ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ ބޮޑުން ހޯދުމަށް އެ ރަށުގައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ސިފައިންނާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މިއަދު އެންމެ ފުރަތަމަ ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. ފުލުހުން މިރޭ ބުނި ގޮތުގައި މަޑުއްވަރީގައި ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން ފަހުން އުމުރުން 34 އަހަރުގެ ފިރިހެނެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
މަޑުއްވަރީގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.
އެގޮތުން ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން މިއަދު އެ ރަށުގައި ކުރިއަށްދާ އޮޕަރޭޝަންގައި ފުލުހުން ގެންދަނީ އެ ކަންކަން ހިނގަމުންދާ ކަމަށް ފާހަގަ ކުރެވޭ ގެތަކަށް ވަދެ އެ ތަންތަން ބަލައި ފާސްކުރަމުންނެވެ. ދާދި ފަހުން ފާސްކުރި ޓެރަރިޒަމްގެ އާ ގާނޫނުގެ ދަށުން ކޯޓު އަމުރެއް ނެތި ވެސް ޓެރަރިޒަމްގެ ތުހުމަތުގައި ގެތައް ބަލައި ފާސްކުރުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބެ އެވެ.
ހަރުކަށި ފިކުރުގެ އަމަލުތައް ހިންގާ ފަރާތްތަކުން ގަބޫލު ކުރާ ކުރުމުގެ މައްޗަށް ބިނާކޮށް ހައްގަކާ ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ތަފާތު ޖިނާއީ ކުށްތައް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވެ އެވެ. އެހެންވެ އެ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މި އޮޕަރޭޝަންގެ ތެރޭގައި އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.