ހަބަރު

ސިފައިންގެއަށް ވަން މީހާ ހައްޔަރުކޮށްފި: ފުލުހުން

ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮއްޓަށް ވޭނެއް ވަދެ އިންޒާރު ދިން މައްސަލާގައި އެ ވޭން ދުއްވަން އިން ބިދޭސީ މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސިފައިންގޭ ތެރެއަށް ވަނީ ބަންގުލަދޭޝްގެ 32 އަހަރުގެ މީހެކެވެ. އޭނާ ވޭނެއްގައި ސިފައިންގެއަށް ވަނީ ނޮވެމްވަރު 19 ވަނަ ދުވަހު އެވެ. އެއީ ސިފައިންގެއަށް ވަންތާ އެއް ދުވަސް ފަހެވެ

މިދިޔަ މަހު 18 ވަނަ ދުވަހު "ސީ" އަކުރުގެ ހިމެނެ ނަމްބަރު ޕްލޭޓެއް ޖަހާފައިވާ ވޭނެއް ބަންޑާރަ ކޮއްޓަށް ވަނުމާއެކު ހުއްޓުވާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ސިފައިންގެ ތެރެއަށް ވަދެ "ގޮއްވާލާނެ" ކަމަށް އިންޒާރު ވެސް ދިނެވެ.

އެކަމާ ގުޅޭ ގޮތުން އަވަސް އިން ސުވާލު ކުރުމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ސިފައިންނާ ގުޅިގެން ތަހުގީގު ކުރަމުންދާއިރު، އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މާލޭގައި ހުންނަ ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮޓަކީ އެންމެ ވަރުގަދައަށް ސަލާމާތީ ފިޔަވަޅުތައް އަޅާފައިވާ މަރުކަޒެވެ. އެ މަރުކަޒަށް މިގޮތަށް ވެހިކަލެއްގައި ވަން މިއީ ފުރަތަމަ ފަހަރެވެ. މި މައްސަލައާ ގުޅިގެން ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މީގެ ދެ ހަފްތާ ކުރިން ހިނގި އެ ހާދިސާއަށް ފަހު މިހާރު ވަނީ ސިފައިންގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފަ އެވެ.