ހަބަރު

ކުރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ގާޒީން ނަގައިފި

ކުރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ގާޒީން އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ކުރިމިނަލް ކޯޓަށް އައްޔަން ކުރަން ނިންމާފައިވަނީ ޅ. ހިންނަވަރު މާތިލަ، އާދަމް މުހައްމަދެވެ. އާދަމް މުހައްމަދަކީ މީގެކުރިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި މަސައްކަތް ކުރެއްވި ވަކީލެކެވެ. އަދި މިހާރު އަމިއްލަ ލޯ ފާމެއް ހިންގަވާ ބޭފުޅެކެވެ.

ސިވިލް ކޯޓަށް އައްޔަން ކުރަން ނިންމާފައިވަނީ ދ. ކުޑަހުވަދޫ ވައިލެޓްގެ ރިޒްމީނާ އާއި ތ. ތިލަފުށި ބަސަރާ، އަހުމަދު އަބްދުއްމަތީން އާއި ސ. ހިތަދޫ ހަސަންކާރީ، ފައްޔާޒު ޝާތިރު އަދި މއ. ޕެންޒީވިލާ އާއިޝަތު އަޒްފާ އަބްދުލްޣަފޫރެވެ.

މި ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރަން ނިންމީ އެކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 39 ފަރާތުގެ ތެރެއިން ޝޯޓްލިސްޓްކުރި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު އެވެ.

މީގެއިތުރުން ތ. ކިނބިދޫ ނަސްރުއްސަބާ، އަބްދުﷲ ހުސެއިން ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށާއި ލ. މާވަށް ނަލަމަލަ، ފަތުހުﷲ ޖަމީލު މޫސާ ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރުމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.