ހަބަރު

ދެ މެޖިސްޓްރޭޓަކު ވަކި ކުރަން ހުށަހަޅަން ނިންމައިފި

ދެ މެޖިސްޓްރޭޓަކު ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީއިން ނިންމާފައިވަނީ ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އައިނާނު އަލީ މުހައްމަދާއި ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސެއިން ވަކި ކުރާށެވެ.

މިރޭ ޖޭއެސްސީއިން ނިންމާފައިވަނީ އެ ދެ މެޖިސްޓްރޭޓުންގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމުން އެ ބޭފުޅުންގެ ކިބައިގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ނުޖެހޭ ފަދަ އަމަލުތައް ފެނިފައިވާ ކަމަށެވެ. އެހެންވެ، ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ސުލޫކީ މައްސަލައިގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މީގެކުރިން ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަޖިލީހުން ވަކިކޮށްފައިވެ އެވެ. އެއީ އެގޮތަށް މަޖިލީހުން ވަކި ކުރި ފުރަތަމަ ފަނޑިޔާރެވެ.

މިރޭ ޖޭއެސްސީއިން ވަނީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަކި ކުރަން ހުށަހަޅަން ވެސް ނިންމާފަ އެވެ.