ދުނިޔޭގެ ތާރީޚީ ޞަފްޙާތަކަށް ނަޒަރު ހިންގާލުމުން ހަނގުރާމަކުރުމަކީ ހުރިހާ ޙަޟާރަތެއްގައި ވެސް އޮތް ކަމެއްކަން އޮޅުމެއް ނެތި އެނގެއެވެ. ނަމަވެސް ހަނގުރާމަކުރަމުންދިޔަ ގޮތާއި އުޞޫލުތައް ތަފާތެވެ. ދުނިޔޭގެ އެކި ދައުލަތްތައް އެ ދައުލަތްތަކުގެ ބާރާއި ޢިއްޒަތް ދެމެހެއްޓުމަށްޓަކައި ބޮޑެތި ހަނގުރާމަތައް ކޮށްފައިވެއެވެ. އެއް ޤަބީލާ އަނެއް ޤަބީލާގެ މައްޗަށް ގަދަވެގަތުމަށް ހަނގުރާމަކޮށްފައިވެއެވެ. އެއް ނަސްލެއް އަނެއް ނަސްލު ނައްތާލަން ހަނގުރާމަކޮށްފައިވެއެވެ. ޢާއިލާތަކުގެ މެދުގައި ވެސް ހަނގުރާމަކޮށްފައިވެއެވެ. ބަޣުދާދުދައި އޮތް އިސްލާމީ ދައުލަތް ވައްޓާލަން ތަތާރުން ކުރި ހަނގުރާމައާއި އިސްލާމީ އުންމަތް މުލުން ލުހެލުމަށް ކުރެވުނު ޞަލީބީ ހަނގުރާމަތަކަކީ އިންސާނީ ތާރީޚު ދުށް އެންމެ އަނިޔާވެރި ހަނގުރާމަތަކެވެ. ޞަލީބީން ޤުދުސް ހިފި ދުވަހު ހަތްދިހަ ހާސްހަށްވުރެ ގިނަ މުސްލިމުން ކަތިލައި ޤުދުސްއާއި އަލްމަސްޖިދުލްއަޤުޞާގެ ވަށައިގެން ލޭގެ ކޯރުތައް ހެދިއެވެ. ތަތާރުން ބަޣުދާދު ހިފި ދުވަހު ފުރާތު ކޯރު ލެއަށް ބަދަލުކޮށްލިއެވެ.
މި ޒަމާނުގައި ބައެއް ބޮޑެތި ބާރު ތަކުން މުސްލިމު އުންމަތާ ދެކޮޅަށް ހިންގާފައިވާ ކަންކަން ބަޔާންކުރަން ޖެހޭ ވަރަށް ވުރެ، ފާޅުކަން ބޮޑެވެ. ޢިރާޤުގައި ނިއުކުލިއަރ ހަތިޔާރު ހުރި ކަމަށް ބުނެ ދޮގު ތުހުމަތުކޮށް ބޮޑެތި ބާރުތަކުން ޢިރާޤަށް އަރައި އެތަނުގައި މިއަދާހަމަ އަށް އެތަށް މުސްލިމުން ކަތިލައި އެތަނުގައި އޮތް އެއް ހާސް އެތައް އަހަރުވީ މުސްލިމުންގެ ވަރުގަދަ ޘަޤާފަތާއި ޙަޟާރަތް އަންދާލައި އިސްލާމީ އުންމަތުގެ ވަރުގަދަ ޙަޟާރަތުގެ މޭގަނޑު ކަމުގައިވާ އައްބާސީ ދައުލަތުގެ ހިތް ބަޣުދާދު ފުނޑުފުނޑުކޮށްލި ހާދިސާއަކީ އިންސާނުންގެ ފަހުގެ ތާރީޚުގައި ހިގައިދިޔަ އެންމެ ބޮޑު އިންސާނީ ޖަރީމާއެވެ. އިސްލާމީ ޤައުމުތަކުގައްޔާއި މެދު އިރުމަތީގައި ޓެރަރިޒަމްގެ ގަސް ފެޅީ ސީދާ ދުނިޔޭގެ ބޮޑެތި ބާރުތަކުން ހިންގި ބޭ އިންސާފު ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނީ ޢަމަލުތަކަށް ހުއްޓުވައި އެރައްޔިތުންނަށް އިންސާފު ނުލިބެނީ ކީއްވެގެން ހެއްޔެވެ؟ ސީރިޔާގައި އެތައް މިލިއަން މުސްލިމުން މަރުވެ، އެތަން ޓެރަރިސްޓުންގެ ހާއްޔަކަށްވުމުގެ ކުރިން ދުނިޔެއިން އެކަން ނުހުއްޓުވީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގެ ޞުލްޙަ ބަލަހައްޓާ ލަޝްކަރުތަކާއި މުއައްސަސާތައް ކޮބައިތޯއެވެ؟ ތިމާ ކަތިލަމުންދާ ކަނބަޅިން ތިމާގެ ގަޔަށް ލޭ ބުރަން ފެށީމާ، މިއީ ހާދަ ގޮތެއް ނެތް ކަނބަޅިއެކޭ ބުނުން ފަދަ ކަމެކެވެ.
