ހަބަރު

މަޑުއްވަރީ އޮޕަރޭޝަން: އިސްކަން ދެނީ ކުޑަ ކުދިންނާއި އަންހެނުންގެ ހައްގަށް!

Dec 18, 2019
5

ރ. މަޑުއްވަރީ ގެތަކަށް ފުލުހުން ވަދެ ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް ހިންގަނީ ހަރުކަށި ފިކުރުގެ މީހުންނާއެކު އުޅޭ އަންހެނުންނާއި ކުޑަކުދިންގެ ހައްގުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން މަޑުއްވަރީގައި މިހާރު ކުރިޔަށް ގެންދާ ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ. އެގޮތުން އަންހެނުނާއި ކުޑަކުދިން މުޖުތަމައުއިން ވަކިކޮށް ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން މިއަދު އޮޕަރޭޝަންގެ ބޭނުމަކީ އެ ކަންކަން ހިނގަމުންދާ ކަމަށް ފާހަގަ ކުރެވޭ ގެތައް ބަލާ ފާސްކޮށް އެފަދަ އަމަލުތައް ހިންގުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދައި ދެނެގަނެ އަންހެނުންނާއި ކުޑަކުދިން ހާލަތު ބަލައި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުން ކަމަށް ފުލުހުން ބުންނެވެ.

އޭގެ އިތުރުން ހަރުކަށި ފިކުރުގެ އަމަލުތައް ހިންގާ ފަރާތްތަކުން ގަބޫލު ކުރާ ކުރުމުގެ މައްޗަށް ބިނާކޮށް ހައްގަކާ ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ތަފާތު ޖިނާއީ ކުށްތައް ކުރަމުންދާ ކަމަށާއި ޓެރަރިޒަމް އާއި ހައްދުފަހަނަ އަޅާފައިވާ އަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މި އޮޕަރޭޝަންގެ ތެރޭގައި އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.