އިސްލާމްދީނަކީ ޙައްޤުދީންކަމާއި ﷲގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާ ހަމަ އެކަނި ދީނަކީ އިސްލާމްދީންކަން ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ކަނޑައަޅުއްވާފައެވެ. އަދި އެއީ އަޅުގަނޑުމެން މުސްލިމުން ހިތުގައި ޝައްކުކަމެއް ނެތި އީމާންވާ އެންމެ މަތިވެރި ޙަޤީޤަތެވެ. ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގޮތުން އެންމެހާ ރަސޫލު ބޭކަލުންގެ ދަޢުވަތަކީ އެއް ދަޢުވަތެކެވެ. އެއީ ﷲ ގެ އެއްކައުވަންތަކަމަށް މީސްތަކުން ބޯލަނބައި ކިޔަމަންގަތުމަށް ގޮވާލުމެވެ.
ސަމާވީ ދީންތަކުގެ އަސާސަކީ އެކައްޗެއްކަމުގައި ވިޔަސް ތަފާތު ޙުކުމްތަކުގެ މައްޗަށް އެކި އުންމަތްތަކުގެ ޝަރީޢަތްތައް ޤާއިމުވެގެން ގޮސްފައިވެއެވެ. ޝަރީޢަތްތައް ބާވާލެއްވުނީ ކޮންމެ ރަސޫލޫ ބޭކަލަކު ވެސް އުޅުއްވި މާޙައުލާއި އާދަކާދަތަކާއި ޘަޤާފަތްތަކަށް ރިޢާޔަތްކުރެވިގެންނެވެ. އެބޭކަލުންނަށް މުޢުޖިޒާތްތައް ވެސް ދެއްވަނީ ހަމަ އެފަދައިންނެވެ.
ސަމާވީ ދީންތަކުގެ އަޞްލަކީ އެކައްޗެއްކަން ބަޔާންކުރައްވަމުން ކީރިތި ޤުރުއާނުގެ އައްޝޫރާ ސޫރަތުގެ (13) ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ شَرْعُ ކުރެއްވި دين އަކީ، އެކަލާނގެ نُوح ގެފާނަށް وصية ކުރެއްވި دين އެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރެއްވި دين އެވެ. އަދި إبراهيم ގެފާނަށާއި، موسى ގެފާނަށާއި، عيسى ގެފާނަށް وصية ކުރެއްވި دين އެވެ. (އެ وصية އަކީ) ތިޔަބައިމީހުން دين قائم ކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! ތިޔަބައިމީހުން އެކަމަކަށް ތިޔަގޮވައިލާ ކަންތައް، مشرك ންގެ މައްޗަށް ބޮޑުކަމަކަށްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އަޅަކު خيار ކުރައްވަތެވެ. އަދި އެކަލާނގެއަށް توبة ވެ، رجوع ވާމީހާއަށް ތެދުމަގު ދައްކަވަތެވެ".
ޔަހޫދީ ދީނާއި މަސީޙީ ދީނަކީ އޭގެ އަޞްލުގައި ސަމާވީ ދީންތަކެކެވެ. ނަމަވެސް އެދީންތަކުގެ ބައެއްކަންކަން ފަހުން ތަޙުރީފް ކުރެވި ތައުޙީދުގެ ތަރަހައިގެ ތެރެއިން ބޭރުވެ ޝިރުކުގެ ތެރެއަށް ވެއްޓިގެން ދިޔަކަން ކީރިތި ޤުރުއާނުގައި ބަޔާންވެފައިވެއެވެ. މިހެންވުމުގެ ސަބަބުން އިސްލާމްދީން އައުމަށް ފަހު އެދީންތަކާއި އެއިގެ ޝަރީޢަތްތައް ވަނީ މަންސޫޚުވެފައެވެ. އިސްލާމްދީން ބާލެއްވުނީ ކުރީގެ ސަމާވީ އެހެނިހެން ދީންތަކުގައި ހުރި ތަޙުރީފްތަކަކީ ކޮބައިކަން ބަޔާންކޮށްދީ މީސްތަކުން ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމުގެ ޢަޤީދާގެ ތަރަހައިގެ ތެރެއަށް ގެނައުމަށެވެ.
އިސްލާމްދީނަކީ ޙައްޤުދީން ކަމުގައިވާ ޙާލު، އިސްލާމްދީން ވަނީ އެހެންދީންތަކުގެ އަހުލުވެރިންނާއެކު ރަހުމަތާއި އޯގާތެރިކަމާއި އެކުވެރިކަމާއި އިޙުސާންތެރިކަމުގެ ފާލަމެއް އަޅާފައެވެ. އިސްލާމްދީނަކީ އެއްވެސް ޙާލެއްގައި މީސްތަކުންނާ ޢަދާވާތްތެރި ދީނެއްނޫނެވެ. އެއްވެސް ދީނެއްގެ ބަޔަކާ އިސްވެ ޢަދާވާތްތެރިވުމަކީ އިސްލާމްދީނުގެ ފަލްސަފާއެއްނޫނެވެ. އެއީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުފުޅު ކުރެއްވި ގޮތެ ވެސް އްނޫނެވެ. އިސްލާމްދީން ދެކޮޅުވަނީ އަނިޔާވެރިކަމާއެވެ. އެއީ ޚުދު މުސްލިމުންގެ ފުށުން ފެންނަ އަނިޔާއެއްކަމުގައި ވިޔަސް އިސްލާމްދީން އެކަމާ ދެކޮޅު ހަދައެވެ. ޞުލްޙަވެރިކަމާއެކު އުޅޭ އެއްވެސް ދީނެއްގެ ބަޔަކާ ނުވަތަ އެހެން ޘަޤާފަތެއްގެ ބަޔަކާ އިސްލާމްދީނާއި މުސްލިމުން ޢަދާވާތްތެރިވިކަމެއް ތާރީޚުން ފެންނާކަން ނެތެވެ.
