ހަބަރު

ރިސޯޓު ހަދަން 13،720 އެނދާއެކު 29 ރަށެއް

ރިސޯޓު ތަރައްގީ ކުރުމަށްޓަކައި، 13،720 އެނދާއެކު މުޅިން އާ 29 ރަށެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިރޭ އިއުލާނުކޮށްފި އެވެ.

"ބުރަބި" ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުގެ ދައުރު ފުރިހަމަ ވާއިރު 13،720 އެނދާއެކު މުޅިން އަލަށް 29 ރިސޯޓެއް ހަދަން ރަށްތަކެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން 18،672 ވަޒީފާ އުފެދިގެން ދާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އަލަށް ތަރައްގީ ކުރާ ރަށްތައް

 • ހއ. މާފިނޮޅު (425 އެނދު، 632 ވަޒީފާ)
 • ހއ. ދައްޕަރު (1،000 އެނދު, 2،000 ވަޒީފާ)
 • ހއ. މެދުފުށި (317 އެނދު، 249 ވަޒީފާ)
 • ހއ. އަލިދުއްފަރުފިނޮޅު (233 އެނދު, 349 ވަޒީފާ)
 • ހދ. ހޮނޑައިދޫ (500 އެނދު، 800 ވަޒީފާ)
 • ހދ. ކުޑަފަރު ފަސް ގަނޑު (233 އެނދު، 349 ވަޒީފާ)
 • ހދ. ވައިކަރަމުރައިދޫ (436 އެނދު، 600 ވަޒީފާ)
 • ށ. ނަލަންދޫ (1700 އެނދު، 2،000 ވަޒީފާ)
 • ށ. ކުޑަޅައިމެންދޫ (400 އެނދު، 600 ވަޒީފާ)
 • ށ. ފުށިފަރު (233 އެނދު، 349 ވަޒީފާ)
 • ނ. ކުންނަމަލައި (250 އެނދު، 300 ވަޒީފާ)
 • ރ. އެގިލި (200 އެނދު، 300 ވަޒީފާ)
 • ރ. އަލިފުށީ ފަޅުން 10 ހެކްޓަރު ބިން ހިއްކުމަށް ފަހު (200 އެނދު، 300 ވަޒީފާ)
 • މ. ސީދީހުރާ (200 އެނދު، 300 ވަޒީފާ)
 • މ. ބޯހުރާ (200 އެނދު، 300 ވަޒީފާ)
 • ފ. އެނބުލުފުށި (200 އެނދު، 300 ވަޒީފާ)
 • ފ. ޖިންނަތަގުއު (200 އެނދު، 300 ވަޒީފާ)
 • ތ. ކާއްޑޫ (200 އެނދު، 300 ވަޒީފާ)
 • ތ. ކަނިމީދޫ (200 އެނދު، 300 ވަޒީފާ)
 • ތ. އޮޅުފުށި (200 އެނދު، 300 ވަޒީފާ)
 • ލ. ކަށިދޫ (233 އެނދު، 349 ވަޒީފާ)
 • ލ. ދޮންބެރަހާ (233 އެނދު، 749 ވަޒީފާ)
 • ލ. ބޮޑުމުންޏަފުށީގައި (233 އެނދު، 300، ވަޒީފާ)
 • ގއ. މާރެހާ ފައި (494 އެނދު، 200 ވަޒީފާ)
 • ގއ. ފުނަދޫވިލިގިއްލާ (233 އެނދު)
 • ގދ. ކަނޑަހަލަގަލާ (215 އެނދު، 200 ވަޒީފާ)
 • ގދ. ފެރޭތަވިލިގިއްޔާ (233 އެނދު، 300 ވަޒީފާ)
 • ގދ. ކަޑެވާރެހާ (200 އެނދު، 309 ވަޒީފާ)
 • ސ. ހަންކެޑެ (207 އެނދު، 309 ވަޒީފާ)

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމަށް ރަށްތައް ދޫކުރުމުގައި އެ އަތޮޅެއްގެ ރައްޔިތުން ބޭނުންވާ ރަށްތަކަށް ހާއްސަ އިސްކަންދީގެން ކަމަށެވެ. އެހެންނަމަވެސް ކޮންމެ އަތޮޅަކުން ވެސް ރަށްތައް ކަނޑައެޅުމުގައި ތިމާވެށީގެ ގޮތުން ކުރާނެ އަސަރާއި ރާއްޖޭގެ އެހެން ސިނާއަތްތަކަށް މުހިއްމު ރަށްތައް ނުހިމަނަން އިސްކަންދީފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ރަށްތައް 2020ގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބިޑް ޕްރޮސެސް ނިންމާ މަސައްކަތް ފެށޭވަރު ކުރަން. ޓާގެޓަކީ މި ދައުރުގެ ތެރޭގައި ރަށްތައް ނިންމާ ވަޒީފާ އަށް ރައްޔިތުން ވެއްދުން،" މިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ސަރުކާރާ ހަވާލުވި އިރު ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓާކޮށްފައި ވަނީ 143 ރިސޯޓު ކަމާށާއި އެއީ 32،424 އެނދާއި، 2790 އެނދުގެ 30 ހޮޓަލާއި 10،943 އެނދުގެ 703 ގެސްޓްހައުސް ކަމަށެވެ. އަދި ޓޫރިސްޓު ވެސަލްގެ ގޮތުގައި 314 އުޅަނދާއި ދެ ޔޮޓު މެރީނާ ހުރި ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއް އަހަރު ނިންމާލިއިރު ރާއްޖޭގެ އިތުރު 4968 އެނދާއެކު 21 މުޅިން އާ ރިސޯޓު ހުޅުވާފައިވާ ކަމަށާއި 72 އެނދާއެކު އެއް ހޮޓަލާއި 1544 އެނދާއެކު 101 ގެސްޓްހައުސް ރަޖިސްޓާކޮށްދީފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭގެ އިތުރުން ފަސް ޓޫރިސްޓު ވެސަލް އާއި އެއް ޔޮޓު މެރީނާ ގާއިމްކޮށްފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާ ރަށްތަކެއް އިއުލާނު ކުރިއިރު މިހާރު ވެސް ރާއްޖޭގައި ރިސޯޓު ހެދުމުގެ 140 މަޝްރޫއެއް ކުރިއަށްދެ އެވެ. މީގެތެއިން 70 ތަނެއް ނުހެދި އެބައޮތެވެ. އަދި ރާއްޖޭގައި ޖުމްލަ 150 ރިސޯޓު ހިންގަމުންދެ އެވެ.