އާދެ! އަދުގެ ދުނިޔޭގައި މުސްލިމުންނާއި އިސްލާމްދީނަށް ވަރަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން އެބަދެއެވެ. ޚާއްޞަ ގޮތެއްގައި މުސްލިމު ޢިލްމުވެރިންނާއި އިސްލާމީ އުންމަތުގެ ޚިދުމަތުގައި އުޅޭ ފަރާތްތަކަށް ދުއްތުރާތަށް ވަނީ އަމާޒު ކުރެވިފައެވެ. މިއީ ފިކުރީ ގޮތުން ކުރެވޭ އާ ޞަލީބީ ހަނގުރާމައެކެވެ. އިސްލާމްދީނަކީ ރަޙުމްކުޑަދީނެއްކަމަށް ސިފަކޮށް، މުސްލިމު ޢިލްމުވެރިންނަކީ ޖިހާދުގެ ވާހަކަ ދައްކައި ޓެރަރިޒަމަށް ވާގިވެރިވާ ބައެއްކަމުގައި ދަނީ ސިފަކުރަމުނެވެ. މީގެ އިތުރުން އިސްލާމީ ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއި ތަޢުލީމީ މަރުކަޒުތަކަކީ ޓެރަރިސްޓުން އުފައްދާ ތަންތަންކަމުގައި ހަދަން މަސައްކަތްކުރަމުން ދެއެވެ.
ހަރުކަށި ޖަމާޢަތްތަކުގެ ޙަޤީޤަތް
ފޮރުވިފައިވާ ޙަޤީޤަތަކީ ދުނިޔޭގެ އިސްލާމީ އެކި ޤައުމުތަކުގައި ހިންގަމުންދާ ޙައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކަކީ ސީދާ އިސްލާމީ އުންމަތާ ދެކޮޅުވެރި ޖާސޫސީ ބާރުތަކުން އަޑީގައި ތިބެގެން ޕްލޭންކޮށްގެން ފަންޑުކޮށްގެން އިސްލާމީ މުޖުތަމަޢުތައް ޚަރާބު ކުރުމަށް އިންދާފައިވާ ގަސް ތަކެއްކަމެވެ. މަޤުޞަދަކީ އެޖަމާޢަތް ތައް މެދުވެރިކޮށް އިސްލާމީ އުންމަތުގެ ޒުވާނުންނާއި މަޞްލަޙަތުތައް ހަލާކުކޮށްލުމެވެ. އިސްލާމީ އުންމަތުގައި ވަރުގަދަ ދައުލަތްތައް ފުނޑުފުނޑު ކޮށްލީ ހަރުކަށި ވިސްނުމާ ދެކޮޅަށް ކަމަށް ބުނެއެވެ. އެތައް މިލިއަން މުސްލިމުންނާއި މުސްލިމު އެތައް ޢިލްމުވެރިންނާއި ސައެންސްވެރިންވަނީ ކަތިލާފައެވެ. ނިކަން ވިސްނާ ބަލާށެވެ! މިއިން އެއްވެސް ޖަމާޢަތެއްގައި މުސްލިމުން ޤަބޫލުކުރާ އެއްވެސް ޢިލްމުވެރިޔަކު ނުހުރެއެވެ. އަދި އެ ޖަމާޢަތްތަކަކަށް އިސްލާމީ އެއްވެސް ޤައުމަކުން ތާއިދެއްވެސް ނުކުރެއެވެ. ނަމަވެސް ފައިސާވެރިކަމުގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން އެމީހުން ވަރުގަދަ ވެފައިވަނީ ކީއްވެގެން ހެއްޔެވެ؟ މިޖަމާޢަތްތަކުގައި އުޅޭ ހަނގުރާމަވެރިންގެ ތެރޭގައި ގިނައީ ވެސް ހުޅަނގުގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. ނުވަތަ އަލަށް އިސްލާމްވެ އިސްލާމްދީނުގެ ޙަޤީޤަތް އޮޅުން ނުފިލާ ތިބޭ މީހުންނެވެ. ނުވަތަ ކޮންމެވެސް ޖަރީމާތަކެއް ހިންގަން އުޅެފައި ގޮސް އެއިގެ ތެރެއަށް ވަދެ އުޅޭ މީހުންނެވެ. މިޖަމާޢަތްތަކުގެ ނަން ބޭނުންކޮށްގެން ޢިރާޤާއި އަފްޣާނިސްތާނާއި ސޫރިއާއާއި ޔަމަނާއި ލީބިޔާ ފަދަ އިސްލާމީ އެތައް ޤައުމެއް ވަނީ ފިކުރީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބައިބައިކޮށް ފުނޑު ފުނޑުކޮށްފައެވެ. އެތަންތަނުގައި މުސްލިމުން ބިނާކުރި ވަރުގަދަ ޙަޟާރަތްތައް ވަނީ ނެތިކޮށްފައެވެ. އަދި އިސްލާމީ އިތުރު ޤައުމުތައް އެވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. މިއީ އިސްތިރާތީޖީ ގޮތެއްގައި އިސްލާމީ ޙަޟާރަތު ނެތިކޮށްލައި މުސްލިމުން ބަލިކަށިކޮށްލައި އިސްލާމީ އުންމަތް ފުނޑުފުނޑުކޮށްލުމަށް ޖިހާދުގެ ނަން ބޭނުންކޮށްގެން ރޭވިގެން ހިންގަމުންދާ ޢުދުވާނީ ކަންކަމެވެ. މިކަމުގެ ޝިކާރައަކަށް އިސްލާމީ ޤައުމުތަކާއި މުސްލިމު ޒުވާނުން ވެގެން ނުވާނެއެވެ.