އަނިޔާވެރި ނުވާ ކޮންމެ ބަޔަކާއެކު ޞުލްޙަވެރިކަމާއެކު އުޅުމަކީ އިސްލާމްދީން ބާރު އަޅާފައިވާ ކަމެކެވެ. އަލްމުމްތަޙިނާ ސޫރަތުގެ (8) ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. " ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ." އަލް އަންޢާމް ސޫރަތުގެ (108) ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތުގެ މާނައިގައިވެއެވެ. " اللَّه ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން عداوة ތެރިކަމުގެ ގޮތުން اللَّه އަށް އެއްޗެހި ގޮވައިފާނެތެވެ. ހަމައެފަދައިން، ކޮންމެ أمّة އަކަށްމެ އެބަޔެއްގެ عمل، ތިމަންރަސްކަލާނގެ ޒީނަތްތެރިކޮށް ދެއްކެވީމެވެ. ދެން އެއަށްފަހު، އެއުރެން رجوع ވާހުށީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު عمل ތަކުގެ ވާހަކައިން، އެކަލާނގެ އެއުރެންނަށް خبر އަންގަވާނެތެވެ. " މިއާޔަތްތަކުން އިލްހާމްކޮށްދެނީ މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނާ މެދު އޮންނަ ގުޅުމުގެ އަޞްލަކީ ޞުލްހަވެރިކަންކަމުގައެވެ. ނަމަވެސް ބަޔަކު މީހުން އިސްލާމްދީނާ މުސްލިމުންނާ ޢަދާވާތްތެރިވެ އަނިޔާވެރިވެއްޖެ ނަމަ ދިފާޢުވެގަތުމުގެ ޙައްޤު މުސްލިމުންނަށް ލިބިގެންވެއެވެ.
ކޮންމެ ގޮތެއްވިޔަސް، އިސްލާމްދީނުގެ ޙަޤީޤަތްތައް މީސްތަކުންނަށް ސާފުވެ ދުނިޔޭގެ އެތައް ބަޔަކު އިސްލާމްދީނަށް ވަންނަމުން އެބަދެއެވެ. ޚާއްޞަކޮށް ޔޫރަޕްގައި އިސްލާމްދީން ފެތުރިގެންދަނީ އާދަޔާ ޚިލާފު ބާރު މިނެއްގައެވެ. އަދި ދިރާސާތަކުން ދައްކާގޮތުން (2070) ވަނަ އަހަރުގައި ޔޫރަޕްގެ ބޮޑުބައެއް އިސްލާމުންނަށް ވެގެންދާނެއެވެ. އަދި ޔޫރަޕްގެ ބައެއްޤައުމުތަކުގެ މެޖޯރިޓީއަކީ މުސްލިމުންކަމުގައި ވެގެންދާނެއެވެ. އަދި ދިރާސާތަކުން ދައްކާގޮތުން 2070 ވަނަ އަހަރު ދުނިޔޭގެ އެންމެ ގިނަ ބަޔަކު ތަބަޢަވާ ދީނަކީ އިސްލާމްދީންކަމުގައި ވެގެންދާނެއެވެ.
ދީންތަކުގެ މެދުގައި އަޅައިކިއުން
މާތްﷲ އިންސާނުން އުފެއްދެވީ އާދަމްގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ. އެއަށް ފަހު އިންސާނުން އެކި ޤަބީލާތަކަށް ލައްވާފައިވަނީ އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރުފްވެ ދެނެގަތުމަށްޓަކައެވެ. އިންސާނާ ފިޠުރަތު ކުރެވިފައިވަނީ ރޫޙާނިއްޔަތުގެ އަސަރު އޭނާގެ ނަފްސުގައި ހުންނާނޭ ފަދައިންކަމުގައިވީތީވެ ދީންވެރި ސިފައެއް އިންސާނާގެ ޠަބީޢަތުގައިވެއެވެ. އެހެންކަމުން ކޮންމެވެސް ދީނަކަށް ތަބަޢަވެއެވެ. ދުނިޔޭގައި ދީންތައް ބެހިގެންވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ސަމާވީ ދީންތަކާއި ވަޟުޢީ ދީންތަކެވެ. ސަމާވީ ދީންތަކަކީ އެ ދީންތަކުގެ އަޞްލުތައް ވަޙީއާ ގުޅިފައިވާ ދީންތަކެވެ. ވަޟުޢީ ދީންތަކަކީ އެދީންތަކުގެ އަޞްލު އުފެދުން އިންސާނުންނާ ގުޅިފައިވާ ދީންތަކެވެ. ދީން ތަކާމެދު ޢިލްމީ ގޮތުން ދިރާސާކުރުމަކީ މުސްލިމު އިންސާނާ ދީނުން ބޭރުވާނެކަމެއްނޫނެވެ. ޢިލްމީ ދިރާސާއަކީ ދީންތަކަށް އެއްޗެހި ގޮވުމެއްނޫނެވެ. އެއީ ތަފާތު ދެކަމެކެވެ.
