ރިޕޯޓް

އިންކަމް ޓެކްސް ބިލުގައި ޑަބަލް ޓެކުހުގެ ލޯވަޅެއް!

ރާއްޖޭގެ ޓެކްސް ޗޭނަށް ދެން އިތުރުވާން މި އުޅެނީ އިންކަމް ޓެކުހެވެ. ނުވަތަ އާމްދަނީ އިން ނަގާ ޓެކުހެކެވެ. މި ޓެކްސް ނެގުމުގެ މަގުސަދަކީ ހަމަހަމަކަން ގާއިމް ކުރުން ކަމަށް ބުނެ އެވެ. މައިގަނޑު މަގުސަދަކީ އެންމެ ފުދިގެން އުޅޭ މީހާއާއި ނުފުދި އުޅޭ މީހާގެ މެދުގައި އޮތް ފަރަގު ކުޑަ ކުރުމެވެ. އެހެންވެ. ވަށައި ޖެއްސޭ ޓެކުހެއް ކަމަށް ބުނަނީ ވެސް އެހެންވެ އެވެ. ނަމަވެސް އިންކަމް ޓެކްސް ބިލް މަޖިލީހަށް ގޮސް ބަހުސް ފަށާފައިވާއިރު، މި ބިލުގައި "ޑަބަލް ޓެކްސް" ކުރެވޭނެ ބޮޑު ލޯވަޅެއް އެބަ ފާހަގަ ކުރެ އެވެ. އެއީ ވިޔަފާރިކުރުމުން ފައިދާގެ ގޮތުގައި ޑިވިޑެންޓުން ޓެކްސް ކުރުމެވެ. މާހިރުންގެ ނަޒަރުގައި އިންކަމް ޓެކްސް ނަގަން ފަށާއިރު ޑިވިޑެންޓުން ޓެކްސް ކުރުމަކީ ރާއްޖެ އަށް މި ވަގުތަށް އެންމެ ރައްކާތެރިކަމެއް ކަމެއް ނޫނެވެ. މީގެ ސަބަބަން އިގްތިސާދީ މާހިރުން ވިދާޅުވަނީ ކަންބޮޑުވުމާއެކުގަ އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރުން ޑިވިޑެންޓުން ޓެކްސް ކުރުމަކީ މި ވަގުތަށް [ރާއްޖެ އަށް] އެންމެ ރަނގަޅު ގޮތް ކަމަށް. ރާއްޖޭގެ އިގްތިސާދާއި މިހާރު އޮތް ހިސާބުން ޑިވިޑެންޓުން ޓެކްސް ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ފާމެއް ކަމަށްވާ، ކްރޯ މޯލްޑިވްސްގެ މެނޭޖިން ޕާޓްނަރު ހަސަން މުހައްމަދު ވިދާޅުވި އެވެ.

އިންކަމް ޓެކްސް ނެގޭނެ ފަރާތްތައް!

އިންކަމް ޓެކްސް ބިލް ފުރަތަމަ އޮތް ގޮތުން ޓެކްސް ދައްކަން ޖެހޭނީ، 40،000ރ. އަށް ވުރެ އާމްދަނީ އިތުވާ ބައިން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމެޓީން ވަނީ އިންކަމް ޓެކްސް ނަގާ ބްރެކެޓުތައް މަތިކޮށް، ޕަސެންޓޭޖު ދަށްކޮށްފަ އެވެ. ނަމަވެސް ކޮމިޓީން މިހާރު ފާސްކޮށްފައިވަނީ މަހެއްގެ މައްޗަށް 60،000ރ. އާއި 100،000ރ. ރުފިޔާއާ އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސް ކުރުމަށެވެ. އަދި ޓެކްސް ކުރާނީ 5.5 ޕަސެންޓުންނެވެ. ކުރިން މި ޕަސެންޓޭޖު އޮތީ އަށް ޕަސެންޓުގަ އެވެ.