ހުޅަނގުގެ ނަޒަރުގައި ހަރުކަށިކަމޭ ބުނެވޭ ބަހުގެ މަފްހޫމް މުސްލިމުންގެ މަފްހޫމާ ތަފާތެވެ. މުސްލިމުންގެ ނަޒަރުގައި ހަރުކަށިކަމަކީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގެ ޞައްޙަ ހަދީޘްތަކާއި ތަޢުލީމާތު ތަކާ ޚިލާފަށް އުޅޭ އުޅުމެވެ. ހުޅަނގުގެ ނަޒަރުގައި ހަރުކަށި ކަމަކީ އިސްލާމްދީނެވެ. ހަރުކަށިކަން ނައްތާލުމުގެ ނަމުގައި ސީދާ އިސްލާމްދީނާ މުސްލިމު އުންމަތް ނައްތާލަން މަސައްކަތްކުރެއެވެ. އަޅުގަނޑުމެން ވިސްނަންވީ އެންމެ މުހިންމު ނުކުތާއަކީ މިއީއެވެ. ހަރުކަށި ކަމާދެކޮޅަށް ހުޅަނގުން ހަނގުރާމަކުރާ ބީދައިން ސީދާ އެމަގުން އަޅުގަނޑުމެން ހިގަންވެއްޖެ ނަމަ އަޅުގަނޑުމެންގެ ޤައުމުތައް ހަލާކުވެ ފަނާވެ ހިގައިދާނެއެވެ. އަޅުގަނޑުމެންނަށް އޮތީ އިސްލާމްދީނުގެ ޞައްޙަ ގޮތް އޮޅުން ފިލުވާދިނުމެވެ.
ރަޙުމަތުގެ ދީން
އިސްލާމީ ރިސާލަތުގެ ރަޙުމަތާއި އިޙުސާންތެރިކަމުގެ އަސާސްތަކުގެ ޙައްޤުވަންތަކަން ފާޅުކަންބޮޑު ގޮތެއްގައި އެނގެއެވެ. މިއީ ޣައިރު މުސްލިމުންވެސް ޤަބޫލު ކުރަމުންދާ ޙަޤީޤަތެކެވެ. މިއަދު ހުޅަނގުގެ ޤައުމުތަކުގައި އެންމެ ބޮޑަށް ފެތުރިގެންދަނީ އިސްލާމްދީނެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މީގެ އަހަރުތަކެއް ފަހުން ބައެއް ޤައުމުތަކުގެ މެޖޯރިޓީ އަކީ އިސްލާމުންކަމުގައި ވެގެންދާނެއެވެ. މިއީ ބައެއް ފަރާތްތަކަށް ޙަޖަމްކުރެވޭ ކަމެއްނޫނެވެ. މި ހުރިހާ ކަމެއްގެ ކުރިމަތީގައި ވެސް އިސްލާމްދީނުގައިވާ އިޙުސާންތެރިކަމުގެ އަސާސްތައް މީސްތަކުންނާ ހަމައަށް ވާޞިލްވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ރިސާލަތަށް އިޝާރާތްކުރައްވައި އަލް އަންބިޔާއު ސޫރަތުގެ (107) ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ. " އަދި ޢާލަމްތަކަށް ރަޙުމަތެއްކަމުގައި މެނުވީ ތިމަން ﷲ ކަލޭގެފާނު ނުފޮނުއްވަމެވެ. " އިސްލާމް ދީނުގައި މީސްތަކުންގެ ލެއާއި ފުރާނަ އަށް ރައްކާތެރިކަން ހޯދައިދީފައިވެއެވެ އަލްއިސްރާއު ސޫރަތުގެ (33) ވަނަ އާޔަތުގެ މާނައިގައިވެއެވެ. "ﷲ ޙުރުމަތްތެރިކުރައްވައި ރައްކާތެރިކުރައްވާފައިވާ ފުރާނައެއް ޙައްޤަކާ ލައިގެން މެނުވީ ނުމަރާށެވެ! " އާނއެކެވެ. ޙައްޤަކާނުލައި މީސްތަކުންގެ ލޭ އޮހޮރާލުމާއި މީސްތަކުންގެ މުދަލާއި ވަޠަން ނުޙައްޤުން ފޭރިގަތުމަކީ އެއްވެސް ޤާނޫނެއް، އެއްވެސް ސަމާވީ ދީނެއް، ނުވަތަ ވަޟްޢީ ފަލްސަފާއެއްވެސް ހުއްދަކޮށްފައިވާ ކަމެއްނޫނެވެ.