ދީންތަކުގެ މެދުގައި އަޅައި ކިޔައި، ޢިލްމީ ދިރާސާކުރުމަކީ މުހިންމު ކަމެކެވެ. އެކަމުގައި ގިނަގުނަ ފައިދާތަކެއްވާ ކަމެކެވެ. އެންމެ ބޮޑު ފައިދާއަކީ އިސްލާމްދީނުގެ ފުރިހަމަ ކަމާއި ޝާމިލްކަން ދެނެގަނެވުމެވެ. އިސްލާމްދީނުގެ ބައިނަލްއަޤުވާމީ ވަންތަކަން ހާމަވެގެން ދިއުމެވެ. އިސްލާމްދީން ބާވާލެއްވުމުގެ ކުރިން ދީންތަކުގެ މެދުގައި އަޅައިކިއުމުގެ ޚާއްޞަ ޢިލްމެއް އޮތްކަން ފެންނާކަން ނެތެވެ. ދީންތަކުގެ މެދުގައި އަޅައިކިއުމުގެ ޢިލްމު ނުވަތަ ( ކޮމްޕެރެޓިވް ރިލިޖަންސް) ގެ ޢިލްމު އުފެދިގެން އައީ ޚުދު އިސްލާމްދީނުގެ ސަބަބުންނެވެ. މި ޢިލްމުގެ މަބާދިއުތައް އެންމެ ފުރަތަމަ ކަނޑައެޅިފައިވަނީ އިސްލާމްދީނުގައެވެ.
އިސްލާމްދީން ބާލެއްވުނީ އަނެކާ އަށް އިޙުތިރާމްކުރުމާއި އަނެކާ ބަލައިގަތުމުގެ ބޮޑު ހިތަކާއެކުގައެވެ. އެއަށް ފަހު އޯގާތެރިކަމާއެކު ހުއްޖަތާ ބުރުހާނުގެ އަލީގައި ވިސްނައި ފިކުރު ހިންގައި ބުހުޘްކުރުމަށް ގޮވާލިއެވެ. މަޖްބޫރުކޮށްގެން އިސްލާމްދީނަށް މީހުން ވެއްދުމެއް ނޯވެއެވެ. އަޅައިކިޔޭނީ ފުރަތަމަ އަނެކާ އަކީ ހުރި މީހެއްކަން ޤަބޫލުކޮށްގެންނެވެ. އެހެންނޫނީ އަޅައި ނުކިޔޭނެއެވެ. ޙައްޤު ގޮތް އެނގޭނީ އަޅައިކިޔައިގެންނެވެ. ނަޤުދީ ވިސްނުން އޮވެގެންނެވެ. މިހެންކަމުން ކީރިތި ޤުރުއާނުގައި ދީންތަކުގެމެދުގައި އަޅައިކިއުމުގެ ޤަވާޢިދުތަކާއި އުޞޫލުތައް ބަޔާންކުރައްވާފައިވެއެވެ. މިގޮތުން ޙިވާރު (ޑައިލޮގު) ދެފަރާތުގެ ދެމެދުގައި ކަމެއްގެ މައްޗަށް ވާހަކަދައްކައި މަޝްވަރާކުރުމާއި ޢިލްމީ ޖަދަލުގެ އުޞޫލުތައް ކަނޑައަޅުއްވާފައިވެއެވެ. މި އަޞްލުތަކުގެ މައްޗަށް ސަމާވީ ދީންތަކާއި ވަޟުޢީ ދީންތަކުގެ އަހުލުވެރިންނާ ކީރިތި ޤުރުއާނުގައި ވާހަކަދައްކާފައިވެއެވެ.
މި ޙަޤީޤަތް ކަށަވަރުކޮށްދެއްވަމުން ކީރިތި ޤުރުއާނުގެ އާލު ޢިމްރާން ސޫރަތުގެ (64) ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި، ހަމަހަމަވެ، އެއްގޮތްވެގެންވާ كلمة އަކަށް އަންނާށެވެ! (އެއީ) اللَّه އަށް މެނުވީ، އަހުރެމެން އަޅުކަން ނުކުޅައުމެވެ. އަދި، އެކަލާނގެޔާ އެއްވެސް އެއްޗެއް އަހުރެމެން شريك ނުކުޅައުމެވެ. އަދި، އަހުރެމެންގެ އެއްބަޔަކު އަނެއްބަޔަކީ اللَّه ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުހެދުމެވެ. ފަހެ، އެއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފިނަމަ، (އެއުރެންނަށް) ތިޔަބައިމީހުން ބުނާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ مسلم ން ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ!" އަދި އަހުލު ކިތާބީންނާ އެކު ޤުރުއާނުން ބަޔާންކުރެއްވި ޙިވާރު ( ޑައިލޮގް) ހަމަ އެ ސޫރަތުގައި ( 65-68) ގައި ބަޔާންވެގެންވެއެވެ. "އޭ ފޮތުގެ أهل ވެރިންނޭވެ! إبراهيم ގެފާނަށް ފަހުގައި މެނުވީ، توراة އާއި، إنجيل ބާވައިލައްވާފައި ނުވާއިރު، إبراهيم ގެފާނާ މެދުގައި ތިޔަބައިމީހުން ޖަދަލު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟ ބަލަ! ތިޔަބައިމީހުން އެކަމެއްގެ علم ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކާމެދުގައި ޖަދަލުކޮށްފީމުއެވެ. ދެން، އެކަމެއްގެ علم ތިޔަބައިމީހުންނަށް ލިބިގެންނުވާ ކަމަކާ މެދުގައި ޖަދަލުކުރަނީ ކީއްވެގެންހެއްޔެވެ؟ (އެކަންތައް) ދެނެވޮޑިގެންވަނީ اللَّه އެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ. يهودى އެއް ކަމުގައިވެސް އަދި، نصرانى އެއް ކަމުގައިވެސް إبراهيم ގެފާނު ނުވެއެވެ. އަދި، ކިއެއްތަ! އެކަލޭގެފާނު ވަނީ باطل މަގުން އެއްކިބާވެ، حق دين އަށް تبع ވެގެންވާ مسلم އަކު ކަމުގައެވެ. އަދި، شريك ކުރާ މީހުންގެ ތެރެއަކުންވެސް އެކަލޭގެފާނު ނުވެއެވެ. ހަމަކަށަވަރުން، މީސްތަކުންކުރެ، إبراهيم ގެފާނަށް (نسبة ވުމުގައި) އެންމެ أولى ކަން ބޮޑީ، އެކަލޭގެފާނަށް تبع ވީ މީހުންނާއި، މި ނަބިއްޔާއާއި، (އެބަހީ: محمد ގެފާނާއި) إيمان ވި މީހުންނެވެ. اللَّه އީ، إيمان ވި މީހުންނަށް އެހީތެރިވެ ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ."
