މަނީލޯންޑްރިންގެ ކުށް ސާބިތުވެ ހުކުމް ތަންފީޒް ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިނިވަންކުރުމަށް ގޮވާލާ ރޭ ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތް މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި ބާކީ ތިބި މީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން ހަތް މީޙަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ. އަދި އޭގެ ތެރެއިން ދެމީހަކު ފިޔަވައި ދެންތިބި އެންމެން ދޫކޮށްލާފައިވާ ކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން އިހްތިޖާޖު ފަށާފައިވަނީ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށްފަހު އެވެ. ކާނިވާ ސަރަހައްދުގައި ކުރިއަށްދިޔަ ޖަލްސާ ނިންމާލުމަށްފަހު ޖަލްސާގެ ބައެއް ބައިވެރިން ވަނީ ހިނގާފައި ޕީޕީއެމް އޮފީސް ދޮށައް އެއްވެ އިހްތިޖާޖުކޮށްފަ އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކުމް ކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގަ އެވެ.
އެ ހުކުމުގައި ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ފެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހިމަނާފައި ވެއެވެ. ދަށު ކޯޓްގެ އެ ހުކުމް މިހާރު ވަނީ އިސްތިއުނާފުކޮށްފައެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން އެއްވުންތަކާއި، މަގުމަތީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، މަޖިލީހުގައި ތިއްބެވި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންވެސް ގެންދަވަނީ ޖަލްސާތަކުގައި އިހުތިޖާޖު ކުރައްވަމުންނެވެ.