ޖިހާދުގެ ނަޒަރިއްޔާ
ޖިހާދަކީ ދީނުގައި އޮތް ކަމެކެވެ. ދަސްކުރަންވީ އިސްލާމްދީނުގައި އޮތް ޖިހާދުގެ ޙުކުމްތަކެވެ. ޖިހާދު ކުރަންވީ ގޮތެވެ. އެއިރުން އެއީ ޓެރަރިޒަމްގެ އަމަލުތަކެއް ނޫންކަން އެނގިކަށަވަރު ވެގެންދާނެއެވެ. ޖިހާދަށް ގޮވާލުމަކީ، އިސްލާމީ ޝަރީޢަތުގައި ފަރުދުންގެ އަތް މައްޗަށް ދޫކޮށްފައިވާ ކަމެއްނޫނެވެ. ޖިހާދު އިޢުލާންކުރުމާއި ޞުލްޙަ އިޢުލާންކުރުމަކީ އެއީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުން ދައުލަތާއި ސަރުކާރާ ޙަވާލުކޮށްފައިވާ ކަމެކެވެ. މާތްވެގެންވާ އިސްލާމްދީނުގެ އެންމެމަތިވެރި މަޤްޞަދުތަކުގެ ތެރޭގައި، މީހުންގެ ފުރާނައާއި ދީނާއި މުދާ ޙިމާޔަތްކުރުން ހިމެނިފައިވެއެވެ.
ޖިހާފު ފަރުޟު ކުރައްވާފައިވަނީ ދިފާޢީ ކަމެއްގެ ގޮތުގައެވެ. މާތް ﷲ ޖިހާދު ފަރުޟު ކުރައްވައި އަލްޙައްޖު ސޫރަތުގައި ބާވާލައްވާފައިވާ އާޔަތްތަކުގައި ގައިވެއެވެ. (أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّـهَ عَلَىٰ نَصْرِهِمْ لَقَدِيرٌ ﴿٣٩﴾ الَّذِينَ أُخْرِجُوا مِن دِيَارِهِم بِغَيْرِ حَقٍّ إِلَّا أَن يَقُولُوا رَبُّنَا اللَّـهُ ۗ وَلَوْلَا دَفْعُ اللَّـهِ النَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا اسْمُ اللَّـهِ كَثِيرًا ۗ وَلَيَنصُرَنَّ اللَّـهُ مَن يَنصُرُهُ ۗ إِنَّ اللَّـهَ لَقَوِيٌّ عَزِيزٌ ﴿٤٠﴾ މާނައީ: " ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ إذن ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް نصر ދެއްވުމަށް، اللَّه ކުޅަދުންވަންތަކަން ކަށަވަރެވެ. އެއުރެންނީ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، اللَّه އޭ ބުނުން މެނުވީ، އެއްވެސް حق އަކާނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނުމީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه ދުރުކުރެއްވުން ނުވާނަމަ، نصارى އިންގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަނާއި، يهودى ންގެ ފައްޅިތަކާއި، ގިނަގިނައިން اللَّه ގެ اسم ފުޅު ނަންގަނެވޭ މިސްކިތްތަކާއި (މިހުރިހާ ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އަށް نصر ދޭ މީހަކަށް، އެކަލާނގެ نصر ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
މި އާޔަތްތަކުން މަތިވެރި ޙަޤީޤަތްތަކެއް ހާމަވެއެވެ. ހާމަވާ ކަންކަމުގެ ތެރޭގައި ހަނގުރާމަ ކުރުން ހުއްދަކުރެއްވީ ދިފާޢީ ކަމެއްގެ ގޮތުގައިކަމާއި ހަނގުރާމައިގެ ޙާލަތުގައިވެސް އެހެންދީންތަކުގެ ފައްޅިތައް ޙިމާޔަތްކުރެވެންވާނެކަމެވެ. މިއިން ދޭހަވެގެންދަނީ އިސްލާމްދީނުގައިވާ ހަނގުރާމައަކީ ވަކި ޢަޤީދާއަކާ ދެކޮޅަށް ކުރާ ކަމެއްނޫންކަމާއި އެއީ އަނިޔާ ދެކޮޅަށް ދިފާޢީ ކަމެއްގެ ގޮތުގައި ކުރެވޭ ކަމެއްކަމެވެ. މިހެންކަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ހުރިހާ ހަނގުރާމަތަކަކީ ވެސް ދިފާޢީ ހަނގުރާމަތަކެކެވެ.
