލޭން ކަނެކްޓިވިޓީ ފެށުން. އޭގެ ފަހުން އަޅުގަނޑުމެންގެ ވިސްނުން އެބަހުރި މިކޮޅު [މާފަރު] ގައި ޓްރެއިނިން ފެސިލިޓީތަކެއް ގާއިމް ކުރަން. އޭގެތެރޭގައި ޕައިލެޓުން ތަމްރީން ކުރުމާއި އިންޖިނިއަރިން އެމްއާރުއޯ ފެސިލިޓީއެއް ހަދަން. އެކަމަކު އެކުގައި ތަންކޮޅެއް ދުވަސްކޮޅެއް ނަގަައިފާނެ،" ރިޒްވީ ވިދާޅުވި އެވެ.

ޑިމާންޑު ބޮޑު، ހަފުތާއަކު ތިން ފްލައިޓް

މޯލްޑިވިއަން އިން މިއާ އެއާޕޯޓުން ޝެޑިއުލް ފްލައިޓް ފެށުމާއެކު، މިއަދުން ފެށިގެން ދުވާލަކު ތިން ފްލައިޓް ބާއްވާނެ އެވެ. އަދި އަންނަ މަހުން ފެށިގެން ފްލައިޓުގެ އަދަދު ހަޔަކަށް ބަދަލު ކުރާނެ އެވެ.

ރިޒްވީ ވިދާޅުވީ މޯލްޑިވިއަން އިން މިހާރު ވެސް ބޭނުންކުރާ އެއާބަސް ބޯޓު ފަހަރު މިހާރު ވެސް މި އެއާޕޯޓުގައި ޖެއްސޭނެ ކަމަށާ، ނަމަވެސް އެއަށް ވުރެ ބޮޑެތި ބޯޓު ފަހަރު ޖައްސާނަމަ ރަންވޭ އިތުރަށް ބޮޑުކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމަކީ ހުރިހާ ފެސިޓީއަކަށް ވެސް ހިދުމަތް ދެވޭވަރުގެ ޓީމެއް. އެހެންވެގެން ސަރުކާރުން އަޅުގަނޑުމެންނާ މި އެއާޕޯޓު ހިންގަން ހަވާލުކުރީ ވެސް. މިހާރުން ފައްޓައިގެން ވެސް ހުރިހާ އެއާލައިން ތަކަށް ވެސް ހިދުމަތް ދޭން ފަށާނެ،" ރިޒްވީ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ފްލައިޓް އަވަހަށް ފެށޭނެ

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޒްވީ ވިދާޅުވީ އިންޓަނޭޝަނަލް ފްލައިޓުތަކެއް ފަށަން ވެސް ޑިމާންޑް އެބައޮތް ކަމަށެވެ.

"އިންޓަނޭޝަނަލް ފްލައިޓު ފަށަން މިމަސް ތެރޭގައި ވެސް އެބަހުރި ބައެއް ޕްރައިވެޓް ޗާޓަރު ފަށަން ރިކުއެސްޓް ލިބިފައި. ޕްރައިވެޓް ޖެޓުގެ ވެސް. ވިސްނުމުގައި އެބަހުރި އަޅުގަނޑުމެން ޗައިނާ އަށް ކުރާ ބައެއް ދަތުރުތައް މި އެއާޕޯޓަށް ޑައިވާޓް ކުރަން ވެސް،" ރިޒްވީ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓު ތަރައްގީކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެންނެވެ. މި އެއާޕޯޓުގައި މިހާރު 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭ އެއް ތަރައްގީކޮށްފައިވެ އެވެ. ނަމަވެސް މީގެ އިތުރުން ވީއައިޕީ ލައުންޖާއި މިނޫން ވެސް ގިނަ ފެސިލީޓީ ތަކެއް އިތުރަށް އެއާޕޯޓަށް ބޭނުންވެ އެވެ.