ވިޔަފާރި

ޓޫރިޒަމް މިނިސްޓްރީގެ އަހަރީ ދުވަސް ކުރީގެ މިނިސްޓަރުންނާއެކު!

ރާއްޖޭގެ ޓޫރިޒަމުގެ ސާޅީ ހަތް އަހަރުގެ ހަޔާތުގައި ޓޫރިޒަމް މިނިސްޓްރީއަކީ މުހިންމު ދައުރެއް އަދާކުރި ވުޒާރާ އެކެވެ. ޓޫރިޒަމް ސިނާއަތުގެ ކަންކަން ބަލަހައްޓައި ގަވާއިދުތައް ތަންފީޒު ކުރީ އެ މިނިސްޓްރީން މަސައްކަތް ކޮށްފައިވެ އެވެ. މިއަދަކީ ޓޫރިޒަމް މިނިސްޓްރީ އުފެދުނުތާ 31 އަހަރު ފުރުނު އަހަރީ ދުވަހެވެ. މި ދުވަސް މިއަދު ފާހަގަ ކޮށްފައިވަނީ ކުރީގެ ތިން މިނިސްޓަރުންނާއެކުގަ އެވެ.

އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ރައީސް މައުމޫން ވެރިކަމުގައި ފަސް އަހަރު ޓޫރިޒަމް މިނިސްޓްރުކަން ކުރެއްވި އިބްރާހިމް ހުސެއިން ޒަކީ އާއި ކުރީގެ މިނިސްޓަރު މަހުމޫދު ޝައުގީ އަދި ޑރ. މުސްތަފާ ލުތުފީ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ވަހީދު ޓޫރިޒަމް ތަރައްގީވުމުގައި ޓޫރިޒަމް ސިނާއަތުގެ އެންމެ އިސް ފަރާތްތަކާއި މުޅި އިންޑަސްޓްރީގެ ރޯލު ބޮޑު ކަމަށެވެ. އަދި އެ މިނިސްޓްރީގައި އެކި ދުވަސްވަރު މަސައްކަތްކުރި މުވައްޒަފުންގެ ބޮޑު ރޯލެއް އަދާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ބޭފުޅެއްގެ ލީޑަ ޝިޕްގައި ވެސް ގައުމަށާއި ޑެސްޓިނޭޝަން އަށް ގިނަ މަސައްކަތްތަކެެއް ކޮށްދެއްވި،" އަލީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހާރިޖީ ދާއިރާގައި ވެސް ގިނަ މަސައްކަތް ތަކެއް ކުރައްވާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު، އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވީ އެ މަނިކުފާނުގެ ޓޫރިޒަމް މިނިސްޓަރުކަމުގައި ވެސް ގިނަ ގޮންޖެހުން ތަކެއް ދިމާވި ކަމަށެވެ. ޓޫރިޒަމް ސިނާއަތަކީ ދުނިޔެ ގަބޫލުކުރާ ސިނާއަތަކަށް ބަދަލު ކުރުމުގައި ވެސް މަސައްކަތް ތަކެއް ކުރަން ޖެހުނު ކަމަށެވެ.

"އޭރު ކިޔައި އުޅެނީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރޭ. އެހެންވެ އަޅުގަނޑުމެންނަށް ޖެހުނީ އިތުރު މަސައްކަތް ކުރަން. އެހެންވެ އަޅުގަނޑުމެން ބުނަމުން އައީ މަސްވެރިކަން އެއީ ވެދާނެއޭ ލޭނާރަށް. އެކަމަކު މައި ނާރަކީ ޓޫރިޒަމޭ. އެހެންވީމަ އެކަހަލަ ގޮތަކަށް އެކްސްޕްލިނޭޝަން ދިނީ،" ޒަކީ ވިދާޅުވި އެވެ.

ކުރީގެ މިނިސްޓަރު ޝައުގީ ވިދާޅުވީ އެމަނިކުފާނު ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތް ދުވަސް ވަރަކީ ސުނާމީއަށްފަހު ޓޫރިޒަމް އޮކިއުޕެންސީ ވެއްޓިފައި އޮތް ދުވަސްވަރެއްގައި ކަމަށެވެ.

"ވަރަށް މަސައްކަތް ކޮށްގެން ހައެއްކަ މަސް ދުވަހުން ޓޫރިޒަމް އޮއުޕެންސީ 80 ޕަސެންޓަށް ގެންދެވުނީ. އޭގެފަހުން ސޯލިހު [މިހާރު މިނިސްޓްރީގެ ނައިބް] ގެ ބުރަ މަސައްކަތަކުން ޓޫރިޒަމް މާސްޓަ ޕްލޭން ތައްޔާރު ކުރީ،" ޝައުގީ ވިދާޅުވި އެވެ.

ޝައުގީގެ މިނިސްޓަރުކަމުގެ ދުވަސްވަރު ވަނީ މިހާރު ޓޫރިޒަމް ސިނާއަތުގައި ބަސްކިޔާ ޖަމިއްޔާތައް ކަމަށްވާ މަޓާޓޯ އާއި ލޭމް އަދި މާޔާގެ އިތުރުން ޓީމް ވެސް އުފެއްދި އެވެ.

ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ އެމަނިކުފާނު މިނިސްޓަރުކަން ކުރެއްވި މަދު ދުވަސްކޮޅުގައި އެކިގެން ދިޔައީ މިނިސްޓްރީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ އުފެެއްދުމުގެ ކުރިން ޓޫރިޒަމް ސިނާއަތް ބެލެހެއްޓީ ބޯޑަކުންނެވެ. އެގޮތުން ފުރަތަމަ މެނޭޖަރެެއްގެ ގޮތުގައި ޖޭވިލިއަމް ކިޔާ ބޭރުގެ މީހެކެވެ. އޭގެފަހުން ޑިރެކްޓަރެެއްގެ ގޮތުގައި ކަނޑި އަހުމަދު އިސްމާއިލް ހުންނެވި އެވެ. އަދި ހުސެއިން އަލިދީދީ ޑިރެކްޓަރުކަން ކުރެއްވި އެވެ. މީގެ އިތުރުން އައިޝަތު އިބްރާހިމް ދީދީ އާއި އަބްދުﷲ ކަމާލުއްދީން ވެސް ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައިވެ އެވެ. އޭގެފަހުން އަހުމަދު މުޖުތަބާ އާއި އަހުމަދު ޒާހިރު (ސީނާ ޒާހިރު) ވެސް ޓޫރިޒަ،މް މިނިސްޓްރީގެ ޑިރެކްޓަރުކަން ކުރެެއްވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގޮތުގައި ބަދަލުވެފައިވަނީ ޒީނާ ޒާހިރު ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ދުވަސްވަރު އެވެ. ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވީ އަހުމަދު މުޖުތަބާ (ބޮޑު ފެންވަޅުގޭ މުޖުތަބާ) އެވެ.