ޝައްކެއްނެތްގޮތުގައި ޤައުމެއްގައި ޤާއިމުކުރެވިފަވާ ވެރިކަމެއްގެ މައްޗަށް ސިޔާސީ ގޮތުން، ނުވަތަ ނަސްލީ ގޮތުން ގަދަވެގަތުމުގެ މަޤުޞަދުގައި އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ކުރާ ހަނގުރާއަކީ އިސްލާމީ ޝަރުޢީ ނަޒަރުން ބަލާއިރު ޖިހާދަކަށް ނުވާނެއެވެ. ކޮންމެ ހަނގުރާމަ އަކީ ޖިހާދެއްނޫނެވެ. އަދި ދުނިޔަވީ މަޤްޞަދުތަކެއް ޙާޞިލުކުރުމަށްޓަކައި އިސްލާމް ދީނުގެ ނަމުގައި، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކުރަމުންދާ ހަނގުރާމަތަކަކީވެސް ޝަރުޢީ ނަޒަރުން ބަލާއިރު ޖިހާދެއް ނޫނެވެ. އަދި ބައެއް ފަރާތްތަކުން ޖިހާދުގެ ނަމުގައި އެކިކަންކޮޅުތަކުގައި ހަރުކަށި، ނުރައްކާތެރި ޢަމަލުތަށް ހިންގަމުންދެއެވެ. މިފަދަ މީހުން އެބައިމީހުންގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ހަތިޔާރުގެ ބޭނުން ކޮށް ކުށެއްނެތް އެތަކެއް މަދަނީންނެއް، އެއްވެސް ހަމައެއް ނެތި މަރަމުން ދެއެވެ. ތަންތާނގައި ހުޅުޖަހައި ރޯކޮށް، ބޮންގޮއްވައި، ޣައިރު މުސްލިމުންނާއި މުސްލިމުންނާވެސް، ދެކޮޅަށް ޙަމަލާތައްދީ، މިފަދަ ބިރުވެރި އެތައްކަމެއް، ދީނުގެ ނަމުގައި ކުރަމުންދެއެވެ. މިއީ އިސްލާމްދީނުގައި މިކަން ކުރުމަށް އަމުރު ކުރައްވާފައިވާ ގޮތެއްނޫނެވެ.
ޖިހާދަކީ މުސްލިމުން މުސްލިމުންނާ ދެކޮޅަށް ކުރަން އޮންނަ ކަމެއްވެސް ނޫނެވެ. މުސްލިމުން އެއްބަޔަކު އަނެއްބައެއްގެ ލޭ އޮހޮރުވާލުމަކީ ޙަރާމްކުރައްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައިވެއެވެ. "އަހަރުމެނާ ދެކޮޅަށް ހަތިޔާރު އުފުލާ ބަޔަކީ އަހަރުމެން މުސްލިމުންގެ ތެރެއިންވާ ބައެއްނޫނެވެ." މުސްލިމުން މުސްލިމުންނާ ދެކޮޅަށް ކުރާ ހަނގުރާމަތަކަށް ކިޔަނީ ބަޣާވާތްކުރުމެވެ. އެފަދަ ކަމެއް ހިގާނަމަ އެހެން މުސްލިމުންގެ މައްޗަށް އޮތީ އެދެބައިމީހުންގެ މެދުގައި ޞުލްޙަކުރުވުމެވެ. ޞުލްޙަވެރިނުވާ މީހުން ޞުލްހަވެރިކުރުމަށް ބާރުގެ ބޭނުންކުރަންޖެހިއްޖެ ޙާލަތެއްގައި އިސްލާމީ ސަރުކާރުތަކަށް އެބާރު އޮންނާނެއެވެ.
ޖިހާދަކީ މުސްލިމުންނާ އެކު ޞުލްޙަވެރިކޮށް އުޅޭ ޣައިރު މުސްލިމުންނާ ދެކޮޅަށް ކުރަން އޮންނަ ކަމެއްވެސް ނޫނެވެ. މިގޮތުން އިސްލާމީ ޤައުމުތަކާއެކު ޞުލްޙަވެރިކަން ޤާއިމުކޮށް، އެކިއެކި މުޢާހަދާތަކުގައި ސޮއިކޮށްފައިވާ އެއްވެސް ޣައިރު މުސްލިމު ޤައުމަކަށް، އިސްވެ ޙަމަލާއެއް ދިނުމަކީ ހުއްދަވާނެ ކަމެއްނޫންކަމުގައި ދަންނަބޭކަލުން ފަތުވާ ދެއްވާފައިވެއެވެ. އަލްމުމްތަޙިނާ ސޫރަތުގެ (7) ވަނަ އާޔަތުގައިވެއެވެ.”ތިޔަބައިމީހުންގެ ދީނާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށް ހިތައި، އެބައިމީހުންނަށް ޢަދުލުވެރިގޮތުގައި ކަންތައް ކުރުން ﷲ، ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. (އެބަހީ: އެބައިމީހުންނާމެދު ޢަދުލުވެރިވާށެވެ.) ހަމަކަށަވަރުން، ޢަދުލުވެރިން ދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ.
