ހަބަރު

މާފުށީ ޖަލު ފުރިގެން 58 ގައިދީން ދޫނިދޫގައި، އަށް މީހަކު ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަނީ!

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުން ގެންދާ މާފުށީ ޖަލުގައި ޖާގައެއް ނެތިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ތިބި ގައިދީންތައް ހައްގުތަކުން މަހުރޫމްވެފައިވާ ކަމަށް ބުނެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކޮށްފި އެވެ.

ފުލުހުން ބުނީ ކަރެކްޝަންސްއާ ހަވާލު ނުކުރާތީ ހިތްހަމަ ނުޖެހިގެން އަށް ގައިދީއަކު އިއްޔެ ކެއުމަށް އިންކާރުކޮށްފައިވާ ކަމަށާއި އެ މީހުން ކާން އިންކާރު ކުރީ ދެ ނަމްބަރު ޖަލުގައި ތިބެގެން ކަމަށެވެ. އޭގެ ތެރެއިން ހަތް މީހުން މިއަދު ހެނދުނު ކާން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކަރެކްޝަންސްއާ ހަވާލު ކުރަން ޖެހޭ 58 ގައިދީއެއް ހުރި މިވަގުތު ދޫނިދޫ ޖަލުގައި ހުރި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން 50 ގައިދީއަކީ ހުކުމް ތަންފީޒު ކުރަން ހަވާލު ކުރަން ޖެހޭ މީހުން ކަމަށާއި ބާކީ ތިބީ ރިމާންޑްއަށް ހަވާލު ކުރަން ޖެހޭ މީހުން ކަމަށެވެ. ނަމަވެސް ކަރެކްޝަންސްގެ ޖަލުތައް ފުރި ޖާގަ ނެތިގެން އެ މީހުންނާ ހަވާލުވުމަށް އުޒުރުވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.