އިންކަމް ޓެކްސް ބިލް ކުރިން އޮތް ގޮތުން 60،000ރ. އާއި 100،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން 10 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ. އަށްވުރެ ބޮޑު ނަމަ 15 ޕަސެންޓް އިންކަމް ޓެކުހުގެ ގޮތުގައި ދައްކަން ޖެހެ އެވެ. ނަމަވެސް މިހާރު ބިލަށް ނެގެސްފައިވާ ބަދަލާއެކު، 100،000ރ. އާއި 150،000ރ. އާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން ނަގާނީ އަށް ޕަސެންޓެވެ. އަދި 150،000ރ. އާއި 200،000ރ. އާ ދެމެދުގެ އަމްދަނީއެއް ލިބޭ މީހުންގެ އަތުން 12 ޕަސެންޓް ޓެކުހުގެ ގޮތުގައި ނަގާނެ އެވެ.

އިންވެސްޓްމަންޓަށް ނުބައި މެސެޖެއް!

އިންކަމް ޓެކްސް ނަގަނީ ޕާސަނަލް އިންކަމް އިންނެވެ. އެހެންކަމުން ޓެކްސް ނެގޭ ބްރެކެޓު ތަކަށް ފޯލްވާ މީހުން ޓެކްސް ދައްކަން ލާޒިމްވެ އެވެ. މިހާރު ޓެކްސް ބިލް އޮތް ގޮތުން މި ބްރެކެޓުގެ ތެރެ އަށް ފައިބާނީ ބޮޑެތި މުސާރަ ވެރިންގެ އިތުރުން ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންނާއި އިންވެސްޓަރުންނެވެ. މިސާލަކަށް އިންވެސްޓަރެއް، އޭނާގެ ޕާސަނަލް އިންކަމް އިން، ޓެކްސް ދައްކާފަ އަދި އޭނާ ކުރާ ވިޔަފާރީއަށް ލިބޭ ޑިވިޑެންޓުން ވެސް ޓެކްސް ދައްކަން ޖެހޭނެ އެވެ.

އިގްތިސާދީ ދާއިރާގެ މާހިރުންގެ ނަޒަރުގައި ޑިވިޓެންޓުން ޓެކްސް ކުރުމަކީ ރާއްޖެ ފަދަ ގައުމުތަކުގައި މި ވަގުތަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބުން ރާއްޖޭގެ އަށް އެއްވެސް އަސަރެއް ކޮށްފާނެ ހެއްޔެވެ؟

ޑިވިޑެންޓްއަކީ އިންވެސްޓަރަށް ލިބޭ ފައިދާގެ ގޮތުގައި ބެލިދާނެ އެވެ. މިގޮތަށް ބަލާނަމަ ޕާސަނަލް އިންކަމް އިން ޓެކްސް ނަގާފަ، ބީޕީޓީ އާއި ޓީޖީއެސްޓީ ދައްކާފަ އަނެއްކާ ވިޔަފާރި އަށް ލިބޭ ފައިދާ އަކުން އިތުރަށް ޓެކްސް ދައްކަން ޖެހުމުން ވިޔަފާރިވެރިޔާގެ ނުވަތަ އިންވެސްޓަރުގެ އަތުން ބޮޑު އެއްޗެއް ޓެކްސް ކުރެވިގެންދާނެ އެވެ. ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

ރާއްޖޭގައި އިންވެސްޓްކޮށްފައިވާ އިންވެސްޓަރަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި ޑިވިޑެންޓުން ޓެކްސް ނެގުމަކީ ރާއްޖެ އަށް ގެއްލުން ވެދާނެ ކަމެއް ކަމެކެވެ.

"ރާއްޖޭގައި އިންވެސްޓް ކުރަނީ ރިޓާން އޮފް އިންވެސްޓްމަންޓް ބޮޑުވީމަ. އެހެންނޫނީ އިންވެސްޓް ކުރުމުގެ މާބޮޑު ބޭނުމެއް ނެތް. މިތަނަކު ނެތް ވިޔަފާރިއަށް ފަސޭހަ މާހައުލެއް. ކޮންމެ ހާލެއްގައި ވެސް އިންވެސްޓްމަންޓް ފެށީމަ އޭގެ ރިޓާން ލިބެނީ. މިހާރު މިވާގޮތުން ޑިވިޑެންޓުން ޓެކްސް ކުރުމުން އެބަ އަހަރެމެންގެ ފައިދާ އިން ވެސް ޓެކްސް ދައްކަން ޖެހޭ. ލިބޭ ފައިދާ ބޭންކު ތަކަށް ލައިގެން، ފަންޑު ހޯދައިގެން މި ރީ-އިންވެސްޓް ކުރަނީ. އެހެންވީމަ ޑިވިޑެންޓުން ޓެކްސް ކުރާނަމަ ފައިދާ ކުޑަ ވެގެންދޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ތިބީ އިންކަމް ޓެކްސް ދައްކަން ތައްޔާރަށެވެ. އެކަމާ ރުހިގެންނެވެ. އެކަމަކު އެ މީހުންގެ ވެސް ޝަކުވާއަކީ "ޑަބަލް ޓެކްސް" ކުރެވޭ ގޮތްވުމެވެ. މިހާރު ޓެކްސް ބިލް އޮތް ގޮތުން މިހާރު ނަގާ ހުރިހާ ޓެކްސް ތަކާއެކު ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ ޖުމްލަ އަދަދު 30 ޕަސެންޓަށް ވުރެ މަތިވެގެންދާނެ އެވެ.

