ހަބަރު

ރާއްޖޭގައި ބޮން ހަދައިގެން ވައިގެ މަގުން ގޮއްވާލަން ރޭވި: ސީޕީ ހަމީދު

ހައްދު ފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑާޝިޕުން ވާގިވެރިވެގެން 2017 ގައި ރާއްޖޭގައި ވައިގެ މަގުން ބޮން ގޮއްވާލަން ރޭވި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިސް މެންބަރުންނާއެކު ކްރޮސްރޯޑްސްގައި ބާއްވާ ލާމަރުކަޒީ މަހާސިންތާގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ އައިއެސް ޖަމާއަތުގެ ލީޑާޝިޕުން ވާގިވެރިވެގެން އެ ކަން ރޭވުމުގައި އިސްކޮށް ހުރީ ސީރިއާގައި ހުރި ދިވެއްސެއް ކަމަށެވެ. އަދި ގޮއްވާލަން އައިއީޑީއެއް ހެދީ މާލޭގައި ތިބި ދިވެހިންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެކަން ނާކާމިޔާބުވެގެން ދިޔައީ ދިވެހި ފުލުހުންނާއި އެމްއެންޑީއެފްގެ އިތުރުން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. ކައުންޓާ ޓެރަރިޒަމްގެ އެ އޮޕަރޭޝަންގައި ދުނިޔޭގެ ބޮޑު ފަސް ގައުމުން ވެސް ބައިވެރިވި ކަމަށާއި އެއީ ދުނިޔޭގައި ވެސް އެ އަހަރު ހިންގުނު އެންމެ ބޮޑު އެއް އޮޕަރޭޝަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ 2017 ވަނަ އަހަރުގައި މުޅި ދުނިޔޭގައި ހިންގުނު އެންމެ ބޮޑު ކައުންޓަ ޓެރަރިޒަމްގެ އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަންގެ އޮޕަރޭޝަން،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ އަމަލުތަކާއި ދީނީ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމުގައި އެންމެ ކުރި އަރާފައިވާ ގައުމުތަކާއެކު އިސް ސަފުގައި ރާއްޖެ އޮތް ކަމުގެ ޔަގީންކަން ކައުންސިލަރުންނަށް ދެއްވުމުގެ ގޮތުންނެވެ.

"އަޅުގަނޑު މި ފުރުސަތުގައި މި ކަން ފާހަގަ ކުރީ ޓެރަރިޒަމާއި ރެލިގަސް އެކްސްޓްރީމިޒަމް ހުއްޓުވުމުގައި އަޅުގަނޑުމެން މި ދަނީ ދުނިޔޭގެ އެންމެ ފްރޮންޓް ލީޑުގައި މަސައްކަތް ކުރަމުން ކަމުގެ ޔަގީން ކަން ތި ބޭފުޅުން [ކައުންސިލަރުންނަށް] ދޭން،" ސީޕީ ހަމީދު ވިދާޅުވި އެވެ.

އޭގެ އިތުރަށް އޭނާ ވިދާޅުވީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ އޮޕަރޭޝަނާއި އެ މީހުންގެ އަދަދު ވެސް ކަމާ ބެހޭ މުއައްސަސާތަކަށް ސާފު ކަމަށެވެ. އެ ގޮތުން މީހުންގެ ފުރާނަ ނަގާލަން މަސައްކަތް ކުރާ ހިސާބަށް ހަރުކަށިވެފައި ތިބި 1400 އަށްވުރެ ގިނަ ދިވެހިން އެބަ ތިބި ކަމަށާއި އެ ކަން ހުއްޓުވަން ކަމާ ބެހޭ މުއައްސަސާތައް ތިބީ ތައްޔާރަށް ކަމަށެވެ.

ދީނީ ގޮތުން ހަރުކަށި ވެފައި ތިބި މީހުންނެކޭ އެއްފަދައިން ދީނަށް ފުރައްސާރަ ކުރާ އަދި ތައުހީނު ކުރާ ފަރާތްތަކާ މެދު ވެސް ކަމާ ބެހޭ މުއައްސަސާތަކުން މިހާތަނަށް ވެސް ފިޔަވަޅު އަޅާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.