ފޮތުގެ އަހުލުވެރިންނާއެކު ޑައިލޮގެއް ބޭއްވުމަށް ޤުރުއާނުގައި ވަރަށް މުހިންމު ކަން ދީފައިވެއެވެ. ސަބަބަކީ އެއުރެންނަކީ ސަމާވީ ދީނެއްގެ އަހުލުވެރިބަޔަކަށްވާތީވެ، އެއުރެންގެ ޢަޤީދާގައި ތަޙުރީފްކުރެވިފައިވާ ކަންކަން ރަނގަޅު ކުރުމަށެވެ. އިސްވެ ބަޔާންކުރެވުނު ޑައިލޮގުގައި ފޮތުގެ އަހުލުވެރިންގެ ޢަޤީދާއާއި އިބްރާހީމްގެފާނާމެދު އެއުރެން ޤަބޫލުކުރަމުން ދިޔަ ގޮތުގެ މައްޗަށް އެއުރެންނާ ވާހަކަ ބަދަލު ކުރެވިފައިވެއެވެ. ހަމަ މި ބީދައިން، މުލްޙިދުން (އެތީސްޓުން) ނާ ވެސް ޤުރުއާނުގައި ވާހަކަ ބަދަލުކުރެވިފައިވެއެވެ. އަލްޖާޘިޔާ ސޫރަތުގެ ( 24-26) ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އެއުރެން ބުނޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ. އެކަމާމެދު އެއުރެންނަކަށް އެއްވެސް علم އެއް ނުވެއެވެ. އެއުރެންނީ ހީކުރާބަޔަކު ކަމުގައިމެނުވީ ނުވެތެވެ. އެއުރެން ބުނޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ. އެކަމާމެދު އެއުރެންނަކަށް އެއްވެސް علم އެއް ނުވެއެވެ. އެއުރެންނީ ހީކުރާބަޔަކު ކަމުގައިމެނުވީ ނުވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ތިޔަބައިމީހުން ދިރުއްވައެވެ. ދެން އެޔަށްފަހު ތިޔަބައިމީހުން މަރުގަންނަވަތެވެ. ދެން قيامة ދުވަހަށް ތިޔަބައިމީހުން (ދިރުއްވައި) އެއްކުރައްވާނެތެވެ. އެކަމާމެދަކު شك އެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ."
ހުރިހާ ދީނެއްގެ އަހުލުވެރިންނަކީ އިންސާނީ ދަރިފަސްކޮޅުގެ ނަޒަރުން ބަލާއިރު އިންސާނީ ވަންތަކަމުގައި އަޚުންނެވެ. ތަފާތަކީ ޘަޤާފަތާއި ފިކުރެވެ. އަލްޙުޖްރާތު ސޫރަތުގެ (13 ) ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ."
ފިކުރު އެއްގޮތް ކުރެވޭނީ މަޝްވަރާއާއި ޢިލްމީ ހުއްޖަތްތަކާއެކުގައެވެ. ކީރިތި ޤުރުއާނުގައި މައިގަނޑު ގޮތެއްގައި ހަތަރު ބަޔަކާ އެކު ވާހަކަ ބަދަލުކޮށް ޢިލްމީ ޖަދަލު ކޮށްފައިވެއެވެ. އެއީ ޔަހޫދީންނާއިނަޞާރާއިންނާއި މުޝްރިކުންނާއި މުލްޙިދުންނާއެވެ. ޑައިލޮގާއި ޢިލްމީ ބަޙުޘްގެ ޤަވާޢިދުތައް ޤުރުއާނުގައި ކަނޑައަޅުއްވާފައިވެއެވެ. އަލްޢަންކަބޫތު ސޫރަތުގެ (46) ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ރިވެތިވެގެންވާ ގޮތުގައި މެނުވީ ތިޔަބައިމީހުން ފޮތުގެ أهل ވެރިންނާ جدل ނުކުރާށެވެ! އެއުރެންގެ ތެރެއިން އަނިޔާވެރިވެގެންވާ މީހުން ފިޔަވައި އެހެން މީހުންނަށެވެ. އަދި ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިމަންމެން إيمان ވެއްޖައީމޭ ތިޔަބައިމީހުން ބުނާށެވެ! ތިމަންމެންގެ إله އަކީވެސް، އަދި ތިޔަބައިމީހުންގެ إله އަކީވެސް އެއް إله އެކެވެ. އަދި ތިމަންމެން އެކަލާނގެއަށް ކިޔަމަންވެ، إسلام ވަމުއެވެ."
