ވިޔަފާރި

އެމްއޭސީއެލްއިން ހިންގާ ގޮތަށް ސީޕްލޭން ޓާމިނަލް ހުޅުވަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ ސީޕްލޭން ޓާމިނަލް އަންނަ އަހަރުގެ މެއި މަހު ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

މައި އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ވަނީ އެއާޕޯޓު މަޝްރޫއުގެ ކުރިއަށްދާ ގޮތް ދައްކާލާފަ އެވެ. އެއާޕޯޓުގައި ތަރައްގީ ކުރަމުން ގެންދާ ސީޕްލޭން ޓާމިނަލް މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފަ އެވެ. މިހާރު ކުރަމުން ދަނީ ފިނިޝިންގެ ގޮތުގައި އިމާރާތުގެ އެތެރޭގައި ކުރަން ޖެހޭ ބައެއް މަސައްކަތް ތަކެވެ.

ވީއައިއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު މި ޓާމިނަލް އިން ރާއްޖޭގެ ހަތަރު ސީޕްލޭން ކުންފުންޏަށްވެސް ޖާގަ ލިބޭނެ ކަމަށާ، މިހާރު މަސައްކަތްދާ ގޮތަށް ދާނަމަ މެއި މަހު ހުޅުވޭ ވަރުވާނެ ކަމަށެވެ.

"މި [ސީޕްލޭން ޓާމިނަލް] ތަނުގައި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު މި ހަދަނީ. މިތަނުގެ ޖެޓީއަކީ ވެސް 50 އަހަރުގެ ގެރެންޓީ ދީފައިވާ ތަނެއް. އާއްމު ޖެޓީތަކާ މި ޖެޓީ ވަރަށް ތަފާތު ވާނެ. އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ މަސައްކަތް ކުރަމުން މި ދަނީ އަންނަ އަހަރުގެ މެއި މަހު ހިދުމަތް ފެށޭ ވާނެ ކަމަށް،" ސޯލިހު ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލް ހިންގާނީ އެމްއޭސީއެލް އިން

ސީޕްލޭން ޓާމިނަލް ހިންގަން، އެހެން ކުންފުންޏަކަށް ހަވާލު ކުރަން އުޅޭ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ. ނަމަވެސް އެ ކުންފުނިން މިއަދު ވެސް ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެކްޓިން އެމްޑީ ސޯލިހު ވިދާޅުވީ ސީޕްލޭން ޓާމިނަލް ހިންގާނީ އެ ކުންފުނިން ކަމަށެވެ.

"އެކަމަކު ފައްޓާ ގޮތަށް އަޅުގަނޑުމެންނަށް ހަވާލު ވެވޭކަށް ނެތް. ކޮންޓްރެކްޓެއް ހިނގާ ގޮތަށް އެބަ ހިނގާ. އަނެއްކާ މިއީ ސީޒަންގެ މެދުތެރެ. އަނެއްކާވެސް އަންނާނީ ސީޒަނެއް. އެހެންވެ، ވީހާ ވެސް ސްމޫތުކޮށް، މި ބަދަލު ގެންނަން މި މަސައްކަތް ކުރަނީ. ރާއްޖޭގެ ސީޕްލޭންގެ 70 ޕަސެންޓް މި އޮޕަރޭޓް ކުރަނީ ޓީއެމްއޭއިން. އެހެންވީމި މި ތަނަށް ހިދުމަތް ބަދަލު ކުރަންވާނީ އެ ފަރާތަށްވެސް ހުއްޓުމެއް ނާންނާނެ ގޮތަށް،" ސޯލިހު ވިދާޅުވި އެވެ.

އަންނަ އަހަރު ޖާގަ ދޫކުރަން ފަށާނެ

އާ ޓާމިނަލް ހަދަމުން ދަނީ އެއް ފަހަރާ 55 ސީޕްލޭން އަށް ހިދުމަތް ދެވޭ ގޮތަށެވެ. އަދި މިތަން ހަދާފައިވަނީ މި އަދަދު 100 އަށް އިތުރު ކުރެވޭނެ ގޮތް ބަލައިގެންނެވެ.