ދިވެހި ވިޔަފާރިއެއް ކަމަށްވާ މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި ޓެކްސްތައް އިތުރު ކުރުމަކީ އިންވެސްޓަރުންގެ "އިންވެސްޓްމަންޓް އެޕަޓައިޓް" ކުޑަ ވެގެންދާނެ ކަމެއް ކަމަށެވެ.

"ޑިވިޓެންޓުން ޓެކްސް ކުރުމުން ކުރު މުއްދަތަށް ބަލާއިރު ދައުލަތަށް ފައިދާ ކޮށްފާނެ. މިކަމުން ލިބޭ އާމްދަނީ ބޮޑުވެ ދާނެ. އެކަމަކު ދިގު މުއްދަތަށް ބަލާއިރު މިކަން ވާނީ އިންވެސްޓަރުންނަށް އެހާ ރަނގަޅު ކަމަށް ނޫން،" ޖަނާ ވިދާޅުވި އެވެ.

ކުރިން ވާހަކަ ދެއްކެވި، ކްރޯ މޯލްޑިވްސްގެ މެނޭޖިން ޕާޓްނަރު ހަސަން ވިދާޅުވި ގޮތުގައި ޑިވިޑެންޓުން ޓެކްސް ކުރަން އޮންނަ އެއް މިލިއަން ރުފިޔާއިން މަތީގެ އަދަދަކީ ރާއްޖެ އަށް މިހާރު އެންމެ އެކަށީގެންވާ އަދަދެއް ވެސް ނޫން ކަމަށެވެ.

"މިއީ ދެކޮޅަށް ވެސް ޑިބޭޓް ކުރެވިދާނެ ކަމެއް. އާއްމުކޮށް ޑިވިޑެންޓުން ޓެކްސް ކުރަނީ ވަރަށް ޓެކްސް ހައި ގައުމުތައް. އެމެރިކާ ފަދަ ގައުމުތަކުގައި. އެހެންވީމަ އިންކަމް ޓެކްސް ފަށާއިރު އެންމެ ބުއްދިވެރި ގޮތަކީ ޑިވިޑެންޓުން ޓެކްސް ނުކުރުން،" ހަސަން ވިދާޅުވި އެވެ.

މިއީ ދެކޮޅަށް ވެސް ޑިބޭޓް ކުރެވިދާނެ ކަމެއް. އާއްމުކޮށް ޑިވިޑެންޓުން ޓެކްސް ކުރަނީ ވަރަށް ޓެކްސް ހައި ގައުމުތައް. އެމެރިކާ ފަދަ ގައުމުތަކުގައި. އެހެންވީމަ އިންކަމް ޓެކްސް ފަށާއިރު އެންމެ ބުއްދިވެރި ގޮތަކީ ޑިވިޑެންޓުން ޓެކްސް ނުކުރުން
ހަސަން މުހައްމަދު | ކްރޯ މޯލްޑިވްސްގެ މެނޭޖިން ޕާޓްނަރު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ވިޔަފާރިކުރާ، ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި އިންކަމް ޓެކްސް ބިލު އޮތް ގޮތުން ވިޔަފާރިތަކަށް ނުބައި އަސަރު ތަކެއް ކުރުމުގެ ފުރުސަތު ބޮޑެވެ.

