ވިޔަފާރި

ޓޫރިޒަމް ރަނގަޅުވެ، ޑޮލަރުގެ އާމްދަނީ ބޮޑުތަން މައްޗަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާތީ، ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަން މައްޗަަށް ޖެހިލައިފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެކަނި ދައުލަތަށް ޑޮލަރުން އާމްދަނީގެ ގޮތުގައި 51 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލިބިފައިވާ 39 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 75 ޕަސެންޓުގެ އިތުރު ވުމެކެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް ޑޮލަރުން އާމްދަނީގެ ގޮތުގައި 579 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 558 މިލިއަން ޑޮލަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 100 ޕަސެންޓުގެ އިތުރުވުމެކެވެ.

ޑޮލަރުން ދައުލަތަށް މައިގަނޑު ގޮތެއްގައި އާމްދަނީ ލިބެނީ ޓޫރިޒަމް ސިނާއަތުންނެވެ. ޑޮލަރުގެ އާމްދަނީ މަތިވެފައިވާ މައިގަނޑު ސަބަބަކީ ޓޫރިޒަމް ރަނގަޅުވުމެވެ. މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް 1.5 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.