ހަމައެފަދައިން ޤާނޫނާއި ޤަވާޢިދުތަކުގެ ތަރަހައިގެ ތެރެއިން އިސްލާމީ ޤައުމަކަށް ވަދެއުޅޭ ފަތުރުވެރިންނަށާއި އެހެނިހެން ޣައިރު މުސްލިމުންނަށް ޙަމަލާ ދިނުމަކީ ވެސް ޖިހާދު ކުރުމެއްނޫނެވެ.
އިސްލާމްދީނުގައި ހަނގުރާމަކުރުން ހުއްދަކުރެވިގެންވަނީ ވަރަށް ޚާއްޞަ ޙާލަތްތަކެއްގައެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުގައި ވެސް، ޚާއްޞަ ޙާލަތްތަކެއްގައި، ވަކި އުޞޫލުތަކެއްގެ ދަށުން، ހަނގުރާމަކުރުން ހުއްދަކޮށްފައިވެއެވެ. ނަމަވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތައް އެއަށްވުރެވެސް ހަރުދަނާވެފައި މަތިވެރިވެގެންވެއެވެ. އިސްލާމްދީނުގައި ހަނގުރާމަކުރުން ޖާއިޒުކުރައްވާފައިވަނީ ޢުދުވާނީ ހަމަލާތަކާއި އަނިޔާވެރިކަމުން ދިފާޢުވެގަތުމަށެވެ. އަދި ހަނގުރާމައިގެ ތެރޭގައި ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅިން މެރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. އަދި އެހެންދީންތަކުގެ އަޅުވެރިން ޤަތުލުކުރުމާއި، ދީންތަކުގެ އަޅުކަންކުރާ ތަންތަން ހަލާކު ކުރުމާއި، ޖަނަވާރާއި ގަސްގަހާގެހި މަރައި ސުންނާފަތިކުރުމަކީވެސް އިސްލާމްދީނުގައިވާ ހަނގުރާމައިގެ އަޚުލާޤިއްޔާތުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަންކަމެވެ.
އިސްލާމްދީނުގައި ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން ތިމާގެ ދީނާއި، ޤައުމުގެ ދިފާޢުގައި ޖިހާދު ކުރުމަކީ އެފަދަ ޖިހާދެއް ކުރަންޖެހިއްޖެ ހިނދެއްގައި ދީނީ، އަދި ޤައުމީ ގޮތުން ކުރަންޖެހޭ ކަމެކެވެ. މިސާލަކަށް އަޅުގަނޑުމެންގެ ޤައުމަށް ދުޝްމަނުންގެ ބަޔަކު އަރައި ޙަމަލާދީފި ނަމަ، ޤައުމުގެ ދިފާޢުގައި ހަނގުރާމަކުރުމަށް އޮންނަ ލަޝްކަރުގެ މައްޗަށް ޤައުމުގެ ދިފާޢުގައި ހަނގުރާމަކުރުން ވާޖިބުވެގެން ވެއެވެ. އެލަޝްކަރަށް ނުކުޅެދިއްޖެ ޙާލަތެއްގައި ޤައުމުގެ ޙާކިމުގެ އަމުރަށް ހަނގުރާމައިގައި ރައްޔިތުންގެ ތެރެއިން ކުޅަދާނަކަން ލިބިގެންވާ މީހުން ބައިވެރިވުމަކީ ވެސް ވާޖިބުކަމެކެވެ. މިގޮތުން ވެސް ދިފާޢު ނުވެވިއްޖެނަމަ ޤައުމުގެ އެންމެހައި ރައްޔިތުން ޤައުމު ދިފާޢުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރުމަކީ، ވާޖިބުވެގެންވާ ކަމެކެވެ. މިއީ ބުއްދީގެ ހަމަތަކާއި ޝަރީޢަތާއި ބައިނަލްއަޤުވާމީ ޤާނޫނޫތައްވެސް ތަންދޭ ކަމެކެވެ.
އެއާ ޚިލާފަށް އިސްލާމީ އެހެން ޤައުމަކަށް ދުޝްމަނުންގެ ބަޔަކު އަރައި، ކުރާ ހަނގުރާމައެއްގައި އެޤައުމުގެ ސަރުކާރާއި ރައްޔިތުން އެމީހުންގެ ދިފާޢުގައި ހަނގުރާމަކުރަމުން ދަނިކޮށް، ދުރުގައިވާ ބައެއްގެ ފަރާތުން އެބައިމީހުން އެހީތެރިކަމަށް ނޭދޭހާ ހިނދެއްގައި ދުރުގައިވާ އެހެން އިސްލާމީ ޤައުމެއްގެ ރައްޔިތެއްގެ މައްޗަށް އެހަނގުރާމައިގައި ބައިވެރިވުމަށް ދިއުމަކީ ވާޖިބު ކަމެއްނޫނެވެ. ހަނގުރާމަ އޮތް ޤައުމުގެ ލަޝްކަރަށް، ނުވަތަ އެތަނުގެ މުސްލިމު ރައްޔިތުންނަށް އެމީހުންގެ ޤައުމު ދިފާޢުކުރުން ވާޖިބުވެގެންވެއެވެ. އެބައިމީހުން ނުކުޅެދިއްޖެނަމަ، ދެން އެކަންކުރަންޖެހޭނީ އެމީހުންގެ ކައިރީގައިވާ ބައެކެވެ. ދުރުގައިވާ މުސްލިމުންގެ މައްޗަށް އެ ހަނގުރާމައިގައި ބައިވެރިވުން ވާޖިބުވެގެން ނުވެއެވެ. މިއީ ދީނީ ގޮތުން ޝަރުޠު ހަމަވާ ޖިހާދުގައި މިކަން އޮތް ގޮތެވެ. މިޒަމާނުގައި ހަނގުރާމަތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ ވަކި ނިޒާމެއް އެބަ އޮތެވެ. އެ ނިޒާމު ރަނގަޅަށް މަސައްކަތްކުރާ ނަމަ އެކަމުގެ ތެރެއަށް ޢާއްމުން ވަންނާކަށް ނުޖެހޭނެއެވެ.
