މޯލްޑިވްސް ޕޮލިސް ސާވިސް

ފަނޑިޔާރު ޝުޖާއަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންއަށް ހަމަލާ ދޭން މަސައްކަތްކޮށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހައިކޯޓްގެ އިސް ފަނޑިޔާރަށް މަރުގެ އިންޒާރުދިން މައްސަލައިގެ ތުހުމަތަށް ދިވެހި ފިރިހެނަކު މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އުމުރުން 50 އަހަރުގެ އެ މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

ހައި ކޯޓުން ރޭ ބުނީ ޝުޖާއުއަށް މަރުގެ އިންޒާރު ދީފައި ވަނީ މާފުށީގައި އެ ރަށު މެޖިސްޓްރޭޓްއަކާއެކު ކޮފީއެއް ބައްލަވަން އިންދާ ކަމަށެވެ. އަދި އެތަނަށް މީހަކު އައިސް ފަނޑިޔާރަށް ހަމަލާ ދޭން މަސައްކަތްކޮށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ހައި ކޯޓުން ބުންޏެވެ.

އެ މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް ސިޓީއަކުން ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާގައި އެދިފައިވާނެ ކަމަށްވެސް ހައިކޯޓުން ވަނީ ބުނެފައެވެ.