ރިސޯޓު މުއްދަތު އިތުރު ކުރަން ނަގާ ފައިސާ ޖަމާކުރާ ޓޫރިޒަމް ޓްރަސްޓް ފަންޑުން ކަނޑައެޅޭ އުސޫލެއްގެ މަތިން އަންނަ އަހަރު ފައިސާ ދޫކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުން އަލަށް ނެރޭ ރިސޯޓުތައް އިއުލާނު ކުރަން މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް ޓްރަސްޓް ފަންޑުން އެއް މިލިއަން ރުފިޔާ "ކްރިއޭޓިވް އައިޑިއާސް" ތަކަށް ދޫކުރަން ފަންޑު ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
"އަންނަ އަހަރު ރާއްޖޭގެ ކޮންމެ އަތޮޅަކަށްވެސް ސީއެސްއާރު މިއަށް [ޓްރަސްޓް ފަންޑަ] އަށް އެޕްލައިކޮށްގެން ލިބޭނެ ގޮތް ހަމަޖައްސަދޭނަން. އަދި ޓްރަސްޓް ފަންޑު ކޮމެޓީން މިހާރު ނިންމާފަ އޮތީ އަހަރު އެއްފަހަރު އުސޫލުތައް ކަނޑައެޅިގެން، މިއަށް އެޕްލައިކޮށްގެން،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފައިސާއަކީ އަތޮޅުތަކަށް ދޭ ބައި ނުލައި ދޫކުރާނެ ފައިސާ ކަމަށާއި، މި ފައިސާ ލިބޭނީ ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން ކްރިއޭޓިވް އައިޑިއާސްތަކާއެކު، ނޫނީ އިޖުތިމާއީ ހަރަކާތްތަކާއެކު އައުމުން ކަމަށެވެ.
ޓްރަސްޓް ފަންޑުގައި 24.6 މިލިއަން ރުފިޔާ
ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ހިންގި ހަރަކާތްތަކުގެ މައްޗަށް ނެރެފައިވާ މެގަޒިންގައިވާ ގޮތުން މިދިޔަ 2018 ވަނަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި ހުރީ 1.8 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާރު އެ ފަންޑުގައި ހުރި ފައިސާގެ އަދަދު ވަނީ 24.6 މިިލިއަން ރުފިިޔާ އަށް އިތުރުވެފަ އެވެ.
ޓްރަސްޓް ފަންޑަށް ފައިސާ ޖަމާކުރަނީ ރިސޯޓުތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރަން ނަގާ ފީ އިންނެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މި ސީއެސްއާރު ފައިސާ ޖަމާކުރާނެ އުސޫލެއް ކަނޑައަޅާފަ އެވެ. އަދި މިހާރު މި ފައިސާ ދައްކަން ޖެހެނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ.