ޓެރަރިޒަމް

މަޑުއްވަރީ އޮޕަރޭޝަނަށް އެންސީޓީސީގެ ތައުރީފް!

ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ ބޮޑުން ހޯދުމަށް އެ ރަށުގައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަނުން ހާމަވެގެންދަނީ ހަރުކަށި ފިކުރުގެ ނުރައްކަލުން ގައުމު ސަލާމަތްކުރުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ކަމަށް ނެޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުނެފި އެވެ.

ސިފައިންނާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ވަރުގަދަ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ތިން މީހަކު އެ ރަށުން ވަނީ ހައްޔަރުކޮށްފައެވެ. އެންމެ ފުރަތަމަ ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން 34 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ރޭ ދިހައެއް ޖަހަން އުޅެނިކޮށް 29 އަހަރުގެ ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެންސީޓީސީ ބުނީ ހަރުކަށި ފިކުރުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ބޭނުންވާތާ އެތައް ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި މިފަދަ އޮޕަރޭޝަނެއް މުއައްސަސާތަކުން ކުރިއަށްގެންދާތީ އެކަމަށް ތައުރީފުކޮށް، މި މަސައްކަތުން ހަރުކަށި ފިކުރުގެ ނުރައްކަލުން ގައުމު ސަލާމަތްކުރުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަވެެގެންދާ ކަމަށް ވަނީ ބުނެފައެވެ.

މަޑުއްވަރީގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.

އެގޮތުން ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް ބުންޏެވެ.

އެހެންކަމުން އެ ރަށުގައި ކުރިއަށްދާ އޮޕަރޭޝަންގައި ފުލުހުން ގެންދަނީ އެ ކަންކަން ހިނގަމުންދާ ކަމަށް ފާހަގަ ކުރެވޭ ގެތަކަށް ވަދެ އެ ތަންތަން ބަލައި ފާސްކުރަމުންނެވެ. އިއްޔެ ހެނދުނު ފެށި އެ އޮޕަރޭޝަން މިހާތަނަށް އައިއިރު ވެސް ފުލުހުން ހުއްޓާލި ކަމަކަށް އަދި ނުބުނެއެވެ.

ދާދި ފަހުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުގައި، މީހުންގެ ފުރާނަ ދުއްވާލަން ތައްޔާރަށް ތިބޭ ހިސާބަށް ދީނީ ގޮތުން ހަރުކަށިވެފައި ތިބި ގާތްގަނޑަކަށް 1400 ދިވެހިން ރާއްޖޭގައި އުޅެމުންދެއެވެ.