އަދިވެސް އައްނަޙުލު ސޫރަތުގެ ( 125) ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ."
ޙިވާރު ( ޑައިލޮގް) ދެފަރާތުގެ ދެމެދުގައި ވަކި ކަމަކާ ގުޅިގެން ހިނގާ ވާހަކަތައް ކުރިއަށް ގެންދަންޖެހޭ ޤަވާޢިދުތައް ޤުރުއާނުގައި އެވަނީ ކަނޑައަޅުއްވާފައެވެ. މި މައުޟޫޢަށް އަޅުގަނޑު މީގެ ކުރިން މަޒްމޫނެއް (https://avas.mv/70766) ލިޔެފައިވާނެއެވެ.
ދީންތަކުގެ މެދުގައި އަޅައިކިއުމުގެ މަފްހޫމް
ދީންތަކުގެ މެދުގައި އަޅައިކިއުމުގެ އިޞްޠިލާޙުގެ މަފްހޫމަކީ ދީންތައް އުފެދި ތަރައްޤީވެގެން ދިޔަގޮތާއި ތާރީޚާއި ދީންތައް ޤާއިމުވެގެންވާ ތަފާތު އަސާސްތަކާއި ދީންތައް އެއްބަސްވާ ކަންކަމާއި ދީންތަކުގެ މެދުގައި ހުރި ދެބަސްވެފައިވާ ކަންކަމާއި ދީންތަކުގެ ޢަޤީދާތައް ވަޒަންކުރުމާއި އެހާރާއި މިހާރުގައި އެދީންތަކުގެ މީހުން އުޅޭ ތަންތަނާއި ގޮތްތައް ދެނެގަތުމެވެ. (ޢަލްޔާން، އަލްއަދްޔާން، 18).
އިސްލާމީ ފުތޫޙާތްތައް އިތުރުވެ، އިސްލާމީ ޙަޟާރަތު ފުޅާވެގެން ދިއުމުގެ ސަބަބުން އިސްލާމީ ޙަޟާރަތުގެ ހިޔަލަށް އެހެން ޘަޤާފަތްތަކާއި ދީންތަކުގެ އަހުލުވެރިން އަންނަން ޖެހުމުގެ ސަބަބުން އިސްލާމްދީނުގެ ޘަޤާފަތުގެ ތެރެއިން އެއުރެންނާ މުޢާމަލާތު ކުރެވުނެވެ. އަދި އެބައިމީހުންގެ ޢަޤީދާތައް މުސްލިމު ޢިލްމުވެރިން ދިރާސާކުރިއެވެ. އަދި އެހެން ދީންތަކުގެ ދަންނަބޭކަލުންނާއި މުސްލިމު ޢިލްމުވެރިންނާ ދެމެދުގައި ޢިލްމީ މުނާޡަރާތައް ބޭއްވިފައިވެއެވެ. މުސްލިމު ޢިލްމުވެރިން ދީންތަކާ ބެހޭ ފޮތްތައް ލިޔުއްވިއެވެ. އިސްލާމްދީނުގެ އެންމެ ކުރީ ކޮޅުން ފެށިގެން މުސްލިމު ޢިލްމުވެރިންވަނީ ކޮމްޕެރަޓިވް ރިލިޖަންސްގެ ދާއިރާގައި އެތައް ފޮތެއް ލިޔުއްވާފައެވެ. އެފޮތްތައް ލިޔުއްވާފައިވަނީ އިސްލާމީ އުންމަތުގެ ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ޢާލިމުންނާއި އިމާމުންނެވެ.
