ވިޔަފާރި

އެއާޕޯޓު ބޭނުންކުރި ފްލައިޓުގެ އަދަދު ރެކޯޑު އިތުރުވުމެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރި، ފްލައިޓުގެ އަދަދު ރެކޯޑު އަދަދަކަށް އިތުރުވެފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި މި މަހުގެ އެއްވަނަ ދުވަހު މައި އެއާޕޯޓުގައި ފްލައިޓް މޫވްމެންޓް ރެކޯޑު އަދަދަކަށް އިތުރުވެފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަހުގެ އެއްވަނަ ދުވަހު ފްލައިޓް މޫވްމެންޓް 226 އަށް އަރާފައިވާ ކަމަށެވެ. އެންމެ ފަހުން އެއް ދުވަހެއްގެ މައްޗަށް އެއާޕޯޓު އެންމެ ގިނައިން ބޭނުން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އެ ދުވަހު 219 ފްލައިޓް މޫވްމެންޓް ރެކޯޑު ކުރެވިފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ މި މަހުގެ އެއްވަނަ ދުވަހު 102 އިންޓަނޭޝަނަލް ފްލައިޓް މައި އެއާޕޯޓު ބޭނުން ކޮށްފައިވާއިރު އެ ދުވަހު ބޭނުންކުރި ޑިމެސްޓިކް ފްލައިޓުގެ އަދަދު 121 އަށް އަރާ ކަމަށެވެ.

އެއާޕޯޓުގައި ފްލައިޓު މޫވްމެންޓް އިތުރުވެފައި މިވަނީ ޓޫރިޒަމްގެ މައި ސީޒަންއާ ދިމާކޮށެވެ. ރާއްޖޭގެ ޓޫރިޒަމް މައި ސީޒަން ފެށުމާއެކު ޓޫރިސްޓު އެރައިވަލް ދަނީ މަތިވަމުންނެވެ. މިއަހަރުގެ އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ ރެކޯޑު އިތުރުވުމެއް އައިސްފަ އެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު ރާއްޖެ އަށް ފުރަތަމަ ފަހަރަށް 1.5 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.