"އެއްވެސް ހިދުމަތެއް ހޯދާކަށް ސަރުކާރުގެ ތެރެ އިން ލުއި ފަސޭހައެއް ނުވޭ. ހައްތަހާ މިވަނީ ދަތި. އަނެއްކާ ޖީއެސްޓީ އާއި ބީޕީޓީ ދައްކާފަ، އިންކަމް ޓެކްސް ދައްކާފަ، އަނެއްކާ ނުވިތާ އެހެން ޓެކުސް މި ދައްކަނީ. މިހެންވާނަމަ ވިޔަފާރި ކުރުމުގެ ބޭނުމެއް ނެތް. މީގެން ވާނެ މާކަބޮޑު ފައިދާ އެއް އެހެންވީމަ ނޯންނާނެ. ދެން އެކަމަކު ކުރެވިދާނެ ނަމެއްގައި،" ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ދިރާސާއާ މެދު ސުވާލު އުފެދޭ!

އިންކަމް ޓެކްސް ނެގުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެހެންވީމަ ރައްޔިތުން މަޖިލީހުން ފައި ވިއްދާފައި ތިބީ އެކަން ކުރާށެވެ. ސުވާލަކީ މި ޓެކްސް ނަގަން ދިރާސާ ކޮށްފައި އޮތީ ކިހާ ވަރަކަށް ހެއްޔެވެ ؟ މި ސުވާލު އުފެދޭނެ ގިނަ ހާލަތްތަކެއް މިހާރު މިވަނީ ފެންމަތިވެފައިވެ އެވެ. އެއް ކަމަކީ އިންކަމް ޓެކްސް ނަގަން ސަރުކާރުން ހުށަހެޅި އަދަދު މަޖިލީހުން ބަދަލު ކުރުމުގެ އެވެ. މީގެން އެނގެނީ މިކަމުގައި އެކިއުރޭޓް ދިރާސާތަކަށް ބެލިފައި ނެތް ކަމެވެ. މަޖިލީހުން ވަކިއެއްޗެއް ދައުލަތުން ވަކި އެއްޗެއް ކިޔާނަމަ ޓެކްސް ބިލް ފާސްވާއިރު އޮންނާނީ ކިހިނެއް ހެއްޔެވެ؟

މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެ އަންދާޒާ ގޯސްކަމަށް ވިޔަސް، އިންކަމް ޓެކްސް ނެގޭ ތުރެޝްހޯލްޑް ބިލްގައިވާ ވަރަށްވުރެ މަތިކޮށްފިނަމަ އަންދާޒާ ކޮށްފައިވާ ވަރަށް ވުރެ އާމްދަނީ މަދުވާނެ ކަމަށެވެ. އެ ގޮތުން 60،000 ރުފިޔާގެ އާމްދަނީ އަކަށް ތުރެޝްހޯލްޑް އިތުރުކޮށްފިނަމަ ޓެކްސް ނެގޭ އާބާދީން ބޮޑު ބައެއް ބޭރުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންކަމް ޓެކްސް ބިލްގައި 60،000 އަށް ތުރެޝްހޯލްޑް އިތުރުކޮށްފިނަމަ ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން އަންދާޒާ ކުރި މިންވަރަށް ވުރެ ދަަށްވާނެ، އަދި އަޅުގަނޑުމެންގެ އަންދާޒާ ގޯސް ކަމަށް ވިޔަސް 60،000 އަށް މަތިކޮށްފިނަމަ އެ ނެޓުން ބަޔަކު ބޭރު ވާތީވެ، އާމްދަނީ ލިބޭނެ މިންވަރު ދަށް ވެދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިންކަމް ޓެކްސް ބިލްގައި 60،000 އަށް ތުރެޝްހޯލްޑް އިތުރުކޮށްފިނަމަ ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން އަންދާޒާ ކުރި މިންވަރަށް ވުރެ ދަަށްވާނެ، އަދި އަޅުގަނޑުމެންގެ އަންދާޒާ ގޯސް ކަމަށް ވިޔަސް 60،000 އަށް މަތިކޮށްފިނަމަ އެ ނެޓުން ބަޔަކު ބޭރު ވާތީވެ، އާމްދަނީ ލިބޭނެ މިންވަރު ދަށް ވެދާނެ
އިބްރާހިމް އަމީރު | ފިނޭންސް މިނިސްޓަރު