ޤައުމެއްގެ ރައްޔިތުން އެއްބަޔަކު އަނެއް ބަޔަކާ ދެމެދު ކުރާ ހަނގުރާމަތަކަކީ ފިތުނަވެރި ބަޣާވާތުގެ ޢަމަލުތަކެވެ. އެކަމުގެ ތެރެއަށް އެއްގޮތަކަށް ވެސް އެހެން ބަޔަކު ގޮސް ވަދެގެން ނުވާނެއެވެ. މަސައްކަތްކުރަންޖެހޭނީ ފިތުނަވެރި ޢަމަލު ހުއްޓުވުމަށެވެ. އެތަނެއްގައި އެފަދަ ޙާލަތަކާމެދު ގޮތެއް ނިންމާނީ އެތަނުގެ އަހުލުވެރިންނެވެ.
ޖިހާދުކަމުގައި ބުނެ ބައެއް ޤައުމުތަކުގައި ކުރެވެމުންދާ ހަނގުރާމަތަކަކީ، ޝަރުޢީ ހަނގުރާމަތަކެއްތޯ ބަލައި އެކަން މުރާޖަޢާ ކުރަންޖެހެއެވެ. އެހެނީ، އެޤައުމުތަކުގައި ކުރެވޭ ހަނގުރާމަތަކުގައި މުސްލިމުންގެ އަތްތަކުން މަރުވެގެން އެދަނީ ހަމަ މުސްލިމުންނެވެ. މުސްލިމު އަންހެނުންނާއި ކުޑަކުދީންނާއި، މުސްކުޅިންނެވެ. ހަލާކުވެ ދަނީ މުސްލިމުންގެ މިސްކިތްތަކެވެ. ވީމާ މިފަދަ ހަނގުރާތަކުގައި ބައިވެރިވެ، ނިޔަތާއި މަޤްޞަދުގެ ޙަޤީޤަތް ނޭނގޭ ލީޑަރ ޝިޕެއްގެ ފަހަތުގައި ހަނގުރާމަކުރަން ދިއުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. ޙަޤީޤަތް ނޭގޭ މިފަދަ ކަންކަމުގެ ތެރެއަށް ވަދެ، ތިމާގެ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލުމަށް ވުރެ އަމިއްލަ ޤައުމަށާއި ޢާއިލާއަށް ޚިދުމަތްކުރަން ތިބުން މާ ހެޔޮކަން ބޮޑުވެގެންވެއެވެ. މިއަދު އެކި ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާތަކުގައި ބައިވެރިވުމަށް ދިއުމަކީ އުންމަތުގެ ގިނަ ޢިލްމުވެރިން ހުއްދަކުރައްވާ ކަމެއްނޫނެވެ. އެއީ އެހަނގުރާމަތަކުގެ ޙަޤީޤީ މަޤްޞަދުތައް ފޮރުވިފައިވީތީއާއި، އޭގެ ލީޑަރުންނަކީ ކޮންބައެއްކަން ވެސް ހާމަވެފައި ނެތުމުގެ ސަބަބުންނެވެ.
ޖިހާދަކީ ހަމައެކަނި ހަތިޔާރުން ކުރާ ކަމެއްނޫނެވެ. ދީނުގެ ދިފާޢުގައި ޙައްޤު ބަސްބުނުމާއި، ދުލާއި ޤަލަމުން ވެސް ޖިހާދު ކުރެވިދާނެއެވެ. ހަމައެހެންމެ ތިމާގެ ޤައުމު ހެޔޮގޮތުގައި ބިނާކުރުމަށް މަސައްކަތްކުރަން ތިބުމީވެސް ބޮޑު ޖިހާދެކެވެ.
އެހެން ޤައުމުތަކަށް ދަތުރުކުރުމުގައި އެޤައުމުތަކުގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ވެސް ޙުރުމަތްތެރިކޮށް ހިތަން ޖެހެއެވެ. އަޅުގަނޑުމެން އެންމެންވެސް ދަންނަ ފަދައިން އެއްވެސް ޤައުމެއްގައި ޚާއްޞަ ލައިސަންސެއް އޮވެގެން މެނުވީ މަދަނީން ހަތިޔާރު ގެންގުޅުމީ ހުއްދަ ކަމެއްނޫނެވެ.
