ހަބަރު

ބަންދުގައި ހުރި މީހަކަށް އަނިޔާވި މައްސަލަ ބަލަނީ

ހދ. ކުޅުދުއްފުށީ ޕޮލިސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ކުށްވެރިއެއްގެ އިނގިއްޔަށް އަނިޔާވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ދެ ފުލުހަކަށް ބިރުދައްކައި އިންޒާރުދީ އަދި އެމީހުންގެ މުދަލަށް ގެއްލުންދިން މައްސަލާގައި ކުޅުދުއްފުށިން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރި ކަމަށެވެ. އަދި ފުލުހުންގެ ހައްޔަރަށް އޭނާ ގެންދިޔަ އިރު އޭނާ އަށް އެއްވެސް އަނިޔާއެއްވެފައިވާ ކަމެއް އެނގިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މިމަހުގެ ހަ ވަނަ ދުވަހު އޭނާ ވަރަށް ބޮޑަށް ރޯގާޖެހި ބަލިވެގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އަދި އިނގިއްޔެއްގައި ރިއްސާތީ ބުނުމުން އެކްސްރޭއެއް ނެގި ކަމަށެވެ. އަދި އެކްސްރޭ އިން އޭނާގެ ކަނައަތު އިނގިއްޔެއްގެ ކަށިގަނޑަށް އަނިޔާވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

ބަންދުގައި ހުރި މީހާ އިއްޔެ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލި ނަމަވެސް އޭނާ ބަންދުގައި ހުއްޓާ އަނިޔާ ލިބިފައިވަނީ ކިހިނެއްތޯ ބެލުމަށް ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ އާއިލާއަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްގެ ނަންބަރު ހިއްސާ ކުރުމަށްފަހު މި މައްސަލާގައި ކުރިއަށްދާގޮތް ކިޔައިދީފައިވާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.