ކޮމްޕެރެޓިވް ލިލިޖަންސްގެ ދާއިރާއިން ފޮތްތައް ލިޔުއްވި ދަންނަބޭކަލުންނާއި އިމާމުންގެ ތެރޭގައި (الجواب لمن بدل دين المسيح) ލިޔުއްވި އިމާމު އިބްނު ތައިމިއްޔާއާއި، (الفصل في الملل والأهواء والنحل) ލިޔުއްވި އިމާމު އިބު ޙަޒްމާއި، ( الآثار الباقية عن القرون الخالية) އާއި ( في تحقيق ما للهند من مقولة مقبولة في العقل أو مرذولة ) މި ދެފޮތް ލިޔުއްވި މުސްލިމު މަޝްހޫރު ޢިލްމުވެރިޔާ އިމާމު އަލްބައިރޫނީއާއި، (الرد الجميل لإلهية عيسى بصريح الإنجيل) ލިޔުއްވި އިމާމުލްޣަޒާލީއާއި (هداية الحيارى ) ލިޔުއްވި އިމާމު އިބްނުލްޤައްޔިމާއި، ( الملل والنحل ) ލިޔުއްވި އިމާމު ޝަހްރުސްތާނީ ހިމެނިވަޑައިގަންނަވައެވެ. އެބޭފުޅުން ލިޔުއްވާފައިވާ ފޮތްތަކަކީ ކޮމްޕެރެޓިވް ރިލިޖަންސްގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އިސްލާމީ ރިފަރެންސްތަކެވެ. މި ފޮތްތަކުގައި އެބޭފުޅުން ހުށަހަޅާފައިވާ ޢިލްމީ ޙުއްޖައްތަކާއި ނަޒަރިއްޔާތަކަކީ އިރުމައްޗާއި ހުޅަނގުގެ ޢިލްމުވެރިންނާއި މުފައްކިރުންނާއި ފިލޯސަފަރުން ޙައިރާންކޮށްލި ކަންކަމެވެ. އަލްބައިރޫނީ ލިޔުއްވި ( في تحقيق ما للهند من مقولة مقبولة في العقل أو مرذولة ) ފޮތަކީ ހިންދު ކަރައިގެ (އިންޑިއާ) ގެ ދީންތަކާއި އާދަކާދަތަކާއި އަޤީދާތަކާ ބެހޭ ގޮތުން ލިޔުއްވި ފޮތެކެވެ. މިއީ ސާޅީސް އަހަރުވަންދެން އިންޑިޔާގެ އެތައް މިތަނަށް ދަތުރުކޮށް އެތަންތަނުގައި އުޅެ އެއުރެންގެ ބަހާއި އާދަކާދަތަކާއި ޘަޤާފަތްތައް ދަސްކޮށްގެން ލިޔުއްވި ފޮތެކެވެ. ޢިލްމުވެރިން ބަޔާންކޮށްފައިވާ ގޮތުން އަލްބައިރޫނީގެ މިފޮތަކީ އެހެން ދީންތަކާއި ޘަޤާފަތްތަކާ ގުޅޭ ގޮތުން ކުރެވިފައިވާ އެންމެ ބޮޑު މަސައްކަތެވެ.
ކޮމްޕެރެޓިވް ރިލިޖަންސްގެ ޢިލްމު ޢިލްމެއްގެ ގޮތުގައި ތައުސީސްކުރެވުނީ ޔޫރަޕްގައި ކަމަށް ޔޫރަޕްގެ ބައެއް މުއައްރިޚުން ބަޔާންކޮށްފައިވީ ނަމަވެސް ޙަޤީޤަތަކީ ކޮމްޕެރަޓިވް ރިލިޖަންސްގެ ޢިލްމު ޢިލްމެއްގެ ގޮތުގައި އުފެދިގެން އައީ އިސްލާމީ ޙަޟާރަތުގައެވެ. އަދި ޔޫރަޕާ ހަމަ އަށް އެ ޢިލްމު ވާޞިލްވީ އަންދަލުސް ( ސްޕޭން) ގައި އުފެދުނު އިސްލާމީ ޙަޟާރަތުގެ ތެރެއިންނެވެ. މި ދާއިރާގައި އެންމެ ފުރަތަމަ ތަޞްނީފު ކުރީ ވެސް މުސްލިމު ޢިލްމުވެރިންނެވެ. އިސްލާމީ ޙަޟާރަތުގައި ދީންތަކުގެ ޢިލްމު ދިރާސާކުރުމަށް ދިން މުހިންމުކަމާ ބެހޭ ގޮތުން ގިނަ ފޮތްތައް ލިޔެވިފައިވެއެވެ. މިކަމުގެ ތަފްސީލް ހައިދަރ އާސީ ލިޔުއްވާފައިވާ "މުސްލިމްސް ކޮންޓްރިބިއުޝަންސް އިން ކޮމްޕެރެޓިވް ރިލިޖަންސް، 1990، ނިއުޔޯރކް" ގައި ބަޔާންކޮށްފައިވެއެވެ.
ޔޫރަޕްގައި ދީންތަކުގެ ޢިލްމު ދިރާސާކުރާ ފަރާތްތަކުން ބަޔާންކުރާ ގޮތުން ދީންތައް އަޅައިކިއުމުގެ ޢިލްމު މަބުދައުތަކަކާއެކު ކަނޑައެޅުއްވީ ޖަރުމަނު ވިލާތަށް އުފަން އިނިގިރޭސި ރައްޔިތެއްކަމުގައިވާ (މެކްސް މުލަރ) Friedrich Max Müller އެވެ. އޭނާ އަވަހާރަވީ މީލާދީން (1900) ގައެވެ.
ޙަޤީޤަތަށް ނަޒަރު ހިންގާލާއިރު، ދީންތަކުގެ ތާރީޚާއި، ޢަޤީދާއާއި ދީންތައް އަޅައިކިއުމުގެ ދާއިރާގައި މުސްލިމު ޢިލްމުވެރިންނާއި ފިލޯސަފަރުންނާއި ފަޤީހުން އެކުލަވާލެއްވި މުޞައްނަފާތުތަކަކީ ފާޅުކަންބޮޑު ގޮތެއްގައި އެނގެންހުރި ކަންކަމެވެ. އަދި އެފޮތްތަކުގެ އަލީގައި ހުޅަނގުގެ ޢިލްމުވެރިން އިތުރު ކުރިއެރުން ހޯދާފައިވެއެވެ.
