13 މީހުންނޙާއެކު މަހަށް ނިކުމެ އުޅެނިކޮށް ދޯންޏަށް ހޮނު އެޅުމުގެ ސަބަބުން އަނިޔާވި ދެ މީހުންގެ ހާލު މިހާރު ރަނގަޅު ކަމަށް ގއ. ކޮލަމާފުށީ ކައުންސިލް މެމްބަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.
އަވަސްއާ ވާހަކަ ދައްކަމުން އިބްރާހިމް ވިދާޅުވީ ރޭ މަހަށް ނިކުމެ އުޅެނިކޮށް ދޯންޏަށް ހޮނުއަޅައި އަނިޔާވީ، އެ ދޯނިން މަހަށްދިޔަ ދެމީހުން ކަމަށްވާ އަހްމަދު ސަލީމް އާއި އަނީދު މޫސާ އަށް ކަމަށެވެ. އަދި މި ދެމީހުން މިހާރު ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ، ދެމީހުންގެ ތެރެއިން އަހްމަދު ސަލީމްގެ ކަންފަތް ކައިރިން ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާތީ ފަރުވާދީފައިވާ ކަމަށެވެ. އަދި އަނީދުއަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އޭނާގެ ނޭވާއަށް އުނދަގޫވާތީ ފަރުވާދިނުމަށްފަހު ދޫކޮށްލީއެވެ.
ހޮނު އެޅުމުގެ ސަބަބުން ދޯންޏަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވެއެވެ. އެގޮތުން ދޯނީގެ ހުރިހާ ކަރަންޓް ސާމާނަކަށާއި ވީލް ހައުސްގައި ހުރި ހުރިހާ ތަކެއްޗަށް ގެއްލުން ލިބިފައިވާއިރު އެތެރެއިން ފަޅައިގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ފުލުހުން ބުނީ ގއ. އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުންދާ މާރަންދޫ ކައިރިން 13 މީހުންނާއެކު ދަތުރުކުރަމުންދިޔަ މަސްދޯންޏަކަށް ްހޮނު އެޅި ކަމުގެ ރިޕޯޓު ރޭ 12:50 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި ދޯނީގައި ތިބި ދެ މީހަކަށް އަނިޔާވެ ގއ. ކޮލަމާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ކޮލަމާފުށިން މަސްދޯންޏެއްގައި އެ ސަރަހއްދަށް ގޮސް ރަށުގެ ބައެއް ރައްޔިތުންގެ އެހީތެރިކަމާއެކު އެދޯނި ކަފު ޖަހައިގެން ކޮލަމާފުށީ ބަނދަރަށް މިހާރު ވައްދާލާފައިވާ ކަމަށެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން ހޮނުއެޅި ދޯނި ކަމަށްވާ ގުރުވަ ދޯނިގެ ވެރިފަރާތް އަހްމަދު ފިރާގް ބުނީ ދޯންޏަށް ލިބިފަ ހުރި ގެއްލުން މިލިއަނަކާ ކައިރިކުރާނެ ކަމަށެވެ.
ފިރާގް ބުނީ މި ލިބުނު ގެއްލުމަކީ ދޯނީގެ ފަޅުވެރިންނާއި އެމީހުންނާއި ގުޅިފައިވާ އާއިލާތަކަށްވެސް ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި މިފަދަ ހާލަތެއް ދިމާވުމުން ފަޅުވެރިންނަށް ބަދަލުދެވޭނެފަދަ ނިޒާމެއް ރާއްޖޭގައި ނެތުމުން ހިތާމަކުރާ ކަމަށެވެ.
"އަސްލު ހަގީގަތުގަ މިފަދަ ގުދުރަތީ ކާރިސާގައި ގެއްލުންމިވާ މަސްވެރިންނަށް އެއްވެސް ބަދަލެއް ދެވޭނެ އުސޫލެއް ނެތް މި ރާއްޖެއަކު. މިއަދު މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު މި ހިތާމަވެރި ހާދިސާ ހިނގާދިޔުމުން އެ މަސްވެރިންނަށް ލިބޭނެ ވަކި އުފަލެއްވެސް ނެތް. އަނެއްހެން ބުނަންޏާ ދޯނީގެ އިންޖީނު އެކަނި ސަލާމަތްވީ. ދޯނީގެ ހުރިހާ ކޭބަލްތަކެއްހެން ހުރީ ހަލާކުވެފަ. ދޯނި ހަދައިގެން އަލުން މަހަށް ނިކުންނަން ފުދޭވަރަކަށް ދުވަސް ނަގާނެ." އޭނާ ބުންޏެވެ.
ފިރާގު ބުނީ މި ހާދިސާގެ މައުލޫމާތު ފިޝަރީސް މިނިސްޓްރީއާއި ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ގުދުރަތީ ކާރިސާތަކުން މަސްވެރިންނަށާއި މަސްވެރި އުޅަނދުތަކަށް ލިބޭ ގެއްލުމަށް އެއްވެސް އެހީތެރިކަމެއްދޭނެ ނިޒާމެއް ރާއްޖޭގައި ގާއިމްވެފައިނުވާތީ މިކަމުގައި ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށެވެ.