ވިޔަފާރި

ގިނަ ފަސޭހަތަކާއެކު ބީއެމްއެލް ބިޒްނަސް ސެންޓަރެއް ހުޅުމާލެއަށް

ހިދުމަތް ދިނުމުގެ އާ މޮޑެލްއަކާއެކު، ފަރުމާކޮށްފައިވާ ބިޒްނަސް ސެންޓަރެއް، ގައުމީ ބޭންކުން ހުޅުމާލޭގައި ހުޅުވައިފި އެވެ.

މާލޭގައި ވެސް ހުޅުވާފައިވާ ބިޒްނަސް ސެންޓަރުތަކުގެ މޮޑެލްއާ އެއްގޮތަށް ފަރުމާކޮށްފައިވާ، ހުޅުމާލެ ބިޒްނަސް ސެންޓަރު ހުޅުވާފައިވަނީ ރެނާޓަސް އިތާމުއި ފްލެޓުތަކުގެ ތިރީގަ އެވެ. މި ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ އެވެ. މިއީ ވިޔަފާރިތަކަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގައި ހުޅުވި ދެވަނަ ސެންޓަރެވެ.

މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ރިލޭޝަންޝިޕް މެނޭޖަރުން ތިބޭއިރު ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، މި ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ އިތުރުން ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މާޗަންޓް ހިދުމަތްތަކަށް އެހީތެރިކަން މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެ އެވެ. މީގެއިތުރުން ޕާސަނަލް ބޭންކިން ކަސްޓަމަރުންނަށް މި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ޕާސަނަލް ލޯނާއި ހައުސިން ލޯނަށް އެދި ހުށަހެޅޭނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސޯޔާ ވިދާޅުވީ މި ސެންޓަރުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

"ހުޅުމާލޭގެ އާބާދީ އިތުރުވެ ވިޔަފާރިއާއި ސިނާއީ މަސައްކަތްތައް ކުރިއަރާ ދަނޑިވަޅެއްގައި މި ތަރައްގީއާ އެއްހަމައެއްގައި ފަރުދީ އަދި ވިޔަފާރިތަކަށް ހާއްސަ ބޭންކިން ހިދުމަތްތައް ގާއިމްކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް. އެގޮތުން ހުޅުމާލޭގައި ގާއިމްކުރެވުނު ބިޒްނަސް ސެންޓަރު ވެގެންދާނީ ވިޔަފާރީގެ އެންމެހާ ބޭނުންތަކަށް އެކަށޭނަ ތަނަކަށް. އަދި މީގެ އިތުރުން ކަސްޓަމަރުންނަށް ޕާސަނަލް ލޯނާއި ހައުސިން ލޯނަށް އެދި ހުށަހެޅުމަށް އެކަށޭނަ މާހައުލެއް ގާއިމްކުރެވިގެންދާނެ،" ޓިމް ވިދާޅުވި އެވެ.

މި ހިދުމަތާއެކު، ހުޅުމާލޭގައި ބީއެމްއެލްގެ ބްރާންޗަކާއި ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ލިބިގެން ދާނެ އެވެ.

ބީއެމްއެލް އިން މުޅި ރާއްޖެގައި ބޭންކުގެ ގޮފިތައް ވަނީ ހުޅުވާފަ އެވެ. މި ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި 115 އޭޓީއެމް ބަހައްޓާފައިވެ އެވެ. މީގެ އިތުރުން 277 ކޭޝް އޭޖެންޓުނާއި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައު ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.