މުފައްކިރުންގެ މެދުގައި ބަޙުޘްއޮތީ މުސްލިމު ޢިލްމުވެރިންގެ ތެރެއިން އެންމެ ފުރަތަމަ ކޮމްޕެރެޓިވް ރިލިޖަންގެ ދާއިރާއިން ފޮތް ލިޔުއްވި ބޭފުޅަކާމެދުގައެވެ. ފްރާސްންގެ މުފައްކިރެއް ކަމުގައިވާ ޕިނާރޑް ޑެ ލަ ބޮއްލެއި (Pinard de La Boullaye) އޭނާ ލިޔުއްވާފައިވާ ކޮމްޕެރަޓިވް ރިލިޖަންސް ފޮތުގައި ވިދާޅުވެފައިވަނީ ދީންތަކުގެ ޢިލްމުގެ މުއްސަސިސަކީ ސްޕޭން (އަންދަލުސް) ގެ މުސްލިމު އިލްމުވެރިޔާ އިބުނު ޙަޒްމް ކަމުގައެވެ. ނަމަވެސް އެޑަމް މެޒް (Adam Mez) ވިދާޅުވެފައިވަނީ މި ޢިލްމުގެ މުއައްސިސަކީ ހިޖުރައިން ތިންވަނަ ޤަރުނުގައި އުޅުއްވި މުސްލިމު ޢިލްމުވެރިޔާ އައްނައުބަޚުތީ ކަމުގައެވެ. އޭނާ ލިޔުއްވާފައިވާ ފޮތަކީ "އަލްއާރާއު ވައްދިޔާނާތު އެވެ." އެއީ އެކި ރައުޔުތަކާއި ދީންތަކެވެ.
އިސްލާމީ ޢިލްމުވެރިން ދީންތައް އަޅައިކިއުމުގެ ދާއިރާގައި ދެ ފަލްސަފާއެއްގެ ދަށުން ފޮތްތައް ލިޔުއްވާފައިވެއެވެ. އެއީ ޢިލްމީ ރައްދު ދިނުމާއި ތަޙުލީލީ ނަޒަރުންނެވެ.
މިއަދު އިސްލާމީ ދުނިޔޭގައި ވަރަށް ގިނަ ޔުނިވަރސިޓީތަކުގައި ކޮމްޕެރެޓިވި ރިލިޖަންސް ކިޔަވައިދެއެވެ. މިގޮތުން އަލްއަޒްހަރު ޔުނިވަރސިޓީއާއި، (http://portal.azharegypt.net/page2.php?page=3&page1=7&page2=39) އިންޓަރ ނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުއާއި( https://www.iiu.edu.pk/?page_id=2431) އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާއާއި (http://www.iium.edu.my/kulliyyah/kirkhs/usul-al-din-comparative-religion )، އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާއާއި (https://iu.edu.sa/site/21) މި ނޫން ވެސް ކިތައްމެ ކިތައްމެ ޔުނިވަރސިޓީއެއްގައި ކިޔަވާދެއެވެ. މި ބަޔާންކޮށްލީ މުހިންމު ބައެއް ތަންތަނެވެ.
ކޮންޕެރެޓިވް ރިލިޖަންސް އުނގެނުމުގެ ފައިދާ
ކޮމްޕެރެޓިވް ރިލިޖަންސް (މުޤާރަނަތުލްއަދްޔާން) ދީންތައް އަޅައިކިއުން، ނުވަތަ ދީންތަކުގެ ތާރީޚު، ނުވަތަ ދީންތަކުގެ ޢިލްމަކީ ޝައުޤުވެރި ޢިލްމެކެވެ. ދުނިޔޭގެ ވަރަށް ގިނަ އިސްލާމީ ޔުނިވަރސިޓީތަކުގައްޔާއި އެނޫންވެސް އެތައް ސަތޭކަ ޔުނިވަރސިޓީތަކުގައި މި ޢިލްމު އުނގަންނައި ދެއެވެ. އަދި ވަރަށް ގިނަ ޔުނިވަރސިޓީތަކުގައި މި ޢިލްމަށް ޚާއްޞަ ޑިޕާޓްމަންޓް އުފައްދާފައި ހުރެއެވެ. އަދި މަތީ ތަޢުލީމުގެ ޚާއްޞަ ޕްރޮގްރާމްތައް ވެސް ހުރެއެވެ. މިޒަމާނުގެ މުސްލިމުންގެ ތެރެއިން ކޮމްޕެރެޓިވް ރިލިޖަންސްގެދާއިރާގައި ވަރަށް ފުންނާބު އުސް ޙުއްޖަތްތައް ވަރުގަދަ ބޭފުޅުން ފެނިފައިވެއެވެ. އެއިގެ ތެރޭގައި ޑރ. އަޙުމަދު ދީދާތާއި ޑރ. ޒާކިރު ނައިކާއި ޑރ. ރަޙުމަތުﷲ އަލްހިންދީ ފާހަގަކުރެވިފައިވެއެވެ. ކޮމްޕެރެޓިވް ރިލިޖަންސްގެ އިލްމު އުނގެނުމުގައި ވަރަށް ގިނަ ފައިދާތަކެއްވެއެވެ. އެއިގެތެރޭގައި:
1- ދީންތަކުގެ އަހުލުވެރިންގެ މެދުގައި އޮންނަ އިންސާނީ ގުޅުން އިތުރަށް ބަދަހިވެގެން ދެއެވެ.
