ހަބަރު

ބްރިޖު މަތީ ނުރައްކާތެރި އެކްސިޑެންޓެއް

ސިނަމާލެ ބްރިޖު މަތީ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެތައް ބަޔަކަށް އަނިޔާވެ، ގިނަ އަދަދެއްގެ އުޅަނދުތަކަކަށް ގެއްލުން ވެއްޖެ އެވެ.

ބްރިޖުގެ މާލެއާ ވީކޮޅުން ފައިބާ ހިސާބުގައި މި ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑުގައި އައި ޖީޕެއް ކޮންޓްރޯލު ނުވެ، އެހެން އުޅަނދު ތަކުގައި ޖެހިގެންކަމަށް މައުލޫމާތު ލިބެ އެވެ.

ބްރިޖުގައި މި އެކްސިޑެންޓް ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުނި ގޮތުގައި ހާދިސާ ހިނގި ވަގުތު ބާރު އަޑުފައް ގަނޑެއް އިވިގެން ދިޔަ އެވެ. އަދި މި ހާދިސާއާއެކު އެ ސަރަހައްދުގައި ރުއިމާއި ހަޅޭކުގެ އަޑު ފެތުރިގެން ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ. މި ހާދިސާގައި އަނިޔާވުމުގެ ސަބަބުން ކުޑަކުދިންނާއި އަންހެން ވެސް ހޮސްޕިޓަކަށް ގެންދި ކަމަށް އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެ އެވެ. ނަމަވެސް، އަނިޔާވި މީހުންގެ މައުލޫމާތު އަދި ސާފުވާގޮތެއް ނުވެ އެވެ.

ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުންނެވި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މިއީ އެ މަނިކުފާނު މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓް އެވެ.

"ބައެއް ކާރުތަކާއި ސައިކަލެއް ހަލާކުވި. ބާރު އަޑަކާއިއެކު ރުއިމުގެ އަޑު ފެތުރިގެން ދިޔަ،" ސަމާއު ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ބައެއް ފޮޓޯތަކުގައިވާ ގޮތުން، އެކްސިޑެންޓް ވުމުގެ ސަބަބުން ބައެއް އުޅަނދުތައް ވަނީ ވަރަށް ބޮޑަށް ބަނޑިވެ، ހަލާކުވެފަ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ ސިނަ މާލެ ބްރިޖުގައި ހަރުކޮށްފައި ހުރިި ސްޕީޑް ބްރޭކަރުތައް ނެގުމުން ބޮޑު އެކްސިޑެންޓެއް ހިނގައިފާނެ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެފައި ވަނިކޮށެވެ. މި އިންޒާރު ދެއްވި އެއް ބޭފުޅަކީ ސްޕީޑް ބްރޭކަރުތައް ހަރު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.