މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ އެލާޓް ސްޓޭޓަސްއަށް ބަދަލެއް ނާދޭ

ފުލުހުންގެ އެލާޓް ސްޓޭޓަސްއަށް ބަދަލެއް ނާންނަ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިސް ތަރްޖަމާން ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ2" އަށް ބަދަލުކުރި ނަމަވެސް ފުލުހުންގެ އެލާޓް ސްޓޭޓަސްއަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

ނަމަވެސް ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި މާލެ ސިޓީގައި ތަންކޮޅެއް ގިނައިން ވައްކަމުގެ މައްސަލަތައް ހުށަހެޅި ފައިވާތީއާއި އަދި ކުރިއަށް އޮތް އައު އަހަރަށް ކުށް މަދުކުރުމުގެ ގޮތުން، އޮޕަރޭޝަނެއް ފަށާފަށައި ރަށުތެރެ ރަނގަޅަށް ބެލަހައްޓަމުން ގެންދާ ކަމަށެވެ.

"މި އޮޕަރޭޝަންގެ ތެރެއިން މީހުން ހުއްޓުވައި ސުވާލު ކުރުމާއި އަދި އުޅަނދުފަހަރު ހުއްޓުވައި ބަލައިފާސްކުރުން ހިމެނޭނެ." ތަރްޖަމާން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ބުނީ މިރޭ ހަތެއް ޖަހާއިރުން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ2" އަށް ބަދަލު ކުރެވޭނެ ކަމަށެވެ. އެމްއެންޑީއެފްގެ ސްޓޭޓަސް "ޔެލޯ2" އަށް ޖައްސާނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.

އެމްއެންޑީއެފްގެ އެލާޓް މައްޗަށް ޖައްސާފައިވާތީވެ މިރެއިން ފެށިގެން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކް ކުރަމުން ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ނަމަވެސް އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމަށް ވާތީވެ އެމްއެންޑީއެފް އިން އެ މައުލޫމާތުގެ ތަފުސީލުތަކެއް ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފްގެ އެލާޓް މައްޗަށް ޖައްސައި ހިންގާ އެފަދަ އޮޕަރޭޝަންތަކަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމަށް ވާތީވެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރާ ކަމަށް އެ އިދާރާއިން ބުންޏެވެ.