ދެ މަސް ދުވަހަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ޖަލަށް އެނބުރި ގެންދިޔުމުން މިހާރު މަންޒަރު މި ފެންނަނީ، ސްޓްރެސް ފްރީކޮށް އޮތް ރާއްޖެ އަނެއްކާ ވެސް ހަލަބޮލިކަމެއްގެ ތެރެއަށް ގެންދާތަނެވެ. އެ ޕާޓީގެ ރައީސް، ނަޝީދުގެ ޑިފެންސަށް ކުޅެން އެމްޑީޕީ އިން އަނެއްކާ ވެސް ނިކުންނަން މި ދިމާކޮށްލީ މަގުމައްޗަށެވެ. އެމްޑީޕީ އަކީ އެ ޕާޓީއަށް ދިމާވާ ގިނަ ކަންކަން މަގުމަތި ހަލަބޮލިކޮށްލައިގެން ކޮޅެއްގައި ޖެއްސުމުގެ ސަގާފަތެއް ގެންގުޅޭ ބައެކެވެ. މައުމޫންގެ ބައި ގަރުނެއްވީ ބާރުގަދަ ވެރިކަން ސައިޒްކޮށްލި މަގުމަތީ ހަރަކާތުން ހިތްވަރު ލިބިގަނެ އެމްޑީޕީ އިން އެކަން އަންނަނީ ތަކުރާރު ވެސް ކުރަމުންނެވެ.
އެކަމަކު ހާލަތު ބަދަލު ވެސް ވެއްޖެ އެވެ. ނަމަވެސް އެމްޑީޕީ އިން މި ވަނީ ސަރުކާރާ އެކު ކުރާ މަޝްވަރާތައް ނިމުމަކަށް ގެނެސް، ކަނޑިއުރައިން ދަމައިގަނެ، ހަނގުރާމަ އިއުލާންކޮށްފަ އެވެ. މިހާރު އެމްޑީޕީގެ ކުރިމަތީގައި އޮތް ސުވާލަކީ މި ގަދަބަދަވި ސަރުކާރާ ވިއްދާލައިގެން ކާމިޔާބު ހޯދިދާނެ ހެއްޔެވެ؟
މީގެ ދުވަސްކޮޅެއް ފަހަތަށް ޖެހިލާއިރު އެމްޑީޕީ އަކީ އެންމެ ބައިބޯ ޕާޓީއެވެ. އެ މީހުން ކުރަން ހިފައިފި ކަމެއް، ގަދަކަން ދައްކައިގެން ކޮންމެވެސް ކޮޅެއްގައި ޖައްސަ އެވެ. އެކަމަކު އެމްޑީޕީގެ މައި ސިކުނޑި ޖަލުގައި ބަންދުވުމުން ދުވަހެއް ދުވަހަކަށް ޕާޓީ އައީ ބަލިކަށިވަމުންނެވެ. ސަރުކާރާ އެކު އެމްޑީޕީ އިން މަޝްވަރާއަށް ގޮސް، ގިނަ ކަންކަން ސަރުކާރު ރުއްސަން ކުރީ ކޮންމެހެން އިހުލާސްތެރި ކަމަކަށް ވުރެ، ސިޔާސީ ގޮތުން އެ ނޫން ގޮތެއް ނެތިގެން ކަމަށް ވެދާނެ އެވެ. އެމްޑީޕީ އިން މަޝްވަރާއަށް ދިޔަ ދިޔުން ސިފަކުރައްވަމުން އެ ޕާޓީގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވަނީ؛ "ހިތްނުރުހޭ ގިނަ ކަންތައްތަކެއް ކުރަން މި ޖެހެނީ، މި ޕާޓީގެ އެތައް މެންބަރެއްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުން އެ މީހުން ސަލާމަތްކޮށް، ޑިމޮކްރަސީގެ މަސައްކަތަށް ޕާޓީ އިން ކުރާ ކުޑަ އުންމީދު ނަގައިނުލުމަށް،" ކަމަށެވެ.
