ހަބަރު

ފަނޑިޔާރު ޝުޖާއަށް މަރުގެ އިންޒާރުދިން ކަމަށް ބުނާ މީހާ ދޫކޮށްލައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންއަށް ހަމަލާ ދޭން މަސައްކަތްކޮށް މަރުގެ އިންޒާރުދިން ކަމަށް ބުނާ މީހާ ކޯޓަށް ދެން ދިއުމުން ދޫކޮށްލައިފި އެވެ.

އުމުރުން 50 އަހަރުގެ އެ މީހާ ދޫކޮށްލީ އެކަށީގެންވާ ހެކި ހުށައަޅާފައިނުވާތީ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމުމަށްފަހު އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ވަނީ އަމުރުކޮށްފައެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންއަށް ހަމަލާ ދޭން މަސައްކަތްކޮށް މަރުގެ އިންޒާރުދިން ކަމަށް ބުނެ އެ ހުށައެޅި މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ހައި ކޯޓުން ރޭ ބުނީ ޝުޖާއުއަށް މަރުގެ އިންޒާރު ދީފައި ވަނީ މާފުށީގައި އެ ރަށު މެޖިސްޓްރޭޓްއަކާއެކު ކޮފީއެއް ބައްލަވަން އިންދާ ކަމަށެވެ. އަދި އެތަނަށް މީހަކު އައިސް ފަނޑިޔާރަށް ހަމަލާ ދޭން މަސައްކަތްކޮށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ހައި ކޯޓުން ބުންޏެވެ.