ވިޔަފާރި

ފަޔާ ފައިޓިން ސްޓޭޝަން ހަދަނީ ކަނޑުގައި: މާޗް މަހު ނިމޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފިއުލްފާމުގެ "ފަޔާ ފައިޓިން ސްޓޭޝަން" އަންނަ އަހަރުގެ މާޗް މަހު ނިމޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ކުރިއަށްދާ ގޮތް ދައްކާލަން، އިއްޔެ ބޭއްވި އެއާޕޯޓް ޓުއާގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ކޯޕަރޭޓްސްގެ ޑެޕިއުޓީ ޗީފް އޮފިސަރު މުހައްމަދު ނިޔާޒު ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ދާނަމަ އަލިފާން ނިއްވާ ވާސީލަތް ގާއިމް ކުރަން ހަދާ، ފަޔަ ފައިޓިން ސްޓޭޝަން މާޗް މަހު ނިމޭނެ ކަމަށެވެ.

"މިތަން ހަދަމުން ދަނީ ދުނިޔޭގައި ވެސް މިފަދަ ތަންތަން ހުންނާނެ އެންމެ މަތީ ސްޓޭންޑަޑަށް ފައްތައިގެން. މިތަނުގެ މަސައްކަތްވެސް ޝެޑިއުލްކޮށްފައިވާ ގޮތަށް ކުރިއަށް އެބަދޭ،" ނިޔާޒު ވިދާޅުވި އެވެ.

ފެން ނަގާނީ 11 މީޓަރު އަޑިން!

ފަޔާ ފައިޓިން ސްޓޭޝަން ހަދަމުން ދަނީ ފިއުލްފާމްއާ ދިމާ ކަނޑުގަ އެވެ. ގާތްގަނޑަކަށް 30 މީޓަރު އަޑިއަށް ވަރުގަދަ ދަގަނޑު ހޮޅިތައް ޖެހުމަށްފަހު، ވަރުގަދަ އަށް ކޮންކްރީޓް ކޮށްގެންނެވެ.

ނިޔާޒު ވިދާޅުވީ މި ސްޓޭޝަންގައި އަލިފާން ނިއްވަން ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ހުންނައިރު، އެ ސްޓޭޝަނަށް ބޭނުންވާ ލޮނު ނަގާނީ ކަނޑުގެ 11 މީޓަރު އަޑިން ކަމަށެވެ.

"މި ޓޭންކްތަކުގައި ހުންނާނީ ޖެޓް ފިއުލް. އެހެންވެ، މި އަށް ބޭނުންވާ އެކަށީގެންވާ ވަރަށް ޓެމްޕަރޭޗާ ލިބެނީ 11 މީޓަރު އަޑިން ފެންނެގީމަ. މަތިން ފެން ނެގީމަ އެކަށީގެންވާ ޓެމްޕަރޭޗާއެއް ނުލިބެ. އެހެންވެ، މިތަނުގެ ޕަމްޕު ސްޓޭޝަން ހުންނާނީ އެ ސްޓޭޑަޑަށް ބަހައްޓާފަ،" ނިޔާޒު ވިދާޅުވި އެވެ.

ޖެޓީ؛ އެންމެ ބިޔަ ބޯޓު ފަހަރު ކައިރިކުރެވޭނެ

ފިއުލް ފާމުގައި މިހާރު އެންމެ ހަލުވިކޮށް ކުރިއަށްދާ އަނެއް މަސައްކަތަކީ ތެޔޮ ހިފައިގެން އަންނަ ބޮޑެތި ބޯޓު ފަހަރު ކައިރި ކުރެވޭނެ ބަނދަރު ނުވަތަ ފިއުލް ޖެޓީގެ މަސައްކަތެވެ. ފިއުލް ޖެޓީ ހަދަނީ 45،000 މެޓްރިކް ޓަނުގެ ބިޔަ ބޯޓަރު ފަހަރު ކައިރި ކޮށްލެވޭ ގޮތަށެވެ. މިތަނަށް ބޯޓު ފަހަރު ކައިރިކޮށްލުމަށްފަހު ތެޔޮ ހުސްކޮށްލާނީ ކައިރީގައި ހުރި ބޮޑު ތިން ތާނގީ އަށެވެ.

ތެޔޮ ރައްކާ ކުރުމުގެ ގާބިލްކަން އިތުރުވާނެ

މި މަޝްރޫއުގެ ދަށުން ހަދާ ފިއުލް ފާމްގެ ފުރަތަމަ ބައިގައި ތިން ތާނގީ ހުރެ އެވެ. މި ތާނގީތަކުގެ މަސައްކަތް ވަނީ ނިމިފަ އެވެ. މިތަން ފަރުމާކޮށްފައިވަނީ ތެޔޮ ތާނގީތައް އިތުރު ވެސް ކުރެވޭ ގޮތަށެވެ. މި ފާމްގައި ބަނދެ ބަހައްޓާ ކޮންމެ ތާނގީއެއްގައި 15،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ. މިހާރު މުޅި އެއާޕޯޓަށް ލިބެނީ ވެސް 15،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރުމުގެ ގާބިލް ކަމެވެ. މި ތާނގީތަކުގެ އުސް މިނުގައި 44 ފޫޓު ހުރެ އެވެ. އަދި އެތެރޭގެ ވަށަމިނުގައި 121.391 ފޫޓު ހުރެ އެވެ. މި ތާނގީތައް ނިމުމުން މުޅި އެއާޕޯޓުގައި ތެޔޮ ރައްކާ ކުރުމުގެ ގާބިލްކަން 45،000 މެޓްރިކް ޓަނަށް އިތުރު ވެގެންދާނެ އެވެ.

ތެޔޮ ލޮރީ ބޭނުން ކުރުން ހުއްޓޭނެ

މި މަޝްރޫއުގެ ދަށުން މަތިންދާ ބޯޓަށް ތެޔޮ ފޯރުކޮށްދިނުމަށްޓަކައި އެއާޕޯޓުގެ ބިމު އަޑީގައި 8.4 ކިލޯ މީޓަރުގެ "ފިއުލް ހައިޑްރެންޓް" ހޮޅި އަޅާފައިވެ އެވެ. މި ސިސްޓަމުން ހިދުމަތް ފެށުމުން ތެޔޮ ލޮރީގައި ބޯޓަށް ތެޔޮ އެޅުން ނިމިގެންދާނެ އެވެ.

ޗައިނާ، ބީޔޫސީޖީގެ ވަރުގަދަ މަސައްކަތެއް

މި މަސައްކަތް ކުރަނީ ވީއައިއޭގެ ގިނަ މަސައްކަތް ތަކެއް ކުރާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. މިއީ 373 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.