އެކްޓިން އެމްޑީ ސޯލިހު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ކުންފުނި ތަކަށް ޖާގަ ދޫކުރަން ފަށާނެ ކަމަށާ، އަދި ނަމަވެސް ކުންފުނިތައް ބަދަލުވެ ހަމައަކަށް އެޅެން ފަސް މަސް ވަރުވާނެ ކަމަށެވެ.

"އެމްއޭސީއެލް އިން މިތަން ހަދަން ބޭނުންވީ އިތުރު ބައެއްގެ ތަނަކަށް ނުހަދަން. ކުރިން މިތަން [ސީޕްލޭން] މި އޮންނަނި އެކި މީހުންނަށް. ކުރިން މިއީ އޮޕަރޭޓަރުންގެ ތަންތަން،" ސޯލިހު ވިދާޅުވި އެވެ.

އަމިއްލަ އަށް ހިންގީމަ ފައިދާ މާބޮޑު

ސީޕްލޭން ޓާމިނަލް މަޝްރޫއުގެ އޮޑިޓެއްވެސް އޮޑިޓަ ޖެނެރަލް އޮފީހުން ވަނީ ކޮށްފަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި މި އޮޑިޓުން ދައްކާފައިވަނީ އެމްއޭސީއެލް އިން މިތަން ހިންގައިފިނަމަ ބޮޑު ތަނުން ފައިދާ ބޮޑު ވެގެންދާނެ ކަމެވެ.

އެކްޓިން އެމްޑީ ސޯލިހު ވިދާޅުވީ ކުރިން މީގެ ފައިދާ ނޭނގުނުނަމަވެސް އަމިއްލަ އަށް ހިންގުމުން ފައިދާ މާބޮޑުކަން މިހާރު އެނގިފައިވާ ކަމަށެވެ.

"މިތަން ހިންގީމަ 300 ނޫނީ 400 ޓައިމްސް ރެވެނިއު އިތުރު ވެގެންދާނެ. އެކަމަކު އެއަކީ މިތަނަށް ކުރި ހަރަދު ޓަސްލާފަ ދެކޮޅު ޖެހުމެއްވެސް ނޫން. ހަރަދުގެ އަންދާޒާތައް ހުންނާނީ އެންމެ ކުޑަކޮށް ދިޔަނަމަވެސް ކަވަރު ވާނެ ގޮތަށް. ފީޒިބިލިޓީ އިން ދައްކަނީ އަށެއް ނޫނީ ނުވަ އަހަރު ކަވަރުވާނެ ކަމަށް. އެކަމަކު މިހާރުގެ ގްރޯތަށް ބަލާފަ އެނގޭ އެއަށް ވުރެ އަވަހަށް ރިކަވާ ވާނެކަން،" ސޯލިހު ވިދާޅުވި އެވެ.

މިތަން ހިންގީމަ 300 ނޫނީ 400 ޓައިމްސް ރެވެނިއު އިތުރު ވެގެންދާނެ. އެކަމަކު އެއަކީ މިތަނަށް ކުރި ހަރަދު ޓަސްލާފަ ދެކޮޅު ޖެހުމެއްވެސް ނޫން. ހަރަދުގެ އަންދާޒާތައް ހުންނާނީ އެންމެ ކުޑަކޮށް ދިޔަނަމަވެސް ކަވަރު ވާނެ ގޮތަށް. ފީޒިބިލިޓީ އިން ދައްކަނީ އަށެއް ނޫނީ ނުވަ އަހަރު ކަވަރުވާނެ ކަމަށް. އެކަމަކު މިހާރުގެ ގްރޯތައް ބަލާފަ އެނގޭ އެއަށް ވުރެ އަވަހަށް ރިކަވާ ވާނެކަން
މޫސާ ސޯލިހު | އެމްއޭސީއެލްގެ އެކްޓިން އެމްޑީ

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29، ޖެނުއަރީ 2018 ގަ އެވެ. މިތަން ހަދާފައިވަނީ ހުޅުލެ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެންނެވެ. މިއީ ޖުމްލަ 40 މިލިއަން ޑޮލަރު (ގާތްގަނޑަަކަށް 616 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މި ތަން ހަދާފައިވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގަ އެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.

ބިލިއަން ޑޮލަރު ވީއައިއޭ މަޝްރޫއު

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކޮށްފައިވަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އާ ޕެސެންޖަރު ޓާމިނަލް ނިމި 2022 ގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.