ފަހަކަށް އައިސް ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނަށް ޖިސްމާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހަމަލާތައް ދިނުން އިތުރުވަމުންދާ ކަމަށާއި ސަލާމަތީ ހިދުމަތްތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވަނީ، އިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންތަކެއް މިއަދު ހުޅުމާލޭގައި މުޒާހަރާކޮށް ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހުންނަށް ހަމަލާދީ ފުލުހުންގެ ބައެއް މުދާތަކަށާއި ވެހިކަލްތަކަކަށް ގެއްލުން ދީފައިވަނިކޮށެވެ.
"ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނަކީ ދިވެހިންގެ ފަޚުރު. މިހާރަކަށް އައިސް ދިވެހި ފުލުހުންނަށް ޖިސްމާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދެމުންދާ ހަމަލާތައް ކުށްވެރިކުރަން. ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ ގަދަރާއި އިއްޒަތް ދިފާއުކޮށް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ،" މުއިއްޒުގެ ޓްވީޓުގައި ވެ އެވެ.
ހުޅުމާލޭގައި މިއަދު ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި 40 ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން މިހާރު ވަނީ ހަމަނުޖެހުން ކޮންޓްރޯލްކޮށްފަ އެވެ. އަދިވެސް ސްޕެޝަަން އޮޕަރޭޝަން ޑިޕާޓްމަންޓުގެ ޕަބްލިކް ސޭފްޓީ ރެސްޕޮންސް ޔުނިޓްގެ ޓީމް އެ ތަނުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.
މި މަހުގެ ހަވަނަ ދުވަހު ވެސް މުސާރަ ނުދީގެން މަސައްކަތް ކުރާ އޮފީސް ކައިރިއަށް އެއްވެ ބިދޭސީންތަކެއް މުޒާހަރާ ކުރި އެވެ. އެ މުޒާހަރާގެ ތެރޭގައި ފުލުހުންނާއި މުޒަހަރާގައި ބައިވެރިވި ބިދޭސީންތަކާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމުގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.
ބިދޭސީންގެ މުޒާހަރާތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ތިލަފުށީގައި ވަރަށް ބޮޑު މުޒާހަރާއެއް ބިދޭސީން ކޮށްފައިވަނިކޮށް، ބ. ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށް ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި އެވެ. އެ މައްސަލާގައި 19 ބިދޭސީއަކު ހައްޔަރުކުރި އެވެ. މާލޭ އާޓިފިޝަލް ބީޗްގައި ވެސް ބިދޭސީންތަކެއް މުޒާހަރާއެއް ކުރި އެވެ.