ހަބަރު

ކޮތަޅު ކޯޓުލައިގެން ބުރިޖަށް ނާރަން އިލްތިމާސްކޮށްފި

Dec 19, 2019

މިހާރު މާލެއަށް ކުރަމުންދާ ވިއްސާރާގައި، ކޮތަޅު ކޯޓު ލައިގެން ސިނަމާލޭ ބުރިޖާ ގުޅޭ ހައިވޭގައި ނުދުއްވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރާގައި ކޮތަޅު ކޯޓުލައިގެން ހައިވޭ މަތިން ދުއްވުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.

"ސަބަބަކީ ވަޔާއެކު އެފަދަ ރެއިން ކޯޓުތައް ވީދީގެން ގޮސް ކައިރިން އަންނަ ވެހިކަލްތަކުގައި އެޅި އެކްސިޑެންޓްވުމަށް މަގުފަހިވާތީ،" ފުލުހުން މިއަދު ކުރި އިލްތިމާސްގައި ބުނެފައިވެ އެވެ.

މާލެ ހިމެނޭގޮތަށް މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވުމުގެ ސަބަބުން، އެ ސަރަހައްދުތަކަށް މޫސުމާބެހޭ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

މިއަދު މެންދުރާ ހަމައަށް ނެރެފައިވާ އެލާޓުގައި ބުނެފައިވަނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

ރެއިން ފެށިގެން ހުއްޓުމެއް ނެތި މާލެއަށް ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ތިން ހާދިސާއެއް ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.