ރިޕޯޓް

ގަވައިދަށް ނުފެތޭ ހެލްމެޓުގެ މަޅީގައި ނުޖެހޭތި!

މާލޭގެ ފިހާރައެއްގައި ޑިސްޕްލޭކޮށް ސޭލް އަޅުވާފައި ހުރި ރީތި ހެލްމެޓްތަކެއް ލޮލުގައި އަޅައިގަތެވެ. ފިހާރައަށް ވަތން ގޮތަށް ހެލްމެޓު އަޅާ ބޮލަށް ފިޓް ކޮށްލައިފީމެވެ. އަޅާލަން ފަސޭހަ އަދި އެހެން ގިނަ ހެލްމެޓުތައް ހެން ހާސްކަމެއް އުނދަގޫ ކަމެއް ނެތެވެ. އަދި ފިހާރާގައި ދެން ހުރި ހެލްމެޓުތަކަށް ވުރެ މާ ބޮޑުތަން އަގު ވެސް ހެޔޮ އެވެ.

ހެލްމެޓު ގަނެގެން އެ ދިޔަ ގޮތަށް ހުޅުމާލެއަށް ދާން ބްރިޖަށް އަރަން ހިފާލީމެވެ. ކުއްލިއަކަށް ފުލުހަކު ފަހަތުން އައިސް ހުއްޓުވައިފި އެވެ. އަދި ގަވައިދާ ހިލާފު ހެލްމެޓެއް އަޅައިގެން ކަމަށް ބުނެ 750 ރުފިޔާއިން ޖޫރިމަނާކޮށްލައިފި އެވެ!

"ގަވައިދާ ހިލާފު ހެލްމެޓު ހުރޭތަ؟ މާލޭގެ ފިހާރަތަކުގައި ވިއްކަން ހުންނަ ހެލްމެޓު ގަވައިދާ ހިލާފު ވާންވީ ކީއްވެ؟ ގަވައިދާ ހިލާފިއްޔާ ފިހާރަތަކުގައި މަނާ އެއްޗެހި ވިއްކާއިރު އެ މީހުންނަށް ފިޔަަވަޅެއް ނާޅަނީ ކީއްވެ،" މި ކަންބޮޑުވުން އަވަސްއާ ހިއްސާ ކުރި މީހާ ބުންޏެވެ.

މި ލަނޑު ލިބިފައި ވަނީ އެންމެ މީހަކަށް ނުވަތަ ދެ މީހަކަށް ނޫނެވެ. ފުލުހުން މިދިޔަ މަހު ހާމަ ކުރި ތަފާސް ހިސާބުތަކަށް އެކަނި ބެލިޔަސް ނޮވެމްބަރު ނުވައަކުން 15 ވަނަ ދުވަހާ ހަމަޔަށް ހެލްމެޓުގެ މައްސަލާގައި 15 މީހަކަށް ފިޔަވަޅު އެޅި އެވެ. އަދި ނަސޭހަތްތެރިވެސް ވިއެވެ.

ޖެހިގެން އައި ހަފުތާގައި ހެލްމެޓާ ގުޅޭ ތަފާތު 78 މައްސަލައެއް ވަނީ ރެކޯޑުކޮށްފަ އެވެ. ނޮވެމްބަރު 23 އިން 29 އަށް އެފަދަ 126 މައްސަލައެއް ފުލުހުން ބަލާފައިވާ އިރު ނޮވެމްބަރު 30 އިން މި މަހު ހަވަނަ ދުވަހާ ހަމަޔަށް ހެލްމެޓުގެ 111 މައްސަލައެއް ވަނީ ދިމާވެފަ އެވެ.

ސުވާލަކީ ހެލްމެޓާ ގުޅޭ މިހާ ގިނަ މައްސަލަ ދިމާވަނީ ކީއްވެ ހެއްޔެވެ؟ ފުލުހުންގެ ހެޑް އޮފް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ސުޕްރިޓެންޑަންޓް އޮފް ޕޮލިސް ހުސެއިން ސަމީރު އަވަސްއަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވި ގޮތުގައި އެ ހިސާބުތަކުން ދައްކާ ގިނަ މައްސަލަތަކަކީ ގަވައިދާ ހިލާފު ހެލްމެޓު އަޅައިގެން ބްރިޖަށް އަރަން އަންނަ މީހުންގެ މައްސަލަ އެވެ.

"މި އަހަރު ޖުލަައި 10 އަކުން ފެށިގެން އަޅުގަނޑުމެން ފޯކަސް ކުރީ ހެލްމެޓު އަޅަން ބާރު އެޅުމާއި މީހުން ހޭލުންތެރި ކުރަން. އޭރުވެސް ބުނަމުން ގެންދިޔައިން ގަވައިދަށް ފެތޭ ހެލްމެޓު އަަޅަން. އަދި ގަވައިދަށް ނުފެތޭ ހެލްމެޓު އަޅައިގެން އުޅޭ ގިނަ މީހުން ހުއްޓުވާފައި ނަސޭހަތްތެރިވެފައި ވާނެ. ނަމަވެސް މިހާރު ފިޔަވަޅު އަޅާ ޖޫރިމަނާ ކުރަން ފެށީ އެކަން ރެގިއުލޭޓް ކުރަންވެގެން،" ސަމީރު ވިދާޅުވި އެވެ.