އެހެން ޤައުމެއްގެ ޤާނޫނާ ޤަވާޢިދުތައް ފަހަނައަޅައި އެޤައުމަށް ވަނުމަކީ ހުއްދަވާނޭ ކަމެއްނޫނެވެ. އަދި މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން ތިމާއާއި ތިމާގެ އަމިއްލަ ޤައުމުގެ ރައްޔިތުންނަށް ބައިނަލްއަޤުވާމީ ގޮތުން އެތައް ނުރައްކާތަކާއި ދަތިތައްކުރިމަތިވެ، ދީނީ ތަޢުލީމަށް އޮތް ފުރްޞަތުތައް ބަންދުވެ، މުޅި ޤައުމުގެ ޢާއްމު މަޞްލަޙަތު ހަލާކެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ. މިކަންކަމުގައި ﷲ އަށް ބިރުވެތިވެ، ދީނުގެ ޞައްޙަ މަޢްލޫމާތު ހޯދުމަށް އެންމެހައި ޒުވާނުންނަށާއި އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށް ގޮވާލަމެވެ. އަޅުގަނޑުމެންނަށް ބަޔަކު އަނިޔާވެރި ވިޔަސް، އަޅުގަނޑުމެން އެކަމުން ސަލާމަތްވާން މަސައްކަތްކުރަންވާނީ ދީން ހުއްދަކުރާ މިންގަނޑުގެ ތެރޭގައެވެ. އެނޫންގޮތަކަށް ކަންތައްތައް ކުރުމަކީ އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް މަނާކުރާ ކަމެކެވެ.
އަދި މި ފުރުޞަތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްލިމުންނާ ދެކޮޅަން ހިންގަމުންދާ ޖަރީމާތައް ހުއްޓުވައި ދިނުމަށާއި، ސިއްރު ޖަލުތަކުގައިވާ މުސްލިމުން ދޫކޮށްލުމަށާއި، ހިފާފައިވާ މުސްލިމުންގެ ބިންތަކުން ފޭބުމަށް އެތަންތަން ހިފައިގެންތިބި ފަރާތްތަކަށް ބާރުއަޅައިދިނުމަށް ބައިނަލްއަޤުވާމީ އިންސާފުވެރި މުއައްސަސާތަކަށް ގޮވާލަމެވެ. އެފަދަ ޢަމަލުތައް ހުއްޓުވައިގެން ނޫންގޮތަކަށް ދުނިޔެއިން ޓެރަރިޒަމާއި ހަރުކަށިކަން ފިލައިގެންނުދާނޭ ކަމީ ޔަޤީން ކަމެކެވެ.
ޒުވާނުންގެ ކިބައިން އަޅުގަނޑު އެދެނީ ޤައުމުން ބޭރުގައި ކުރެވޭ ހަނގުރާމަތަކަށް ނުދިއުމަށެވެ. އަދި ދީނީ ކަންކަމުގައި ޢިލްމުވެރިން ކުރެން ކަންކަން އޮޅުން ފިލުވުމެވެ. ތަޢުލީމު ހޯދައި ޢާއިލާއަށް އަޅާލައި ޤައުމު ބިނާކުރުމަށް މަސައްކަތްކުރުމަށެވެ.
ރިކޮމެންޑޭޝަންސް
- ދީނީ ހަރުކަށި އުޞޫލުތަކާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތްކުރުން.
- އިސްލާމީ ނަޒަރުން ހަނގުރާމަކުރުމުގެ ނަޒަރިއްޔާއަކީ ކޮބައިކަން ހާމަކޮށް ފޯރަމްތަކާއި ސެމިނާރތައް އިތުރުކުރުން.
- ކީރިތި ރަސޫލާ ކުރެއްވި ދިފާޢީ ހަނގުރާމަ ތަކުގެ ޙަޤީޤީ ތަޞައްވަރު ހާމަކޮށްދިނުން.
- ޖިހާދުކުރުމުގެ ޙަޤީޤީ މަފްހޫމް އޮޅުންފިލުވައިދިނުން.
- ހަނގުރާމަކުރެވޭ މައިދާންތަކަށް ނުދިއުމަށް ޢިލްމުވެރިން ބާރު އެޅުން.
- ޖިހާދީ ވިސްނުމުގައި ތިބި ޒުވާނުންނާ ޑައިލޮގް ހުޅުވުން.
- ހަރުކަށި ވިސްނުމާ ހަރުކަށި ގޮތެއްގައި ކުރިމަތި ނުލުން.
- ފިކުރީ ކަންކަން ޙައްލުވާނީ ފިކުރީ ގޮތުން ކަމުގައި ދުށުން.
- އިސްލާމީ މުއައްސަސާތަކުގެ ދައުރު ފުޅާކުރުން.