2- ހުރިހާ ދީނެއްގައި ވެސް މައިގަނޑު އަސާސްތައް ބިނާވެގެންވަނީ އިންސާނުންގެ މަންފާއަށްޓަކައި ކަމުން، އެ ކަންކަން ދެނެގަތުމަކީ އެންމެހާ ދީންތަކުގެ އަހުލުވެރިން ގުޅިގެން ދުނިޔޭގެ ޞުލްޙައަށް މަސައްކަތްކުރުމަށްޓަކައި މުހިންމު ކަމެކެވެ.
3- ދީންތައް އަޅައިކިއުމުން ބައެއް ދީންތަކަކީ އަޚުލާޤިއްޔަތަށް ބުރަވެފައިވާ ދީންތަކެއްކަން ފެންނަ އިރު، އަނެއްބައި ދީންތަކަކީ ރަމްޒީ އަޅުކަމުގެމައްޗަށް ބިނާވެފައިވާ ދީންތައް ކަން އެނގިގެންދާނެއެވެ. އަދި އަނެއްބައި ދީންތަކަކީ މުޅިން ރޫޙާނިއްޔަތުގެ މައްޗަށް ޤާއިމުވެފައިވާ ދީންތަކެއްކަން ސާފުވާއިރު، ދުނިޔެއާއި އާޚިރަތުގެ މައްޗަށް ބިނާވެފައިވާ މާއްދިއްޔަތާއި ރޫޙާނިއްޔަތު ހަމަ ހަމަ ގޮތެއްގައި ވަޒަންކުރެވިފައިވާ ފުރިހަމަ ދީނަކީ އިސްލާމްދީންކަން ހާމަ ވެގެންދާނެއެވެ. އަދި އެހެން ދީންތަކުގައި ދުނިޔޭގެ ކަންކަން ތަރުތީބު ކުރާނެ ވަކި ނިޒާމުތަކެއް ނެތް އިރު، އިސްލާމްދީނުގައި އިންސާނާއަށް ބޭނުންވާ އެންމެހާ ކަމެއް ތަރުތީބު ކުރާނެ އަސާސީ އުޞޫލުތައް ބަޔާންވެގެންވާތަން ފެންނާނެއެވެ. މިގޮތުން އިޖުތިމާޢީ، އިޤުތިޞާދީ، ސިޔާސީ، އަދި ދައުލަތް ހިންގުމާއި ޝުރާގެ ނިޒާމާއި އަދި ތިމާވެށި ފަދަ ކަންކަން ވެސް ބައްޓަންކުރާނެ ގޮތް އިސްލާމް ދީނުގައިވާތަން ފެންނާނެއެވެ.
4- ހުރިހާ ދީންތަކެއްގައި ވެސް އަނިޔާވެރިވެރިކަމަކީ މަނާވެގެންވާ ކަމަކަށް ވާއިރު، އަނިޔާއާ ދެކޮޅަށް ހުރިހާ ދީނެއްގެ އަހުލުވެރިންވެގެން އަޑު އުފުލުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
ރިކޮމެންޑޭޝަންސް
އިސްލާމީ ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ކޮމްޕެރެޓިވް ރިޖިލިޖަންސްގެ ދާއިރާއިން އިސްލާމީ އުޞޫލުތަކުގެ ތެރެއިން ދިރާސާކޮށް ފުޅާދާއިރާއެއްގައި އެ ދިރާސާތައް ޕަބްލިޝްކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ބޭނުންތެރިކަމެކެވެ. މިހާރު ވެސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކޮމްޕެރެޓިވް ރިލިޖަންސް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވާދެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ނުވަތަ އިސްލާމީ ޔުނިވަރސިޓީގައި ކޮމްޕެރެޓިވް ރިލިޖަންސްއަށް ޚާއްޞަ ޢިލްމީ ޕްރޮގްރާމްތައް ފުރަތަމަ ޑިގްރީ އިން ފެށިގެން ޕީއެޗްޑީއާ ހަމަ އަށް އެކުލަވާލައި އެދާއިރާތަކުން ކިޔަވަން ހުޅުވާލުން ރަނގަޅު ކަމުގައި ދެކެމެވެ. ކޮމްޕެރެޓިވް ރިލިޖަންސް ރާއްޖޭގައި ކިޔަވައި ދެވޭއިރު، ކިޔަވައި ދެވެންވާނީ އިސްލާމީ ޤައުމުތަކުގައި ވެސް ކިޔަވައިދޭ އުޞޫލުން އިސްލާމީ ހަމަތަކާއި ފަލްސަފާއާއި އުޞޫލުތަކުގެ ތެރެއިން އިސްލާމްދީނުގެ ޙައްޤުވަންތަކަން ކަށަވަރު ކުރުމުގެ މަޤުޞަދުގައްޔާއި އެހެންދީންތަކާއި ޘަޤާފަތްތަކުގެ އަހުލުވެރިންނާ ޞުލްޙަވެރިކަމުގެ ފާލަން އެޅުމަށެވެ. އެއްވެސް ޙާލެއްގައި އެހެންދީންތަކާއި އެދީންތަކުގެ ރަމްޒު ތަކަށް އިސްވެ އެއްޗެހި ކިއުމުގެ މަޤުޞަދުގައެއްނޫނެވެ. އިސްލާމްދީނަކީ ޙައްޤުދީންކަމުން އެދީނުގެ ހަމަތައް ފެތުރުމަށް ޢިލްމީ ގޮތުން ގިނަކަންކަން ކުރެވެންޖެހެއެވެ.