މައްސަލައަކީ ގަވައިދާ ހިލާފު ހެލްމެޓު އެޅުން އެކަންޏެއް ނޫނެވެ. ގަވައިދާ ހިލާފު ހެލްމެޓެއް ކަން ނޭނގި ތިބެ އެތައް ބަޔަކު މާލޭ އާއި ހުޅުމާލެ ފިހާރަތަކުން ހެލްމެޓު ގަނެގެން އެބަދެ އެވެ. ގަވައިދާ ހިލާފު ހެލްމެޓު ވިއްކާ ޑިސްޕްލޭ ކުރާ އިރު އެ ފިހާރަތަކުގައި ގިނަ ފަހަރަށް އެންމެ އަގު ހެޔޮކޮށް ވެސް ހުންނަނީ އެފަދަ ހެލްމެޓުތަކެވެ.

ސަމީރު ވިދާޅުވި ގޮތުގައި ފިހާރަތަކުން ގަވައިދާ ހިލާފް ހެލްމެޓު ވިއްކަމުންދާ ކަމުގެ ގިނަ ޝަކުވާ ޕޮލިހަށް ލިބިފައިވެ އެވެ. އަދި އެކަން ވަރަށް ގިނަ ފިހާރަތަކުން މިހާރު ވެސް ފާހަގަ ކުރެވެ އެވެ. އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ. އަދި އެކަމާ ބެހޭ ގޮތުން ކަސްޓަމްސްއަށް ވެސް ސިޓީއެއް ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްމެޓު މައްސަލާގައި ފުލުހުން ކަސްޓަމްސްއަށް ފޮނުވި ސިޓީއެއްގެ ކޮޕީއެއް އަވަސްއަށް ވަނީ ލިބިފަ އެވެ. އެ ސިޓީ ކަސްޓަމްސްއަށް ފޮނުވާފައި ވަނީ މިދިޔަ މަަހު 17 ވަނަ ދުވަހުގަ އެވެ. އެ ސިޓީގައިވާ ގޮތުން ރާއްޖޭގައި ހެލްމެޓު އަޅަން ޖެހޭ މިންގަނޑާ ހިލާފު ހެލްމެޓުތަކެއް އެތެރެކޮށް ވިއްކަމުންދާ ކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި އެފަދަ ހެލްމެޓު އަޅައިގެން ހުރި ފަރާތްތަކަށް ދިމާވެފައިވާ އެކްސިޑެންޓުތަކުގައި ދުއްވާ މީހުންގެ ބޮލަށް އަނިޔާވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

".. .އެހެންކަމުން އެފަދަ ހެލްމެޓުތައް އެތެރެ ކުރުން މަނާ ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން. ވީމާ ގަވައިދަށް ނުފެތޭ ހެލްމެޓުތައް ރާއްޖެ އެތެރެ ކުރުން މަނާ ކުރަން ޖެހޭ ކަންކަންކޮށްދެއްވުމަށް އެދެން،" އެ ސިޓީގައި ބުނެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ކަސްޓަމްސްގެ ބަހެއް ނުލިބެ އެވެ. އަދި އޭގެ ފަހުން މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އެފަދަ ވާހަކައެއް ނުވެސް ދައްކަ އެވެ. އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ.

ހެލްމެޓުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް

ޓްރާންސްޕޯޓް މިނިސްޓްރީން މި އަހަރު ކުރީކޮޅު ކުރި އިއުލާނެއްގައި ހެލްމެޓެއްގައި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައެޅި އެވެ. އެ ގަވައިދު ހެދީ 30 ކިލޯ މީޓަރަކަށް ވުރެ ބާރަށް ދުއްވަން ޖެހޭ ހިސާބުތަކުގައި ހެލްމެޓް އަޅަން މަޖުބޫރު ކުރުވި ދުވަސްކޮޅުގަ އެވެ.

އެ ގަވައިދުގެ ދަށުން ތޮއްޕެއް ހެން ކަންފަތް ރަނގަޅަށް ނުފޮރުވޭ ގޮތަށް ހުންނަ ހެލްމެޓާއި ދެ އަރިމަތި މަޑު ޕްލާސްޓިކުން ހަދާފައި ހުންނަ "ބަޓަފްލައި ހެލްމެޓު" އެޅުން މަނަ އެވެ. މި ދެ ވައްތަރަކީ އެންމެ ގިނައިން ދިވެހިން ފިހާރަތަކުން ގަންނަ އަދި އެންމެ އަގު ހެޔޮކޮށް ވެސް ހުންނަ ހެލްމެޓެވެ.

  • ބޮލަށް ހެޔޮވަރު ހެލްމެޓަކަށްވުން
  • ދަތްދޮޅި ދަށުން ހަރުކުރެވޭގޮތަށް ހާއްސަ ކަމަރެއް ހުރުން
  • ހެލްމެޓާއި ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ނެތުން
  • ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައި ހެލްމެޓަކަށް ނުވުން
  • ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކްރީނަކީ މޫނުފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވުން
  • ހެލްމެޓުގެ ކުލައަކީ ލޮލަށް އުނދަގޫވާ ފަދަ ކުލައަކަށް ނުވުން
  • ހެލްމެޓު އެޅުމުން ކާކުކަން ނޭންގޭގޮތަށް މޫނު ފޮރުވޭ ހެލްމެޓަކަށް ނުވުން

ހެލްމެޓެއް ގަންނަ ނަމަ ކިތަންމެ ހާސްކަމެއް ނުވަތަ އުނދަގޫތަކެއް ހުއްޓަސް ގަވައިދަށް ފެތޭ ހެލްމެޓު ގަންނަން ޖެހެ އެވެ. އެ ނޫނީ ޖޫރިމަނާވުމުގެ އިތުރުން ހިތާމަވެރި ހާދިސާއެއް ވެސް ހިނގުން އެކަށީގެންވެ އެވެ. ކުޑަ އިތުރު ހަރަދެއް ކޮށްލައިގެން ބޮޑު ޖޫރިމަނާއަކުން ވެސް ސަލާމަތް ވެވިދާނެ އެވެ.