މާރިޔާގެ އެ ވާހަކަތަކުން ވެސް އެމްޑީޕީ އިން އެގޮތަށް ކަންކުރީ އެގޮތް މަޖުބޫރު ވެގެން ކަމަށް ގަބޫލު ކުރެވެ އެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތަށް ވުރެ، ބޮޑަށް އެމްޑީޕީ އަށް މިހާރު މަޖުބޫރު ވަނީ ނަޝީދުގެ ދިފާއު ކުރުމަށް ކުޅެން ޖެހޭ ސިޔާސީ ބޯޅަ ކުޅުމުގެ މަސައްކަތެވެ. އެއީ ހަމައެކަނި ޑިފެންސް ކުރުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީ ގަބޫލު ކުރަން ބޭނުން ނުވިޔަސް އެ ޕާޓީއަށް ވަނީ ހީނަރުކަން އައިސްފަ އެވެ. މީގެ ކުރިން މީހުންތަކުން ގޮސް ފުރިބާރުވާ، އެ ޕާޓީގެ ހަރުގޭގެ ޖަލްސާގައި 100 ވަރަކަށް މީހުން ވެސް މިހާރު ނެތުމުން އެ ދޭހަކޮށްދެނީ އެ ޕާޓީގެ ނިކަމެތިކަން ނޫން ދެން ކޮންކަމެއް ހެއްޔެވެ؟
"ވަކި ދެންވެސް މަގުމައްޗަށް ނުކުމެގެން ކުރެވޭނެ ކަމެއް ނެތް. އެމްޑީޕީ އެކަނިމައި އެކަނި ނުކުތުމުގެ ބަދަލުގައި، އެތައް ޕާޓީއެއް އެކުވެގެން ނިކުމެވެސް އެމްޑީޕީއަށް ނަތީޖާއެއް ހާސިލެއް ނުުކުރެވުނު. އޭގެ ބަދަލުގައި އިތުރަށް ބަލިކަށިވެގެން ދިޔައީ. އެގޮތަށް މަގުމައްޗަށް ނުކުމެގެން ނަތީޖާ ބަދަލު ކުރެވޭ ވަރަށް ވުރެ އޮޕޮޒިޝަން ބަލިކަށި،" އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމާ ގުޅިގެން މަޖިލީހުގެ މެންބަރެއްގެ ހިޔާލު ހުރީ މިހެންނެވެ.
މަޝްވަރާތަކުގެ ކުރީގެ މާޒީއަށް ދާއިރު، ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައިސް އެމަނިކުފާނު ހުރަގޭގައި ބަންދުވެ، އެކުގައި އުޅުނު އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަދި ބައިއަތު ހިފަން ނިކުތް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ގޮޅިއެއްގެ ތެރެއަށް ފެތިގެން ދިޔައިރު، އެންމެ ގަދަޔަށް ޖައްސަމުން އައި މަގުމަތީ ހަރަކާތްތަކުން ވެސް ވަކި ނަތީޖާއެއް ނުނެރެވުނެވެ. ހުރިހާ ލީޑަރުން ކަހަލަ ގޮތަކަށް ހައްޔަރުވެ، އިދިކޮޅު ފަރާތްތައް ބަލިކަށވެފައި އޮތް އިރު އެމްޑީޕީ އަށް މަގުމައްޗަށް ނުކުމެ ހާސިލް ކުރެވޭނެ ނަތީޖާއެއް އޮތް ކަމަކަށް ނުފެނެ އެވެ. އެއަށް ވުރެ ސަރުކާރު މީގެ ކުރިން ވެސް ފެނުނީ ބޯ ހަރުކޮށެވެ. ސަރުކާރުގެ ސިޔާސީ ބާރާއި ނުފޫޒު ގަދަކަމުން އެމްޑީޕީ އިން ވަކި ޖައްސާ މަގުމަތީ ހަރަކާތާ އެކު ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވާނެ ހެނެއް ހިއެއް ނުވެ އެވެ. އެހެން ނަމަ، އެއޮތް މީހުން ގިނަ މޭޑޭ މުޒާހަރާ އާއި އޭގެ ފަހުން ވިއްދަ ވިއްދައިގެން ޖެއްސި ރެލީތަކުން އޮންނާނީ މި ސަރުކާރުން މައިތިރި ކުރެވިފަ އެވެ.
އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މަޝްވަރާތަކުން ނިކުމެ އެ ޕާޓީ އަށް ދެން ބޭނުން ވަނީ އާ ހިޔާލުތަކެކެވެ. އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޕާޓީގެ މުސްތަގުބަލު ރޭވުމަށް ޕާޓީގެ ހުރިހާ ގުނަވަނަކުން ގޮތްތަކެއް ކަނޑައަޅަން ޖެހޭ ކަމަށް އިބޫ ރޭ ފާހާގަ ކުރެއްވި އެވެ. އިބޫ ވިދާޅުވާ ގޮތުގައި އެންމެންގެ ހިޔާލާ އެކު، އާ ހިޔާލުތަކަށް ޖާގަ ދީގެން ނޫނީ ޕާޓީ ދެން ކުރިއަށް ގެންދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ސިޔާސީ ޕާޓީއަކުން ނުވާވަރުގެ ގުރުބާނީ އެމްޑީޕީ އިން މިހާރު ވެސް މި އޮތީވެފަ އެވެ. އދިކޮޅު ސޔާސީ ޕާޓީއެއްގެ ރޯލަށް ވުރެ ބޮޑަށް، އެމްޑީޕީ އިން އުޅެން ޖެހިފައި މި އޮތީ ވަކި ސިޔާސީ ސަހުސެއްގެ ފަހަތުގަ އެވެ. ނަތީޖާއެއްގެ ގޮތުން އެ ޕާޓީ އިން ގަބޫލު ކުރަމުން އައި އެތައް ކަމެއް ވަނީ ގުރުބާން ކޮށްފަ އެވެ. އެމްޑީޕީ އަށް އުޅެން ޖެހިފައި މި އޮތީ ނަޝީދުގެ މައްސަލަގަނޑުގެ ތެރޭގަ އެވެ. އިބޫ އެ ފާހަގަ ކުރެއްވި މައިގަނޑު ނުގުތާއަކީ އެ މައްސަލަ ގަނޑުން ސަލާމަތްވާނެ އާ މަގުތަކެއް ހޯދުމެވެ. މަގުމަތީ ހަރަކާތްތައް ވެސް ހިންގުނެވެ. މަޝްވަރާ ވެސް ކުރެވުނެވެ. އޭގެން އެއްވެސް ފޯމިއުލާއެއް މަސައްކަތެއް ނުކުރި އެވެ. އެމްޑީޕީ މައްސަލަތަކަކުން ނުކުމެ، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކުރިއަކަށް ނުދެވުނެވެ. ދެން އެހެން ވީމާ އިބޫ އެ ވިދާޅުވާ އާ ހިޔާލަކަށް އެމްޑީޕީ ނެރެންވީ ކޮން ހިޔާލެއް ހެއްޔެވެ؟
ނަޝީދަށް ޓަކައި އެމްޑީޕީ އިން ވާން ޖެހުުނު ބޮޑެތި ގުރުބާނީ ތަކުގެ ސަބަބުން ޕާޓީގެ ހަގީގީ ލީޑަޝިޕްގެ ބާރު ވަނީ ކެނޑިފަ އެވެ. ޕާޓީގެ ޗެއާޕާސަން ހުންނެވީ ރާއްޖެ ދޫކުރައްވާ ވަޑައިގެން މެންބަރުންނާ މާ ދުރުގަ އެވެ. ޗެއާ އަލީ ވަހީދަކީ ހަމައެކަނި ފޮޓޯފުޅެއް ފަދަ ބޭފުޅެކެވެ. ޓްވީޓަކުން ހިޔާލެއް ފާޅުކޮށްލުން ނޫންކަމެއް އެ ޕާޓީގައި އެބޭފުޅާޔަށް އޮތްހެން ހިޔެއް ނުވެ އެވެ. މިވީ ދުވަސްތަކުގައި ވެސް ޕާޓީ ހިނގަމުން މި އައީ ހަމައެކަނި ނަޝީދުގެ ޑައިރެކްޝަނަށް ކަމަށް ފެނެ އެވެ. މިއީ އަދި ޒިންމާދާރު ޕާޓީއެއް ހިންގޭނެ ގޮތެއް ހެއްޔެވެ؟ ލީޑަޝިޕަކީ ހަމަ އެންމެ މީހެއްގެ ގޮތުގައި ބަލައިގެން ސިޔާސީ ގޮތުން ޕާޓީއަކަށް ހޯދޭނެ ވަކި ވަރުގަދަ ކަމެއް އެބަ އޮތް ހެއްޔެވެ؟
އެހެން ވީމާ ޕާޓީ މި ވަނީ އާލީޑަރަކަށް ބޭނުންވެފަ އެވެ. އާ ހިތްވަރު ގަދަ ލީޑަޝިޕެއްގެ ތެރެއިން ނޫނީ އެ ހިޔާލުތަކެއް ދެން އުފެއްދިދާނެ ކަމަކަށް ނުފެނެ އެވެ. ތާ އަބަދު ނަޝީދުގެ ފަހަތުން ވަކި ދުވަގެނެއް އެމްޑީޕީއަށް ހާސިލް ކުރެވޭނެ ނަތީޖާއެއް އޮތް ކަމަކަށް ނުފެނެ އެވެ. މަގުމައްޗަށް އަލުން ނުކުމެ ގެނަކުން ހާސިލް ކުރެވޭނެ މާ މޮޅު ނަތީޖާއެއް އޮތެކޭ ހިތެއް ނުބުނެ އެވެ. އެއީ އެ ޕާޓީގައި އެވަރުގެ ބާރުވެރިކަމެއް އޮތް ކަމަކަށް ނުދައްކަ އެވެ. އިބޫ އެ ވިދާޅުވާ އެމްޑީޕީ ކުރިއަށް ދިޔުމުގެ އާ ހިޔާލަކީ އާ ލީޑަޝިޕަކަށް ފުރުސަތު ދިނުން ކަމަށް ގަބޫލު ކުރެވެ އެވެ.