އާމްދަނީއަކީ ސަރުކާރުގެ ހަމައެކަނި މަގުސަތު ކަމަށްވެދާނެ އެވެ. މިކަން އެއްފަހާތުގައި ބާއްވާފައި ޓެކްސް ނަގަން ހުށަހަޅާފައިވާ އަދަދުތަކުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރަކީ ކޮބައިކަން ވެސް ސާފު ވާން ޖެހެ އެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރުކަމާއި ސަރުކާރުގެ އިސް މަގާމުތައް ކުރިން ފުރުއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި އިންކަމް ޓެކްސް ނަގަނީ އާމްދަނީގެ ފަރަގު ކުޑަ ކުރަން ކަމަށްވާނަމަ މިހާރު ބިލް އޮތް ގޮތުން އެކަން ހާސިލް ނުވުމުގެ ފުރުސަތު ބޮޑެވެ. މިހާރު ބިލްގައި ޓެކްސް ނަގަން ހިމަނާފައިވާ 60،000ރ. ގެ ތްރެޝްހޯލްޑްއަކީ އެންމެ ރަނގަޅު އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިލުން މަގުސަދު ހާސިލްވާނެ ތޯ ސުވާލަކީ؟ ޓެކްސް ނަގާނެ އެންމެ މަތީ އަދަދަކީ 60،000 އިން މަތި. މިހާރު މާލޭގެ ހަރަދުތައް ހުރި ގޮތުން މި އަދަދަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެންމެ އެކަށީގެންވާ އަދަދެއް ނޫން. މި އަދަދު ޖެހޭ 100،000ރ، ވަރަށް މަތި ކުރަން. މިހެން މި ބުނަނީ 60،000ރ. ހޯދަން މީރާ އިން ކުރަން ޖެހޭ މަސައްކަތް ވެސް ދެކޮޅު ނުޖެހޭ. އެޑްމިނިޓްރޭޓިވް ކޮސްޓް އަސްލު މާބޮޑު ވެގެންދޭ އެބަ. އެހެންވީމަ މިހާރުގެ އަދަދުން ދެކޮޅެއް ނުޖެހޭނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އެހެން އިގްތިސާދީ މާހިރަކު ވިދާޅުވި ގޮތުގައި އިންކަމް ޓެކްސް ނަގަން ފެށުމުގެ ކުރިން މިހާރު ނަގާ ޓެކްސް ތަކުގެ ދިރާސާއެއް ހެދުން ބުއްދިވެރި އެވެ.

"މިހާރު އެބަ ނަގާ ބީޕީޓީ އާއި ޖީއެސްޓީ އަދި ޓީޖީއެސްޓީ ވެސް. ޓެކްސް ނަގަން ފެށިތާ 10 އަހަރުވީއިރު މި ކަމުން ކުރަނީ ކޮން އިމްޕެކްޓެއް ތޯ އެބަޖެހޭ ދިރާސާކޮށް ބަލަން. މި ދިރާސާ ކުރީމަ އެނގޭނީ މިހާރު ހުރި ޓެކްސްގެ އަދަދުތައް ބަދަލު ކުރަން ވެސް. ހަމަތިބެފަ މާދަމާ އިންކަމް ޓެކްސް ނަގާނީ އޭ ބުނުން މިއީ ބުއްދިވެރި ގޮތެއް ނޫން،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ކޮންމެއަކަސް މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރުގެ އަތުގަ އެވެ. އެހެންވެ ކޮންމެ ގޮތެއްގައިވެސް މިކަން ކުރާނެ އެވެ. އަނެއްކާ އިންކަމް ޓެކްސް ނެގުމަކީ ވައުދެކެވެ. މީގައި ސުވާލަކީ އިންކަމް ޓެކްސް ނެގުމެއް ނޫނެވެ. ސުވާލަކީ ޑަބަލް ޓެކްސް ނެގުމެވެ. މިހާރުވެސް ޑަބަލްކޮށް ޓެކްސް ނަގާއިރު، މި ޓެކްސް އިތުރަށް ތަކުރާރުވުމަކީ ރާއްޖޭގެ އިންވެސްޓްމަންޓަށް އެކާ ރީތި މަންޒަރަކަށް ނުވާނެ އެވެ.