މާފަރު

ރަށު ބިމުން ބޮޑުބައި ދޫކޮށްލި އުންމީދު

Dec 2, 2019

ބާރަ އަހަރުގެ ހުވަފެން ހަގީގަތަކަށްވުމާއެކު މުޅި މާފަރު އޮތީ އުފަލުން ފޮޅިފަ އެވެ. މި އުފާ މި ރަށުގައި މިހާރު ފާހަގަ ކުރި ނަމަވެސް މި ހިސާބަށް އާދެވިފައި ވަނީ ގިނަ ގުރުބާނީ ތަކެއް ވެސް ވެގެންނެވެ. އެއާޕޯޓު އަޅައިދޭން އެދި މިރަށުގެ ރައްޔިތުން ސިޓީ ނުފޮނުވާ ވުޒާރާއެއް ނެތެވެ. ނު ދަންނަވާ ވެރިއެއް ނެތެވެ. އެންމެ ފަހުން އެ ވަރުން ނުވެގެން އެއާޕޯޓު އަޅައި ނުދީގެން މިރަށުގައި މުޒާހަރާތައް ވެސް ކުރި އެވެ.

އަޒުމު ގެއްލުވާނުލައި ކުރި މަސައްކަތުގެ އުންމީދު އާލާވީ 2017 ވަނަ އަހަރު އެވެ. އެހާ ހިސާބުން މާފަރުގައި އެއާޕޯޓެއް އަޅައިދޭން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ހޯދައި ސިންގަޕޫރުގެ ޓަފް ކުންފުންޏާ ހަވާލުކުރި އެވެ.

މި މަސައްކަތް ކުރަން 130 ހެކްޓްރުގެ ބިން ބޭނުންވާއިރު މި ރަށުން 60 ހެކްޓަރަށް ވުރެ ބޮޑު ބައެއް ދޭން ޖެހުނެވެ. މި ރަށުގެ ރައްޔިތުން ނިންމީ ކިތަންމެ ބޮޑު އަގެއް ދީގެން ނަމަވެސް އެއާޕޯޓް އަޅާށެވެ. އެހެންވެ، ފެހިކަން ގަދަ މި ރަށުގެ ބޮޑުބައި އެއާޕޯޓަށް ދޫކޮށްލި އެވެ.

އަލީ ޒާފިރު، އަތޮޅު ކައުންސިލްގެ ރަައީސް

"މިއީ ވަރަށް އުންމީދު ކުރި ދުވަހެއް. އެތައް ޒަމާނެއް ވެއްޖެ މިއަދު އަންނާނެ ކަމަށް އުންމީދުގައި ތިބޭތާ. މީގެ ކުރީގަ ވެސް އެއާޕޯޓް އަޅާނެ ކަމަށް އެތައް ފަހަރަކު ހުވަފެން ދެއްވި. އެކަމަކު މިހާރު މި ޔަގީންކަން ލިބިގެން ދިޔައީ މި އެއާޕޯޓު އެޅިއްޖެކަން. ނ. އަތޮޅަކީ ނިސްބަތުން ޓޫރިޒަމްގެ ބޮޑު އަތޮޅެއް. އެހެންވެ ހުރިހާ ރިސޯޓުތަކަށް ވެސް މިކަމުން ފައިދާ ކުރާނެ" އޭނާ ބުންޏެވެ.

އައިޝަތު އިބްރާހިމް، ޓީޗަރެއް

"މި ރަށުގަ ތިބެގެން އާމްދަނީ ހޯދަން އިތުރު ގޮތް ތަކެއް ލިބިގެން ދާނެ މި އެއާޕޯޓުން. ބަދަލެއްގެ ގޮތުގައި އެހާ ބޮޑު ބައެއް ރަށުގެ ރައްޔިތުން ދޫކޮށްލީ ވެސް އެހެންވެހެން ހީވަނީ. މި މަސައްކަތް ފެށި ހިސާބުން ފެށިގެން ވެސް ކެފޭ / ރެސްޓޯރެންޓުގެ ވިޔަފާރި ވަރަށް ރަނގަޅުވެއްޖެ. އެހެންވީމަ އުންމީދަކީ ހުޅުވީމަ އަދި މާބޮޑަށް ރަނގަޅު ވާނެ ކަމަށް،"

ސައިފު އަލީ، ހެލްތް ސެންޓަރު މެނޭޖަރު

"އެއާޕޯޓު އެޅީމަ ބަލި މީހުން މާލެ ދާން ވަރަށް ފަސޭހަ ވެގެން ދާނެ. މިއާއެކު އުންމީދު ކުރަނީ ސިއްހީ މަރުކަޒަށް މިހާރަށް ވުރެ ރަނގަޅު ހިދުމަތް ތަކެއް ލިބިގެން ދާނެ ކަމަށް. އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވީމަ ޖެހޭ 24 ގަޑިއިރު ހިދުމަތް ދެވޭ ތަނެއް ހުންނަން. އުންމީދު ކުރަނީ އަންނަ އަހަރު ވާނެ ކަމަށް. އެހެންވެ އުންމީދަކީ ލެބޯޓްރީގެ ހިދުމަތް ވެސް ކައިރި މުސްތަގުބަލެއްގައި ފެށުން،"

މަރިޔަމް ރަޝީދާ، ކޮމިއުނިޓީ ހެލްތް އޮފިސަރު

"މާފަރަކީ ފިރިހެނުންނަށް ވުރެ އަންހެނުން ގިނައިން ވަޒީފާ އަދާކުރާ ރަށެއް. އެހެންވީމަ އުންމީދު ކުރަނީ އިތުރު އަންހެނުން މީގެ ސަބަބުން ވަޒީފާ ލިބި، ވަޒީފާ އަށް ނުކުންނާނެ ކަމަށް. އުންމީދު ކުރަނީ ރަށުގެ އިކޮނޮމީ އާއި ހެލްތް އަދި އެޑިއުކޭޝަން ވެސް މީގެ ސަބަބުން ކުރިއަރައިގެން ދިއުން،" .