ކުޑަކުދިން ކިޔަވަން ފޮނުވުމާއި، ވެކްސިން ދިނުމަށް އިންކާރުކުރި މައިންބަފައިންގެ އަތުން ނެގި ކުޑަ އަންހެން ކުއްޖާ އަނބުރާ އެ ކުއްޖާގެ މައިންބަފައިންނާއި ހަވާލު ކުރުމަށް ނިންމާފައިނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ރ މަޑުއްވަރީގައި ފުލުުހުން ކުރިއަށް ގެންދާ ވަރުގަދަ އޮޕަރޭޝަންގެ ތެރެއިން ކުޑަކުދިން ކިޔަވަން ފޮނުވުމާއި، ވެކްސިން ދިނުމަށް އިންކާރުކުރި އާއިލާއަކަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކު އެ ކުއްޖާގެ މައިންބަފައިން އަތުން ނަގާ، އާއިލާގެ އެހެން މީހަކާ ވަނީ ހަވާލުކޮށްފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ވެކްސިން ނުދިނުމުން ކަމަށް ބުނެ ދަރިއަކު މައިބަފައިންނާ ވަކި ނުކުރެވޭނެ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔަން ފަށައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާއަށް ނަގާފައި ވަނީ ލިބެންޖެހޭ ހައްގުތަކުން މަހުރޫމްކޮށްފައިވާތީ ކަމަށާއި އެކުއްޖާއަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. އެ ކުއްޖާ އަނބުރާ އާއިލާއާ ހަވާލު ކުރުމަށް އަދި ނިންމާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސްކޫލަށް ނުފޮނުވާތީ އާއި ވެކްސިން ނުދޭތީ ކުއްޖާއަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމްވެފައިވާތީ މިހާރު ކުރަމުންދަނީ ހައްގުތައް ހޯދައިދިނުމުގެ މަސައްކަތް،" އޮފިޝަލް ވިދާޅުވި އެވެ.
އެ ކުއްޖާއަށް މިހާރު ވެކްސިން ދީފިތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އެމައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނެގުމުން ނިންމަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޑުއްވަރީގައި ފުލުުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް ނުވަ ގެއަކާ ދޯންޏެއް ވަނީ ބަލާ ފާސްކޮށްފަ އެވެ. ހަރުކަށި ފިކުރު ފަތުރަމުންދާ ކަމުގެ ތުހުމަތަށް ތިން މީހެއް ވެސް ހައްޔަރު ކުރި އެވެ. އެ މައްސަލާގައި ފުރަތަމަ ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން 34 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ދެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މަޑުއްވަރީން ހައްޔަރުކުރި މީހުންގެ ބަންދާއި މެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.